"ޢިލްމީ ޚަޒާނާ"ގެ 100 ވަނަ ޕްރޮގްރާމްގައި މަޝްހޫރު 4 ލަވަކިޔުންތެރިން ލަވަކިޔުން ރަސްމީކޮށް ހުއްޓާލަން ހަމަޖެހިފައިވާކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.
މުއުތަބަރު ފަރާތުން އެނގިފައިވާ ގޮތުގައި ރާއްޖޭގެ ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ 4 ލަވަކިޔުންތެރިން މިޔުޒިކާއި ލަވަޔާއި ދުރައްދާނެކަމަށް 'ރަސްމީކޮށް' އިއުލާން ކުރާނެ ކަމަށެވެ. ރާއްޖޭގެ ގިނަ ބަޔެއްގެ އެންމެ މަޤްބޫލު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ހުށައަޅައިދޭ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގައި މިފަދަ މުހިންމު ކަމެއް ނިމިގެން ދިޔުމަކީ އެޕްރޮގްރާމްގެ 100 ވަނަ ޕްރޮގްރާމް ހާއްސަ ވެގެންދާ އިތުރު ސަބަބެކެވެ. 4 ލަވަކިޔުންތެރިންގެ މިނިންމުން އާންމުކުރެވޭ މިޝޯއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު މިޝޯއިން ވަރަށް ގިނަ މައުޟޫމާތުތަކެއް ލިބިގެންދާނެކަމަށް ދަނީ ހަބަރު ލިބެމުންނެވެ.
“ޢިލްމީ ޚަޒާނާ” އަކީ އިސްލާމްދީނަށް ލޯބިކުރާ ވަރަށް ގިނަބަޔަކު ވަރަށް ތަރުޙީބުދޭ އަދި ފޫހިކަމެއްނެތި އަޑުއަހަމުންދާ މުހިންމު ޢިލްމީ ޝޯވްއެކެވެ. ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ނާއިބް ރައީސް ޝައިޚް ޙަސަން މޫސާ ފިކުރީ އާއި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ރާއްޖޭގެ ފުންނާބުއުސް ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ މިޝޯވް އާއްމުކޮށް ހުށަހަޅަމުންގެންދަނީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒް އެވެ. 2010 ގެ ނިޔަލަށް ކޮންމެ ހުކުރުދުވަހެއްގެރޭ 21:30 ން 23:00 ށް ފޮނުވަމުން ދިޔަ މިޝޯވް މިހާރު ދުރަށް ފޮނުވަމުން ގެންދަނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 އަށެވެ.
“ޢިލްމީ ޚަޒާނާ” ގެ 100 ވަނަ ޝޯވް ވެގެންދާނީ ރާއްޖޭގެ ތާރީޚްގައި ދީނީ ޢިލްމުގެ ރޭޑިއޯ ޝޯވްއެއް ފުރަތަމަ ފަހަރަށް ސްޓޫޑިއޯއިން ބޭރުގައި ޢާއްމުންނަށް ހުޅުވާލައިގެން މިހާ ކުލަގަދަކޮށް ބާއްވާ ހުށައެޅުން ކަމުގައެވެ.
ޢިލްމީ ޚަޒާނާގެ ހާއްސަ ކަވަރޭޖް ދިއިސްލާމް އިން ގެނެސްދެމުންދާނެއެވެ. އިންޝާﷲ

ކޮމެންޓް (0)
ލޯޑް ކުރަމުން...