ރާއްޖޭގެ ޚަބަރު

ދިވެހިން ތިބޭނީ ފަލަސްތީނާއި އެކުގައި: ރައީސް

ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްތީނުގެ ‏އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ‏ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްވައިފިއެވެ.

ރައީސް އިބްރާހިމް މިފަދައިން ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ފަލަސްތީނުގެ އަމަންއަމާންކަމާއި، އިންސާފުގާއިމުކުރުމުގައާއި ސަލާމަތާއި ރައްކާތެރިކަން ހޯދަދިނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއިއެކު ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުން ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ރާއްޖެއިން ތާއީދުކޮށް ބަލައިގަންނަ ކަމެއް ކަމަށާއި އެފަދަ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ކޮންމެ ޤައުމަކުންވެސް ކުރަން ޖެހޭނެ ކަމެއްކަމަށެވެ.

ރައީސް އިބްރާހިމް ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރާއި އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނަކީވެސް މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އިޒްރޭލުގެ ސަރަހައްދީ ރޮނގާއި ޖެހިގެން ދެގައުމުގެ ގޮތުގައި އޮންނަ އޮތުމަށް އަލުން ރުޖޫއަ ވެގެން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިޒްރޭލާއި ފަލަސްތީނުގައި އަބަދަށް ދެމެހެއްޓެނިވި ގޮތެއްގައި ސުލްހަމަސަލަސްކަން ޤާއިމުކޮށް، ހަނގުރާމަ އާއި ލޭއޮހޮރުވުންތައް ހުއްޓުވޭނީ ދެ ދައުލަތް މަޝްވަރާކުރުމަށް ފުރުޞަތުދީގެން ކަމަށްވެސް ރައީސްގެ މެސެޖްގައި ވިދާޅުވި އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *