ވާހަކަ

ޙިޖުރަ 22

ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު ލެޕްޓޮޕްގެ ސްކްރީންގެ އަލި ފޭދިގެން ދިޔައެވެ. އެއަށްފަހު މަޑުމަޑުން އަލިވަމުން ގޮސް ފެނިގެން ދިޔައީ ފޮޓޯއެކެވެ. އެ ފޮޓޯގައި ހުރީ ނަވާޒް އޭނަގެ ދެއަތުން ފަސް އަހަރުގެ ޔޫނުސް މައްޗަށް އުފުލައިގެން ހުރި ތަނެވެ. ނަވާޒް ފުރިހަމަ ހިނިތުންވުމެއްގައި ހުރިއިރު ކުޑަކުޑަ ޔޫނުސްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

އޭގެ އަނެއްދުވަހު ސްކޫލުން ގެއަށް ދިޔަ މަގުމަތީގައި ނަޞްރާއަށް ވިސްނެމުން ދިޔައީ އެދުވަހު ސްޓާފް ރޫމްގައި ތިބެ ބައެއް މުދައްރިސުން ދެއްކި ވާހަކައަކާއި މެދުގައެވެ. އެ މީހުން ބުނި ގޮތުގައި މީގެ ދުވަސްތަކެއް ކުރިން އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ވާހަކަ ޚަބަރުތަކުން ކިޔުނަސް، މިއަދު އެޗް.އެން ނިއުސް އާއި އެކީ އެހެނިހެން ޗެނަލްތަކުން ވެސް އެއީ ދޮގު ތުޚުމަތެއް ކަމުގައި ބުނަން ފަށައިފިކަމަށެވެ. އެއް މުދައްރިސަކު ދެކުނު ގޮތުގައި މިހާރު އެހެނިހެން ޗެނަލްތަކުން ވާހަކަ އޮޅުވާލަނީ ނަވާޒް އެ މީހުންނަށް ރިޝްވަތު ދީގެންނެވެ. ނަޞްރާއަށް އެކަހަލަ ވާހަކަތައް އަޑުއަހަން ނުވެސް ހުރެވެއެވެ. އޭނައާއި އެކީގައި މަސައްކަތް ކުރާ ގިނަ މީހުން އޭނަ ހުއްޓާ އެ ވާހަކަތައް ނުވެސް ދައްކާނެއެވެ. އަދި އެޗް.އެން ނިއުސްގެ ވާހަކައެއް އަމުދުންނެއްނޫނެވެ. އޭނައަށް އެ ވާހަކަތައް އިވެނީ ބައެއް މުދައްރިސުން އޭނަގެ ފިރިމީހާއަކީ ކާކުކަން ހަނދާން ނެތިފައި ތިބޭ ވަގުތުތަކުގައެވެ.

ނަޞްރާއަށް ވިސްނަމުން ގޮސް ފުން ނޭވައެއް ދޫކޮއްލެވުނެވެ. އޭނަ ޔޫނުސްއާއި މި ވާހަކަ ދައްކަން ބޭނުންވިއެވެ. މި ވާހަކަތަކަކީ ޙަޤީޤަތެއްތޯ ނުވަތަ ނޫންތޯ ޔަޤީންކުރަން ބޭނުންވިއެވެ. ޙަޤީޤަތަކަށް ވާނަމަ ބައްޕައަށްޓަކައި ވިޔަސް އެކަހަލަ ތަނެއްގައި މަސައްކަތް ކުރަން ނުވާނެކަން އޭނަ ޔޫނުސްއަށް ވިސްނައިދޭންވާނެއެވެ. ބައްޕަގެ އަމުރަކަށް ވިޔަސް ނުބައި ކަމެއް ކޮށްގެން ނުވާނެކަން އަންގަންވާނެއެވެ. ނަމަވެސް މި ވާހަކަތައް ކިޔައިދޭން އޭނައަކީ ވަކި ކާކުހެއްޔޭ ނަޞްރާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އޭނައަކީ އަދި ވަކި މާ ރަނގަޅު މީހެއް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމުން ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މުޅި މާޒީ ލޯ ކުރިމަތިން ސިފަވެގެން ދިޔަހެން ނަޞްރާއަށް ހީވިއެވެ. އެއާއެކު ނަޞްރާގެ ހިނގުން ލަސްވިއެވެ. ކަމަކާއިމެދު އުނދަގޫވެގެން އުޅޭފަދަ ގޮތަކަށް އޭނައަށް ދެލޯ މަރާލެވުނެވެ. އޭނައަކީ އެއްވެސް ރަނގަޅު މީހެއްނޫނޭ ހިތަށްއެރިއެވެ. އޭނަގެ ނަޒަރުގައި ޔޫނުސް ވެސް އޭނައަށްވުރެ މާ ހެވެވެ. ޔޫނުސްއަށް އޭނަގެ މާޒީގައި ކުރެވުނުހާ ކަމެއް ކުރެވުނީ އޭނައަށް ދިމާވި ޙާލަތްތަކެއްގެ ސަބަބުންނެވެ. ނަމަވެސް އޭނަ އޭނަގެ މާޒީގައި ހުރިހާ ކަމެއް ކުރީ ގަސްދުގައެވެ. ނަޞްރާއަށް އިސްޖަހާލެވުނެވެ. އޭނަ އަދި މި ވާހަކަތައް ޔޫނުސްއަށް ކިޔައިދޭންވާނެއޭ ހިތް ބުނުމުން އެކަމަށްޓަކައި އޭނަގެ ދޫ މަސައްކަތް ނުކުރާނެހެން އެވަގުތު ނަޞްރާއަށް ހީވިއެވެ. އެ ވާހަކަތައް ހަމަ ގައިމުވެސް އޭނައަށް އަނގަ ބަހުން ކިޔައެއް ނުދެވޭނެއެވެ. އެ ވާހަކަތައް އިވިފައި ޔޫނުސްއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. ކައިވެނީގެ ކުރިން އޭނަ ކޮންމެ ކަމެއް ކޮށްފައިވިޔަސް މަޢާފުކޮށްފާނަމޭ ޔޫނުސް ބުންޏަސް އޭނަ ޙަޤީޤަތުގައި ކުރީ ކޮންކަމެއްކަން އެނގުމުން ޔޫނުސްއަށް މަޢާފުކޮށްދެވޭނެ ކަމާއިމެދު ނަޞްރާއަށް ޝައްކު ކުރެވުނެވެ. ހަމަ އެއާއެކު ނަޞްރާގެ ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔައެވެ. ޔޫނުސް އޭނައާއި ދިމާލަށް މިއީ ތިމަންނަ އުއްމީދު ކުރި ގޮތެއްނޫނޭ ބުނާފަދަ ނަޒަރަކުން ބަލަހައްޓައިގެން ހުންނަތަން ސިފަކުރެވުމުން ނަޞްރާގެ ލޯ ތެމުނެވެ. ޔޫނުސްއަށް އޭނަގެ ސިއްރުތައް މުޅި ޢުމުރަށް ސިއްރުކުރާނީއޭ ހިތަށްއެރިއެވެ. އެހެނަސް އެއީ ވާނެކަމެއްނޫންކަން އެނގި ނަޞްރާ ޔޫނުސްއަށް ހުރިހާ ވާހަކައެއް ކިޔަދެވޭނެ ގޮތަކާއިމެދު ވިސްނަން ފެށިއެވެ.

ފަހަކަށް އައިސް އަފްރީންގެ ކަމަކީ އަބަދުވެސް ކޮޓަރީގެ އެނދުމަތީގައި އިނދެ ޔޫޓިއުބް ވީޑިޔޯތައް ބެލުމެވެ. އާޔަތުލް ކުރުސީގައި ޖުމްލަތައް އެތުރިފައިވި ގޮތް ފެނިފައި އަފްރީން ޤުރުއާނާއި ބެހޭ ގޮތުން އިތުރަށް އެނގެން ބޭނުންވިއެވެ. މި ގޮތުން އޭނަ ޔޫޓިއުބްއިން ފެނުނު އެކި ލެކްޗަރުތައް ބަލަން ފެށިއެވެ. ލެކްޗަރުތައް ބަލަމުން ދިޔައިރު އޭނަ ފޫހި ނުވީގޮތުން ޚުދު އަފްރީން ވެސް ޙައިރާންވިއެވެ. އޭނައަކީ ދުވަހަކުވެސް ލެކްޗަރެއް ބަލާހިތުން ބެލި މީހެއްނޫނެވެ. ނަމަވެސް ﷲ އާއިމެދު އިތުރަށް އުނގެނެމުން ދިޔަ ވަރަކަށް އޭނަގެ ހިތް ބަދަލުވަމުން ދިޔައެވެ. އަފްރީން އެންމެ ޙައިރާންވީ ރަޙްމާން ސޫރަތުން ލިބޭ ފިލާވަޅުތައް ހުރި ލެކްޗަރެއް ބަލާފައެވެ. އޭތި ބެލުމުގެ ކުރިން ﷲ އަކީ އެކަލާނގެ އަޅުންދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެ ކަމުގައި އޭނަ ނުދެނެހުރިހެން އަފްރީންއަށް ހީވިއެވެ. ފުރަތަމަ ފަހަރާއި ޚިލާފަށް މިފަހަރު ﷲ ގެ ލޯބިފުޅާއި ބެހޭ ވާހަކަތައް އިވުމުން އަފްރީންއަށް ނޭނގި އޭނަގެ ލޮލުން ކަރުނަ ފައިބައިގެން އައެވެ.

ޤުރުއާނުގެ އާޔަތްތަކަށްޓަކައި އަފްރީންގެ ހިތުގައި ދުވަހަކުވެސް ނުވާފަދަ ލޯތްބެއް އުފެދުނެވެ. އޭނަ އެންމެނާއި މި ވާހަކަ ޙިއްޞާކުރަން ބޭނުންވިއެވެ. އެހެންކަމުން އޭނަ އެއްދުވަހު ނައުފާއަށް ގުޅާފައި އޭނަގެ ގެއަށް ޒިޔާރަތް ކޮށްދިނުމަށް އެދުނެވެ. ނައުފާ މީގެ އެއް ހަފްތާ ކުރިން ލަންކާއަށް ފުރުމުގެ ކުރިން ވެސް އަފްރީންއާއި ބައްދަލުކުރަން އައެވެ. ނަމަވެސް އޭރު އަފްރީން ނައުފާއަށް އޭނަ ބަލަމުން ދިޔަ ލެކްޗަރުތައް ދައްކާ ހިތެއް ނުވިއެވެ. ނައުފާ އޭނަ ކަޓުވެއްޖެއޭ ބުނެފާނެތީ ޖެހިލުންވިއެވެ. ނަމަވެސް މިހާރު އަފްރީންއަށް ކުރެވެނީ މުޅިން އެހެން ކަހަލަ އިޙްޞާޞެކެވެ. މިހާރު އޭނަ އިންތިހާއަށް ބޭނުންވަނީ އޭނައަށް ޤުރުއާނާއިބެހޭ ގޮތުން އެނގުނު އެއްޗެއް އެހެން މީހަކަށް ކިޔައިދޭށެވެ. ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނުމުގެ ސަބަބުން އޭނައަށް ލިބުނުފަދަ ހިތްހަމަޖެހުމެއް އެހެން މީހުންނަށް ވެސް އިޙްޞާޞް ކުރުވޭތޯ ބެލުމަށެވެ.

ނައުފާއަށް އަފްރީންގެ ގެއަށް އާދެވުނީ އަފްރީންގެ އަތުގައި އެޅިފައި ހުރި ޕްލާސްޓަރު ނެގި ދުވަހުއެވެ. އޭނަގެ ފައިގައިވި ޕްލާސްޓަރު ނެގެނީ އޭގެ އެއްހަފްތާ ފަހުންނެވެ. އެހެންކަމުން އަފްރީން އެ ދުވަހު ވެސް ނައުފާއާއި ބައްދަލުވީ އޭނަ ކޮޓަރީގެ އެނދުގައި އިންދައެވެ. ނައުފާ އަފްރީންގެ ކައިރީގައި އެނދުގައި އިށީނުމުން އަފްރީން އޭނަގެ ލެޕްޓޮޕް ނަގައި ވަރަށް ސަޅި އެއްޗެއް ދައްކާނަމޭ ކިޔާފައި އާޔަތުލް ކުރުސިއާއި ބެހޭ ވީޑިޔޯ ދެއްކިއެވެ. އަފްރީން އުޖާލާވި ހިނިތުންވުމަކާއެކީ އޭތި ބަލަން އިންއިރު ނައުފާ އިނީ އެއްވެސް އަސަރެއް ނެތް ގޮތަކަށް ބަލަހައްޓައިގެންނެވެ.

"ވަރަށް އޯސަމްދޯ؟" ވީޑިޔޯ ނިމުމުން އަފްރީން ނައުފާއަށް ބަލައި ފޯރިއާއެކީ ބުނެލިއެވެ.

"ހުމް....ކޫލް." ނައުފާ ދިން ފިނި ޖަވާބުން އަފްރީންގެ ހިނިތުންވުން ފަނޑުވިއެވެ. އެއީ އޭނަ ނައުފާގެ ފަރާތުން އުއްމީދުކުރި ފަދަ ޖަވާބެއްނޫނެވެ. އަފްރީން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ނައުފާ ވާހަކަ ދެއްކިއެވެ. ނައުފާ ފުރިހަމަ ހިނިތުންވުމަކާއެކީ ބުނެލީ ކޮންމެވެސް ލަވަ ކިޔުންތެރިއެއްގެ އާ އަލްބަމެއް ނިކުތް ވާހަކައެވެ. އަފްރީންއަށް އެއީ ކޮން ލަވަ ކިޔުންތެރިއެއްކަން ނޭނގިގެން އޭނަ ނައުފާ ގާތު ސުވާލު ކުރިއެވެ. އަފްރީންއަށް ނޭނގުނީތީ ނައުފާ ދެލޯ ބޮޑުކޮށް އަނގަ ހުޅުވާލިއެވެ. އަދި އެ ލަވަ ކިޔުންތެރިޔާއަކީ އަފްރީންއަށް އެންމެ ކަމުދާ ލަވަ ކިޔުންތެރިޔާ ކަމުގައި ބުނެލިއެވެ. ނައުފާ އެހެން ބުނުމުން އަފްރީންއަށް އެއީ ކާކުކަން އެނގުނެވެ. އެއާއެކު އޭނަ ޙައިރާން ވެސްވިއެވެ. އޭނަ އޭނައަށް އެންމެ ކަމުދާ ލަވަ ކިޔުންތެރިޔާ މަތިން ހަނދާން ނެތުނީ ކޮން ދުވަހަކުބާއޭ ހިތަށްއެރިއެވެ. އޭނަ ލަވައެއް ނުޖަހާތާ އެތައް ދުވަހެއްވެފައިވިކަން ވެސް އަފްރީންއަށް އެނގުންވީ އެވަގުތެވެ. އޭނައަށް ނުވެސް އެނގި އެކަމާއި ދުރުވެވުނު ގޮތާއިމެދު އަފްރީން އަންތަރީސްވިއެވެ. އޭނައަށް ދުރުވެވުނީ ހަމައެކަނި އެކަމުންނެއް ނޫންކަން އަފްރީންއަށް އެނގުނީ ނައުފާ އިތުރަށް ވާހަކަ ދެއްކުމުންނެވެ. ނައުފާ ކޮންމެވެސް ސީރީސްއެއްގެ 8 ވަނަ ސީޒަންއެއްގެ ވާހަކަ ދެއްކުމުން އެއީ ކޮން ސީރީސްއެއްކަން ނަގައިގަންނަން ވެސް އަފްރީންއަށް ވަގުތުކޮޅެއް ނެގިއެވެ. އޭނަ އެންމެ ފަހަކަށް ބެލީ އެ ސީރީސްގެ ކޮން ސީޒަނެއް ކަމެއްވެސް އަފްރީން ހަނދާނެއްނެތެވެ. އަފްރީން އެއްވެސް އެއްޗެކޭ ނުކިޔާ އިންދާ ނައުފާ އިހަކަށް ދުވަހު ނިކުތް ފިލްމެއްގެ ވާހަކަ ދެއްކުމުން އެއީ ކޮން ފިލްމެއްގެ ވާހަކަ ކަމެއްވެސް އަފްރީންއަކަށް ނޭނގުނެވެ. އެވެސް ވެގެން ދިޔައީ ނައުފާއާއެކީ އަފްރީން ވެސް އަޖާއިބުވެގެން ދިޔަ ކަމަކަށެވެ. މީގެ ކުރިން ފިލްމެއް ނިކުތިއްޔާ އެ ފިލްމު ނިކުތް ދުވަހާއި ފިލްމުގަ އުޅޭ ތަރިންނާއި ފިލްމަށް ލިބުނު ފައިދާއާއި އެހެނިހެން ތަރިން ފިލްމާއި ބެހޭގޮތުން ބުނެފައިވާ ވާހަކަތަކަށް ދަންދެން އަފްރީންއަށް އެނގޭނެއެވެ. ނަމަވެސް މިއަދު އަފްރީންއަށް ފިލްމެއް ނިކުތް ކަމެއްވެސް ނޭނގެއެވެ.

"ސީރިއަސްލީ އަފޫ ވަޓްސް ރޯންގް ވިތް ޔޫ؟ އަފޫ ކީއްތަ ކުރީ މިހާ ދުވަހު ގޭގަ ހުރެގެން؟" ނައުފާއަށް އެންމެ ފަހަކަށް އަހާލިއެވެ. އަފްރީން އޭނަގެ މޫނުގައި ދެއަތް އަޅާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން ދެއަތް ތިރިއަށް ހިންގަމުން މޫނުން ދެއަތް ނަގާލިއެވެ.

"ނޭނގެ ނައު މިވެގެން އުޅޭ ގޮތެއް....އަފޫ މި ދުވަސްކޮޅު ހަމަ މައިގަނޑު ގޮތެއްގަ ޔޫޓިއުބްއިން ލެކްޗާރސްތައް ބެލީ. ނައުއަށް ޤަބޫލު ކުރެވުނަސް ނުކުރެވުނަސް މި ނޫންކަމެއް އަފޫ ކުރާހިތެއްނުވީ. ހަމަ އަސްލުވެސް ވަރަށް ސަޅިއޭ މި އެއްޗެހި. ނައު، އަހަރުމެންނަށް ޤުރުއާނާއި ބެހޭ ގޮތުން ނޭނގޭ ބައިވަރު ކަންތައް އެބަހުރި. އެނގުނީމަ ކިހާ އޯވްސަމްކަން އެނގޭނީ. އަފޫ ނައުއަށް ލިންކްތައް ފޮނު....." އަފްރީންއަށް ހެވިފައިހުރެ އެހާ ހިސާބަށް ބުނެލެވުނުތަނާ ނައުފާ ވާހަކަ ދެއްކިއެވެ.

"އަފޫ ޕްލީޒް! ކިހިނެއްވެގެންތަ އަފޫ ތި އުޅެނީ؟ ތިއީ ހަމަ އަފޫތަ؟ ވެދާނެ އަފޫގެ ދޮންތަގެ ސަބަބުން އަފޫ ތި އެއްޗެއްސަށް ޝައުޤުވެރިވީ ކަމަށްވެސް. ބަޓް އައިމް ނޮޓް އިންޓްރެސްޓެޑް. އަހަރެން ޝައުޤުވެރިވާކަށް ވެސް ބޭނުމެއްނޫން. އަހަރެން ބޭނުމެއްނޫން އަފޫގެ ދޮންތަމެން އުޅޭ ކަހަލަ ބޯރިންގް ލައިފެއް އުޅޭކަށް. ދެން އަފޫ ވެސް މީގެ އަހަރުތަކެއްފަހުން ފެންނާނީ މޫނު ބުރުގާ އަޅައިގެން ހުއްޓާދޯ؟ ސީރިއަސްލީ އަފޫ!" ނައުފާ މި ފަހަރު ވާހަކަ ދެއްކީ ނުރުހުންތެރިކަމާއެކީ އަޑު ހަރުކޮށެވެ. އަފްރީންއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނަ ކައިރީގައި މިއިނީ އޭނަގެ އެންމެ ގާތް އެކުވެރިޔާހޭ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. އަފްރީން އެއްވެސް އެއްޗެކޭ ނުބުނެ ނައުފާއަށް ބަލަން އިންދާ ނައުފާ ފުން ނޭވައެއް އެތެރެއަށް ދަމަމުން އިސްޖަހާލިއެވެ. އަދި އިރުކޮޅެއްފަހުން އިސްއުފުލާލިއެވެ.

"ލުކް އަފޫ. ޔޫ އާރ މައި ބެސްޓް ފްރެންޑް. އެކަމަކު އަފޫއަށް އެނގެއެއްނު އަހަރެން ތި ކަހަލަ ކަންކަމަށް އިންޓްރެސްޓް ނުހުންނަކަން؟ ކުރީގަ އަފޫ ވެސް ނުހުރެއެއްނު؟ ސޯ ޕްލީޒް ޓްރައި އެންޑް އަންޑަސްޓޭންޑް. ހިނގާބަލަ އެހެން ވާހަކައެއް ދައްކަން." ނައުފާ އަފްރީންގެ ކޮނޑުގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. އަފްރީން އެއްފަހަރު އެއަތަށް އަނެއްފަހަރު ނައުފާއަށް ބަލާލިއެވެ.

"އަފޫއަކަށް ނޭނގޭ ދައްކާނެ އެހެން ވާހަކައެއް. ނައުފާ ތި ދައްކާ އެއްވެސް ފިލްމެއްގެ ވާހަކައެއް އަފޫއަކަށް ނޭނގޭ.......އެހެންވީމަ، ނައު ދެން މިރޭ ދިޔަޔަސް ހެޔޮ. ދެން ދަޢުވަތު ދޭނީ ފަހުގެ ހުރިހާ ފިލްމެއް ޑައުންލޯޑްކޮށްފަ. އެ ދުވަހަކުން ދެ މީހުން އެކީގަ ފިލްމެއް ބަލާނީދޯ؟" އަފްރީން ހިނިތުންވުމަކާއެކީ ބުނެލިއެވެ. އޭނަ ބޭނުންވީ އޭނަގެ އެކުވެރިޔާ އުފާކޮށްދޭށެވެ. އަދި އެހެންނޫނަސް ފިލްމެއް ބެލިއަސް އޭގައި އޮތް މައްސަލައަކީ ކޮބައިބާވައޭ އަފްރީންގެ ހިތް ބުންޏެވެ. ނައުފާ ހިނިތުންވުމަކާއެކީ އާނއެކޭ ބުނެލުމުން އަފްރީންގެ ހިނިތުންވުން ފުންވިއެވެ. އޭގެ އިރުކޮޅެއްނުވެ ނައުފާ އޭނަގެ ބޭބެއަށް ގުޅައި ބަލާ އައިސް ދިނުމަށް އެދުނެވެ.

ނައުފާ ދިޔުމުން އެރޭ އަފްރީން އެތައް ދުވަހަކަށްފަހު ޔޫޓިއުބް ކްލޯޒްކޮށްފައި ގޫގުލްއަށް ދިޔައެވެ. ގޫގުލް އިން އޭނަ ސާރޗްކޮށްލީ އެންމެ ފަހުގެ ފިލްމުތަކާއި ބެހޭ މަޢުލޫމާތެވެ. ގޫގުލް އިން ފޭސްބުކްގެ ލިންކެއް ފެނިފައި އޭނަ ފޭސްބުކަށް ނުވަންނަތާވެސް އެތައް ދުވަހެއްވެފައި ވިކަން އަފްރީންއަށް އެނގުންވިއެވެ. އޭނަ ފޭސްބުކަށް ވަތްއިރު އެތައް ނޮޓިފިކޭޝަނަކާއި މެސެޖަކާއި ފްރެންޑް ރިކުއެސްޓެއް ލިބިފައި ހުއްޓެވެ. އަފްރީން މާ ބޮޑު ފަރުވާލެއް ނުދީ އެ ތިން ތަނަށް ވެސް ކްލިކްކޮށްފައި ސްކްރޯލްކުރަން ފެށިއެވެ. ސްކްރޯލް ކުރަމުން ދަނިކޮށް ފިރިހެން ކުއްޖެއްގެ ޕްރޮފައިލް ޕިކްޗަރ ފެނިފައި އަފްރީންއަށް ބޭ އިޚްތިޔާރުގައި އަވަސްއަވަހަށް ތިރިއަށް ސްކްރޯލްކޮށްލެވުނެވެ. މާ ގިނައިރެއްނުވެ އެހެން ފިރިހެން ކުއްޖެއްގެ ފޮޓޯ ފެނިފައި ވެސް ވީ އެހެންނެވެ. އަފްރީންއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނައަށް ފިރިހެން ކުއްޖެއްގެ ފޮޓޯއަށް ބަލަން އެހާ އުނދަގުލީ ކީއްވެ ހެއްޔެވެ؟ މިއީ ކުރީގައި އޭނަ އުޅުނު ގޮތެއްނޫނެވެ. އޭނައަށް ނުހަނު ފަސޭހައިން އެ ފޮޓޯތަކަށް ލައިކްވެސް ދީ ކޮމެންޓް ވެސް ކުރެވެއެވެ. އަފްރީން އޭނަ ކުރީގައި ކޮށްފައިވާ ކަންތައް ބެލުމަށްޓަކައި އޭނަގެ ޕްރޮފައިލަށްވަނެވެ. އޭނަގެ ޕްރޮފައިލް ޕިކްޗާރއަކަށް ސިނާން ކުރަހާފައި ހުރި ކުރެހުމެއް ހުރިތަން ފެނިފައި އަފްރީން އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. އަފްރީން އޭނަގެ ޕްރޮފައިލް ބަލަމުން ދިޔަވަރަކަށް އިތުރަށް ނުރުހުންވަމުން ދިޔައެވެ. އޭނަގެ ޕްރޮފައިލް ޕިކްޗާރތަކަށް ހަމައެކަނި ފިރިހެން ކުދިން ކޮމެންޓްކޮށްފައި ހުރިތަން ފެނިފައި ލަދުގަތެވެ. އޭނަ މި ގޮތަށް ކަންތައްވިޔަ ދިނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ކޮންމެވެސް އެއް އިރެއްގައި އޭނަ ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖަކު ތިމަންނައަށް މި ފޮޓޯއަށް ބަލައިގެން އެތައް އިރެއް ވަންދެން ހުރެވިދާނެއޭ ލިޔެފައި އޮތްތަން ފެނިފައި ބަލާނެ ކަމެއްނެތޭ ބުނެ އަފްރީންގެ ހިތް ހަޅޭއްލެވިއެވެ. ނަމަވެސް އެ ފޮޓޯ ލީ ޚުދު އޭނަ އަމިއްލައަށްކަން ހަނދާންވުމުން އަފްރީންގެ ހިތް މައިތިރިވިއެވެ. ޕްރޮފައިލްގެ ވަކި ހިސާބަކުން އޭނަ ލައިކްކޮށްފައި ހުރި ފިލްމުތަކުގެ ނަންތަކާއި ފޮޓޯތައް ފެނިފައި އަފްރީންއަށް ދުރުބެލެން ފެށިއެވެ. އަވަސްއަވަހަށް ތިރިއަށް ސްކްރޯލް ކޮށްލުމުން އޭނަ ލިޔެފައި ހުރި ސްޓޭޓަސްތަކުގައި ހުރި ގޯސް ބަސްތައް ފެނިފައި އަފްރީން ހޮޑުލާން ބޭނުންވިއެވެ. އަފްރީން ކެތްނުވާ ހިސާބަށް ދިޔުމުން އެ ވިންޑޯ އެއްކޮށް ކްލޯޒްކޮށްލިއެވެ. އެއާއެކު ޑެސްކްޓޮޕްއިން ފިލްމުތަކާއި ސީރީސްތަކުގެ ފޯލްޑާއެއް ފެނިފައި އަފްރީން އޭތި ހުޅުވިއެވެ. ފިލްމުތަކުގެ ތެރެއިން ސްކްރޯލް ކުރަމުން ދިޔައިރު އޭގެއިން ބައެއް ފިލްމުތަކުގައި ހުރި ހުތުރު މަންޒަރުތައް ލޮލަށް ސިފަވަމުން ދިޔުމުން އަފްރީންއަށް ދެލޯ މަރާލަމުން ބޯހޫރުވާލެވުނެވެ. އެއީ ހަމަ އަސްލުވެސް އޭނަ ބެލި މަންޒަރުތަކެއްހޭ ހިތަށްއެރިއެވެ. އާނއެކެވެ. އޭގެއިން ގިނަ ފިލްމުތަކަކީ އެފަދަ މަންޒަރުތައް ހުންނާނެކަން އޭނައަށް ކަނޑައެޅިގެން އެނގިހުރެ ޑައުންލޯޑްކުރި ފިލްމުތަކެވެ. އޭނަ އޮޅުވާލަން އުޅުނީ ކާކަށް ހެއްޔެވެ؟ ފިލްމުތައް ޑައުންލޯޑްކުރި އިރު އޭނަ ހުރީ އެ މަންޒަރުތަކާއި ހަމައަށް ދިޔުމުން ދުރު ބަލާ ގޮތަށް ނިންމައިގެންނެވެ. ނަމަވެސް ކޮޓަރީގެ ދޮރު ތަޅުލައިގެން އިންނައިރު އެގޮތަކަށް ކަންތައް ނުވެއެވެ. އެއީ ނުބައި ކަމެއް ކަމުގައި ވެސް އޭނަ ނުދެކުނެވެ. ބައްޕައަށް ނޭނގޭހާ ހިނދަކު ރަނގަޅުވާނެއޭ ބުނެ އަމިއްލަ ނަފްސަށް ވިސްނައިދެމުން އޭނަ ދިޔައެވެ. ނަމަވެސް އޭނަ އެ މަންޒަރުތައް ބެލިއިރު ބައްޕަ ނެތަސް ﷲ ވޮޑިގެންވިއެއްނޫން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމުން އަފްރީންއަށް ނޭނގި އޭނަގެ ލޯ ތެމުނެވެ. ކުއްލިއަކަށް އޭނަ ކޮޓަރީގައި ހުރީ އެކަންޏެއްނޫންހެން އިޙްޞާޞް ކުރެވުނެވެ. ﷲ އަބަދުވެސް ވޮޑިގެންވިއެވެ. އޭނަ ފިރިހެން ކުދިންނާއި ގައިގޯޅިވެގެން އުޅުނުއިރު ﷲ ވޮޑިގެންވިއެވެ. އޭނަ ހުތުރު ބަހުން ވާހަކަ ދެއްކިއިރު ﷲ އެ އަޑު އައްސަވައިވޮޑިގެންވިއެވެ. އޭނަ ބައްޕައަށް އެތައް ކަމެއް އޮޅުވާލިޔަސް އޭނައަށް އެއްވެސް ކަމެއް ﷲއަށް އޮޅުވާލެވިފައެއް ނުވާނެއެވެ. އޭނަ އޭނަގެ އަމިއްލަ ނަފްސަށް ދޮގު ހެދިއިރު ވެސް ﷲ މޮޅަށް ދެނެވޮޑިގެންވިއެވެ. އެހެނަސް ﷲ އޭނައަށް ވަގުތުން ވޭންދެނިވި ޢަޒާބެއް ނުފޮނުއްވައެވެ. އޭގެ ބަދަލުގައި އޭނައަށް ނިޢުމަތްތައް އިތުރުކުރެއްވިއެވެ. އަފްރީން ދެލޯ މަރާލި ވަގުތު އޭނަގެ ކޯތާފަތް ތެމުނެވެ. އޭނައަށް ދެލޯ ތަގުޅިކޮށްލަމުން ގިސްލެވެން ފެށިއެވެ. އޭނަ ފާފަ ފުއްސެވުމަށްއެދި ދުޢާކުރަން ބޭނުންވިއެވެ. ނޭނގޭ ސަބަބަކާހުރެ ނަމާދުކުރާ ހިތްވިއެވެ. އޭނަ އެކްސިޑެންޓްވީ ދުވަސްފަހުން ނަމާދު ނުކުރާކަން ހަނދާންވުމުން އަފްރީންއަށް އިތުރަށް ރޮވުނެވެ. ދޮންތަ ނަމާދު ކުރުވަން އުޅުމުން ވެސް އޭނަ ނުވާނެއޭ ކިޔައި ދޮންތަ ފައްސާލީއެވެ. އެ ދުވަސް ހަނދާންވެފައި އަފްރީންއަށް ދޮންތާއޭ ކިޔައި ބާރަށް ގޮވާލެވުނެވެ. އޭގެ އިރުކޮޅެއްނުވެ ޝަރީފާއި ނަޞްރާ އެ ކޮޓަރިއަށް ވަދެގެން އައެވެ. ނަޞްރާ އައިސް އަފްރީންގެ މޫނުގައި ދެއަތުން ހިފައި ކިހިނެއްވީތޯ ސުވާލުކުރިއެވެ. އަފްރީން އެތައް ވަރަކުން ތިމަންނަ ނަމާދު ކުރާށޭ ބުނެލިއެވެ. ނަޞްރާއަށާއި ޝަރީފަށް ލިބުނު ޙައިރާންކަމެއްގެ ސަބަބުން ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އަފްރީން ހުއްޓުމެއްނެތި ރޮމުން ދިޔައީތީ ނަޞްރާ ވަކި އެއްޗެކޭ ނުބުނެ އަފްރީންއަށް ވުޟޫ ކުރުމުގައި އެހީވެދިނެވެ.

އަފްރީން އެރޭ ކުރީ އޭނަގެ މުޅި ޙަޔާތުގައި ވެސް ކުރި އެންމެ ދިގު ޢިޝާ ނަމާދެވެ. ނަމާދު ތެރޭގައި އޭނައަށް އެއްފަހަރު ވެސް ރުއިން ނުހުއްޓެވެ. އިށީނދެ އިނދެ ސަޖިދައަށް ގޮސް އޭނަ ތެދުވާ ހިތެއްވެސް ނުވެއެވެ. އޭނައަށް ޒިކުރުތައް ކިޔެމުން ދިޔައީ ވެސް ކެނޑިކެނޑިގެންނެވެ. ނަމާދުކޮށް ނިމި ދެއަތް އުފުލާލަމުން އެއްޗެކޭ ކިޔަން އުޅުމުން ވެސް އޭނައަށް މިފަހަރު ކުރިއަށް ނުގެންދެވުނީ އެއީ މޮޔަކަމެކޭ ހިތަށް އެރީތީވެއެއް ނޫނެވެ. އޭނަ ﷲ އަށް އުރެދުމަކަށް ކޮށްފައިވާ ކަންތައްތައް ހަނދާންވެފައި ﷲ އަށް ދުޢާ ކުރަން އޭނައަކީ ކާކުހޭ ހިތަށްއެރީތީވެއެވެ. ނަމަވެސް ﷲ އަކީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެކަން ހަނދާންވުމުން އަފްރީންއަށް ހިތްވަރެއް ލިބުނެވެ. އޭނަގެ ހުރިހާ ފާފައެއް ފުއްސެވުމަށް އެދި އަފްރީންއަށް ތަކުރާރުކޮށް ދުޢާކުރެވުނެވެ. އޭނަ އޭނަގެ ހުރިހާ ނުބައި އާދައެއް ދޫކޮއްލާނެކަމަށް ﷲ އާއި ވަޢުދުވިއެވެ. އަދި އެކަމުގައި އޭނައަށް އެހީވެދެއްވުމަށް އެދި ދުޢާކުރިއެވެ. ދުޢާކޮށް ނިމުނުއިރު އަފްރީންއަށް ހީވީ އޭނައަށް ދުވަހަކުވެސް ނުލިބޭފަދަ ސާބިތުކަމެއް ލިބުނު ހެންނެވެ. އަފްރީން އޭނަގެ ދޮޅި ނަގާލަމުން ގޮނޑިން ތެދުވެ ކައިރީގައި ހުރި އެނދުގައި އިށީނެވެ. އަދި އޭނަގެ ބަރު ފައި އުފުއްލަމުން އެނދަށް ރަނގަޅަށް އަރައި ހެޑްބޯޑްމަތީގައި އޮތް އޭނަގެ ލެޕްޓޮޕް ނެގިއެވެ. އޭތި ހުޅުވައި އަފްރީން އޭނަގެ ފޭސްބުކް އައިޑީ ޑިލީޓްކޮށްލިއެވެ. އެއަށްފަހު އާ ފޭސްބުކް އައިޑީއެއް ހުޅުވައި މާ ބޮޑުކަމެއް ނުކޮށް ފޭސްބުކް އިން ނިކުތެވެ. އެއަށްފަހު އޭނަގެ ލެޕްޓޮޕް ފޯމެޓް ކުރުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން އަފްރީން އޭނަގެ ފޯނު ވެސް ނަގައި ފޯނު ރީސެޓްކުރަން ފެށިއެވެ. އެ ދެކަން ވެސް ކޮށް ނިމުމުން އަފްރީންއަށް ބަޔާން ކުރަންދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނައަށް ވަރަށް ބޮޑު ކާމިޔާބެއް ލިބުނު ކަހަލަ އިޙްޞާޞެއް ކުރެވުނެވެ. އޭނައަށް އެރޭ ނިދަން ވެސް އޮވެވުނީ ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ.

ދުވަސްތައް ކުރިއަށް ދަމުން ދިޔައީ އޮމާންކަމާއި އެކީގައެވެ. އަފްރީންއަށް އައި ބަދަލާއި ގުޅިގެން އޭނަގެ ޢާއިލާގެ އެންމެން އުފާކުރަމުން ދިޔައިރު އަފްރީންގެ އެކުވެރިން އޭނައާއި ދުރުވަމުން ދިޔައެވެ. ނައުފާ އަފްރީންގެ ފްރެންޑް ރިކުއެސްޓް ޤަބޫލުކުރިއެއްކަމަކު އޭނަ ސަލާމުގެ ބަސް މެސެޖަކަށް ފޮނުވާލުމުން ނައުފާ އެއަކަށް ޖަވާބެއް ނުދިނެވެ. ނަމަވެސް އެކަމާހެދި އަފްރީން ނައުފާއާމެދު ނުބައި ގޮތަކަށް ދެކޭކަށް ބޭނުމެއްނުވިއެވެ. ނައުފާއަށް އެ މެސެޖު ފެނުނު ވަގުތު އެހެން ކަމެއް ކުރަން ޖެހުނީކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުން އަފްރީން ހިނިތުންވެލިއެވެ.

މި ދުވަސްކޮޅު ނަޞްރާ ކުރަމުން ދިޔަ ކަމަކުން ޔޫނުސްގެ ހިތުގެ ހަމަޖެހުން ހިސާބަކަށް ގެއްލިފައިވިއެވެ. ކޮންމެ ރެއަކު ނަޞްރާ ކިޔަވާ މޭޒުދޮށުގައި އިނދެ ދިވެހި ބަހުން އެއްޗެއް ލިޔަމުން ދާތަން އޭނައަށް އެބަ ފެނެއެވެ. ފުރަތަމަ ފެނުނު ރޭ ޔޫނުސް ނަޞްރާގެ ކައިރއަށް ގޮސް ތިއީ ކޯޗެއްތޯ އަހާލުމުން ނަޞްރާ ބިރެއް ފެނިގެން ކަހަލަ ގޮތަކަށް އޭނަ ލިޔަމުން ދިޔަ ލިޔުމުގެ މަތީގައި ދެއަތް އެޅިއެވެ. ޔޫނުސް ދެއަތް އުފުލާލަމުން ދުރަށް ޖެހިލިއެވެ. އޭގެ އަނެއް ރޭ ޔޫނުސް ސަމާސާއަކަށް ނަޞްރާގެ ފުރަގަހުގައި ހުރެ ތިމަންނައަށް އެބަ ފެނެއޭ ބުނެލިއެވެ. ނަޞްރާއަށް އެރޭ ވެސް ވީ ފުރަތަމަ ރޭ ވީ ކަހަލަ ގޮތެކެވެ. ޔޫނުސް ހީލުމުން ނަޞްރާ ވެސް ހީލިއެވެ. ޔޫނުސް އެއްރެއަކު އެއީ ކޯޗެއްކަމާއިމެދު ނަޞްރާއާއި ސުވާލު ކުރިއެވެ. ނަޞްރާ ބުނިގޮތުގައި ޔޫނުސްއަށް އެނގެންވީ ދުވަހަކުން އޭނައަށް އެނގޭނެއެވެ. ޔޫނުސް ހީކުރީ ނަޞްރާ އޭނައާއި ސަމާސާއެއް ކުރުމަށްޓަކައި ދިގު ސިޓީއެއް ލިޔަނީ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއްކަން އެނގުނީ ނަޞްރާ އެއްރެއަކު އޭތި ލިޔަމުން ދިޔައިރު ރޮމުން ދިޔަތަން ފެނިފައެވެ. ޔޫނުސް އެއީ ކޯޗެއްކަން ދެނެގަންނަން އިންތިހާއަށް ބޭނުންވިއެވެ. އޭނަ ބޭނުމިއްޔާ ނަޞްރާ ތަޅުލާފައި ހުރި ވަތްގަނޑުވެސް ހުޅުވިދާނެއެވެ. ނަމަވެސް ނަޞްރާ އޭނަ ބަލަން ބޭނުން ނުވާ އެއްޗެއް ނުބެލުމަށްޓަކައި ޔޫނުސް ކެތްކުރިއެވެ.

އެއްދުވަހު ޔޫނުސް މަގުމަތިން ހިނގާފައި ދަނިކޮށް އޭނަގެ ދުވަސްވީ އެކުވެރިޔާ ކަމަށްވާ ނާސިފް ފެނުނެވެ. ނާސިފް ހުރީ އިހުނަށްވުރެ ރީތިވެފައި ޞިއްޙަތު ރަނގަޅުކޮށެވެ. ދެ އެކުވެރިން އެކަކު އަނެކަކު ފެނިފައި ހިނިތުންވުންތަކާއެކީ ބައްދާލަމުން ޙާލު އަހުވާލު އެހިއެވެ. މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެން ވެސް އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިބެފައި ނާސިފް އެދުނީ އެރޭ ރެސްޓޯރެންޓަކުން ޔޫނުސް އޭނައާއި ބައްދަލު ކުރުމަށެވެ. އެރޭ ޔޫނުސް ކުރާނެ ވަކިކަމެއް ނެތީތީ އޭނަ އެއްބަސްވިއެވެ.

ރޭގަނޑު 8:30 ވީ ވަގުތު ޔޫނުސްއާއި ނާސިފް ތިބީ އެމީހުންގެ ރަށުގައި ހުންނަ ރެސްޓޯރެންޓެއްގެ މޭޒުދޮށުގައެވެ. ވެއިޓަރު އޯޑަރު ނަގައިގެން ދިޔުމުން ނާސިފް ވާހަކަ ދެއްކިއެވެ.

"ސޯ......މިހާރު އެޗް.އެން ނިއުސްގަ ދޯ މަސައްކަތް ކުރަނީ؟" ނާސިފް އަހާލިއެވެ. ޔޫނުސް ހޫންލައްވާލަމުން ބޯޖަހާލިއެވެ. ނާސިފް ޔޫނުސްއަށް އިރުކޮޅަކު ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

"ޔޫނުސް ކީއްވެތަ ބައްޕަގެ ނޫސް ދޫކޮއްލީ؟" ނާސިފް ސުވާލު ކުރިއެވެ. އެ ސުވާލު އިވިފައި ޔޫނުސްގެ ދޫ ބަންދުވިއެވެ. އޭނަ ނާސިފްއަށް ދިރިއުޅުމުގެ ހުރިހާ ވާހަކައެއް ކިޔައިދީފައި ވީއިރުވެސް ނަވާޒްއަކީ އޭނަގެ ބައްޕަ ކަމުގައި ބުނެފައެއް ނުވެއެވެ. އޭނަ ބުނާކަށް ވެސް ބޭނުމެއް ނުވެއެވެ. އޭނައާއި ނަވާޒްގެ ނަން އެއްޖުމްލައެއްގައި ބޭނުންކުރާކަށް ނޭދޭތީވެއެވެ. ޔޫނުސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ނާސިފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ފައިސާ ދޭން ވަރަށް މޮޅު ބައެއްދޯ އެއީ؟ އެހެންވެ ޔޫނުސް ދިޔައީ؟ އެކަމަށްޓަކައި އަހަރެން ޔޫނުސްއަށް ހިތް ނުބައެއް ނުކުރާނަން. އެކަމަކު އެހާ ނުލަފާ ބަޔަކަށްޓަކައި މަސައްކަތް ކޮށްދޭކަށް ވެސް ނުވާނެއެއްނުދޯ ޔޫނުސް؟" ނާސިފްގެ މޫނުމަތިން ނުރުހުންތެރިކަމެއް ފެނުނަސް އޭނަ ވާހަކަ ދެއްކީ މަޑުމައިތިރި ރާގަކަށެވެ. ޔޫނުސް އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮއްލިއެވެ.

"އަހަރެން އެތާނގަ މަސައްކަތް ކުރި 4 އަހަރު ތެރޭގަ އަހަރެން އެއްވެސް ދޮގު ޚަބަރެއް ނުލިޔަން. ލިޔަން ދިނަސް އަހަރެން ނުލިޔަން." ޔޫނުސް ބުނެލިއެވެ.

"އަހަންނަށް އެނގޭ ޔޫނުސް ނުލިޔާނެކަން ނުބުންޏަސް. އަދި އެ މީހުންނަށްޓަކައި މަސައްކަތް ތި ކޮއްދެނީ އެ ނަވާޒްމެން ރާވާ ރޭވުންތައް ޔޫނުސްއަށް ނޭނގޭތީވެކަން ވެސް އަހަރެން ޔަޤީންކުރަން." ނާސިފް ބުނެލި ވާހަކައިން ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ.

"ކޮން ރޭވުމެއް؟" ޔޫނުސްއަށް އަހާލެވުނެވެ.

ނުނިމޭ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ