ރާއްޖޭގެ ޚަބަރު

ޤާޟީންނަށް ކުރި ތުހުމަތުތަކުގެ މައުލޫމާތު ދޭން ޖެހިއްޖެ

ކްރިމިނަލް ކޯޓުގެ ބައެއް ޤާޟީންނާއި ގުޅޭގޮތުން މަރާލާފައިވާ މީހުންނާއި ވީނުވީއެއްނޭގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެދިއްޖެ އެވެ.

ސުއޫދުގެ ވާހަކަތަކާ ގުޅިގެން ޑީޖޭއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ސުއޫދު ދެއްކެވި ވާހަކަތަކުގައި ސުޕްރީމް ކޯޓުން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށާއި އެ ވާހަކަތަކުގެ ހަޤީގަތް ހޯދައި އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކަމާ ގުޅޭ މައުލޫމާތާއި ގުޅުން ހުރި ހެކިތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާ ކުރުމަށް އެކޮމިޝަނުގައި އެދިފައިވާ ކަމަށެވެ.

މަރާލާފައިވާ މީހުންނާއި ވީނުވީއެއްނޭގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ފަރާތުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވެފައިވަނީ އެކޮމިޝަނުން ކިތަންމެ ރަނގަޅަށް މައްސަލަތައް ބެލިޔަސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާއެކު އިންސާފު ނުލިބޭނެކަމަށާއި، ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގްތަކުގެ ނުފޫޒު ފޯރާފައިވާކަމަށެވެ.

އެގޮތުން ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި ވަކި ބަޔަކު ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ބައެއް ގޭންގްތަކުން މަސައްކަތް ކުރި ކަމަށެވެ. އަދި ގޭންގްތަކުން ނޮމިނޭޓްކުރާ ފަރާތްތައް ކޯޓުތަކަށް އައްޔަންކުރުމަކީ ހިނގާފައިހުރި ކަންތައްތައްކަމަާއި ފަނޑިޔާރުންގެ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގްތައް ހަރަކާތްތެރިވާ ކަމަށް އެބައްދަލުވުމުގައި ސުއޫދު ވިދާޅުވިއެވެ.

ޑިޖޭއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަތަކަކީ، އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

ސުއޫދު ދެއްކެވި ވާހަކަތަކުގެ މައުލޫމާތު ހިއްސާކުރުމަށް ސްޕްރިމް ކޯޓުން އެދިފައިވާއިރު ސުއޫދު މިހާރުވެސް ހުންނެވީ ޝަރުއީ ދާއިރާއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސެޕްޓެމްބަރު 25 އިން ފެށިގެން ސުޕްރީމް ކޯޓުގެ ސަސްޕެންޝަނެއްގަ އެވެ. އަދި ކްރިމިނަލް ކޯޓުންވެސްވަނީ މީގެ ކުރިންވަނީ ސުއޫދުއަށް އެކޯޓުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *