ރިޕޯޓް

ހައްލަކީ ‘ހުރަސް’؟

ޔޫއެންޑީޕީ އާއި ދިވެހި ސަރުކާރާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ޖާނީ ގުޅިގެން 2008 - 2009 ވަނަ އަހަރާއި ދެމެދު ކުރެވުނު ދިރާސާއަކުން 'ރާއްޖޭގައި އޭޑްސް (މަރުބަލި) ފެތުރެމުން ނުދިޔަނަމަވެސް މިބަލީގެ ނުރައްކާ ވަރަށް ބޮޑު.' ކަމަށް ދެއްކުން އެއީ ދިވެހިންނަށް ދެވުނު ވަރަށް ވަރުގަދަ އިންޒާރެކެވެ. މިއިންޒާރުގެ ރިޕޯޓު ކިތައްމެ ފުރިހަމަވިޔަސް ރިޕޯޓުގައި ބައެއް ކަންކަމުގައި 'ހައްލު' ކަމަށް ބަޔާންކޮށްފައިވާ ކަންކަމީ މިފަދަ ދިރާސީތައް ކުރާ މީހުންގެ ބޮލުގެ ތެތްކަމެއް ނެތްކަން ދޭހަވާކަމެކެވެ. އަދި ދިވެހިންނަށް ދެވޭ ނުރަނގަޅު މެސެޖެކެވެ.

ކޮންމެއަކަސް މިދިރާސާއަށް އަޅުގަނޑާއި އެކު ފީނާލަން ހިންގަވާށެވެ،

މުޅި ރިޕޯޓުންވެސް އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ އެންމެ ނުކުތާއެކެވެ. 'ފިރިހެނުން ހަށި ވިއްކާ މީހުން ކައިރި އަށް ދިއުމުގައި ހުރަސް ބޭނުން ނުކުރުމުގެ ނުރައްކާ ބޮޑުކަން' މިރިޕޯޓުގައި ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. ތިޔަ ބޭފުޅާއަށް އެޕޮއިންޓުގައިވާ ވާހަކަ ފަހުމް ވެއްޖެތޯއެވެ.

ރިޕޯޓު އެކުލަވާލި ބޭފުޅުންނަށް ނުރައްކާ ކަމަކަށްވީ، ހާސްވެ ކަންބޮޑުވީ ފާހިޝް އަމަލު ހިންގާއިރު 'ހުރަސް ބޭނުން ނުކުރާތީ' އެވެ. އެއްވެސް ހާލެއްގައި އެފަދަ މުޑުދާރު އަމަލު ހިންގުމަކީ އެބޭފުޅުންނަށް 'ނުރައްކާ' ކަމަކަށް ނުވިއެވެ. 'ހުރަސް ބޭނުން ނުކުރުމުގެ ނުރައްކާތެރިކަން' ފާހަގަ ކުރުމުގެ ބަދަލުގައި 'ހަށިވިއްކާ މީހުންކައިރިއަށް ގޮސް ޖިންސީ އެދުން ފުއްދުމުގެ ނުރައްކާތެރިކަން' ބޮޑުކަން ފާހަގަ ކުރިނަމަ ވަރަށް ފުރިހަމަ ވީހެވެ. އެހެނަސް ހިތާމައީ 'ހުރަސް' ބޭނުންކޮށްގެން ހަށިވިއްކާ ކަސްބީ އަންހެނުންގާތަށް ދިޔުމަށް ހިތްވަރުދޭފަދަ ގޮތަކަށް ޒިންމާދާރު ފަރާތްތަކުން 'ރިކުއެސްޓް' ކުރާތިއެވެ.

ދާދި ފަހުން ބޭރުގައުމެއްގައި ޝާއިއުކުރި ރިޕޯޓެއްގައިވާގޮތުގައި ޖިންސީ އެދުން ހިންގާއިރު 'ހުރަސް' ބޭނުންކުރިޔަސް 'އެއިޑްސް ވައިރަސް' 'ހުރަސް'ގައިވާ ކުދި ލޯވަޅުތަކުގެ ތެރެއިން 15 ވައިރަސް އަށް އެކުއެކީގައި ދަތުރު ކުރެވޭކަމަށް އިލްމީ ގޮތުން ހޯދިފައިވެއެވެ. އެހެންކަމުން މިކަމުންވެސް ދޭހަވަނީ 'ހުރަސް' ބޭނުންކުރަމަކީ ހައްލެއް ނޫންކަމެވެ.

އެފަދަ ރިޕޯޓުތަކުންނާއި އިޝްތިހާރުތަކުން 'ހުރަސް' ބޭނުން ކުރުމުގެ މުހިންމުކަމުގެ ވާހަކަ އާންމުކުރުމުގެ ނަތީޖާ މިހެރެގެން ފެންނަނީއެވެ. ކައިވެނި ނުކޮށް ޖިންސީ ގުޅުން ހިންގުމުގައި އެންމެ 17 އަހަރުގެ އަންހެންކުދިންވެސް ފާރމަސީތަކުން 'ހުރަސް' ގަނެގެން ދާތަން ފެންނަމުން އެބަދެއެވެ. ނަހަލާލު ކުދިން އުފަން ނުވުމަށް ބޭނުންކުރާ ވަސީލަތަކަށް 'ހުރަސް' ބޭނުން ކުރަމުން އެބަދެއެވެ. ޒިނޭކުރުން 'ބަސްޓު' ނުވާނެ ހައްލަކީ 'ހުރަސް' ކަމުގައި ގަބޫލުކުރާ ދިވެހިން ބައިވަރެވެ.

އަޅުގަނޑުގެ މަގްސަދަކީ މިރިޕޯޓްގެ އަނދިރި ފަރާތް އެކަނި ގެނެސް ހުއްޓާލުމެއް ނޫނެވެ. މިރިޕޯޓުގައި އަޅުގަނޑުމެން ދިވެހިން ސަމާލުވާންޖެހޭ ބައިވަރު ކަންތައްތައް ބަޔާންކޮށްފައިވެއެވެ. 'ކޮންކްލޫޝަން' ބަޔާންކުރުމުގައި 'ކޮރު' ގޮތެއް ހުރިކަމުގައި ވިޔަސްވެހެވެ.

ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ހުލާސާގޮތަކަށް ބަލާލާއިރު މިރިޕޯޓުގައި، ދިވެހި ޒުވާނުން އަވަސް އަވަހަށް 'ބައިވެރިން' ބަދަލުކުރާ މައްސަލައަށް ވަނީ އަލިއަޅުވާލާފައެވެ. ބިޓުންގެ ނަމުގައި، ނުވަތަ ޖާރިޔާއިންގެ ގޮތުގައި ކައިވެނި ނުކޮށް ދެއިރުކާ ބޭހެއްހެން ބައިވެރިޔާ ބަދަލުކުރުމުގެ ގޯސް ސިފައަކީ އެއިޑްސް ފެތުރުމުގެ ފުރުސަތު އޮތްކަމެއް ކަމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މަސްތުވުމުގައި އެއް ކަށްޓެއް ބޭނުންކޮށްގެން ގިނަ ބަޔަކު މަސްތުވާތަކެތި ހަށިގަނޑަށް ޖެހުމުގެ ސަބަބުން އެއިޑްސް ފެތުރުން ގާތް ކަމަށް މިރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ހައްލަކީ އިސްލާމް ދީނެވެ. އިސްލާމް ދީނުގައި ކޮންމެ ކަމަކަށްވެސް ހައްލު ބަޔާން ކޮށްދީފައިވެއެވެ. ބަލިތަކުން ސަލާމަތްވާނެ ގޮތާއި ބަލިޖެހިއްޖެނަމަ އެކަމުން ސަލާމަތްވާނެ ގޮތްވަނީ އަންގަވާފައެވެ. ބަލިޖެހުމުގެ ކުރިން ބަލިޖެހިދާނެ އެންމެހާ ކަންކަމުން ދުރުވެ ހުރުމަށް ބާރުއަޅާފައިވަނީ އިންތިހާއަށެވެ. ޒިނޭގެ ބަދަލުގައި ކައިވެނި ހުއްދަކުރައްވާފައިވެއެވެ. ރިބާގެ ބަދަލުގައި ވިޔަފާރިކުރުންވަނީ ހުއްދަކަމެއްގެ ގޮތުގައި ލައްވަވާފައެވެ. މަސްތުވުމުގެ ބަދަލުގައި ޒިކުރު ކުރުމުން ހިތްހަމަޖެހުން ހާސިލްވުމުގެ މަގުވަނީ ފަހިކޮށްދެއްވާފައެވެ. ހަރާމް ކާނާގެ ބަދަލުގައި ހަލާލް ކާނާ ވަނީ ހުއްދަ ކުރައްވާފައެވެ. ހިތާމައީ އަޅުގަނޑުމެންނަށް 'ހަލާލް' ކަންކަން ގިނަވެފައި 'ހަރާމް' ކަންތައް މަދުވިޔަސް އަޅުގަނޑުމެންނަށް މިއުޅެވެނީ މަދުވެގެންވީ 'ހަރާމް' ކަންތައް ހުއްދަކުރެވޭތޯއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް