ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށްބޭރުން އޮންނަ ޔަރްމޫކްގެ ރެފިއުޖީ ކޭމްޕަކީ 1957 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ އަދަދަކަށް ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެމުންދާ ކޭމްޕެވެ. ރަސްމީ ގޮތުން ރެފިއުޖީ ކޭމްޕެއް ގޮތުގައި ކަނޑައަޅާފައިނުވި ނަމަވެސް، އަދި ރެފިއުޖީ ކޭމްޕެކޭ ބުނުމުން ސިފަވާ ފޭލިގެތައް ފަދަ ކަންކަން ފެންނަން ނެތް ނަމަވެސް މިތަނަކީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ނެރެލެވުމުން އައިސް އެންމެ ގިނައިން ވަޒަންވެރިވި ތަނެވެ. ހިސާބުތައް ދައްކާ ގޮތުން މިތަނުގައި 350،000 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ގެންދިޔައެވެ.
ހަތަރު ހޮސްޕިޓަލަކާއި ގިނަ އަދަދެއްގެ ސްކޫލްތައް މިތަނުގައި ހިންގަމުން އައިސްފައިވެއެވެ. ޓެކްސީއާއި މައިކްރޯ ބަހުގެ ޚިދުމަތްތައް ދެމުންދިޔައިރު ކޭމްޕްގެ މައި ދެމަގުގައި ފިހާރަތަކާއި ކެފޭތައް ހިންގަމުން ގޮސްފައިވެއެވެ. ބީބީސީއިން ޔަރްމޫކް ކޭމްޕް ސިފަކޮށްފައިވާ ގޮތުގައި އެތަނަކީ ރީތި ސެލޫންތަކާއި އިންޓަރނެޓް ލިބޭ ކެފޭތައް ހިމެނޭ ތަނެކެވެ. ރެފިއުޖީ ކޭމްޕެކޭ ބުނުމުން ސިފަވާ ފޭލިގެތަކާއި ކަންކަން އެތަނަކުން ނުފެނެއެވެ.
ސޫރިޔާ ހަނގުރާމައިގެ އަސަރު ކޭމްޕަށް ވަރަށް ބޮޑަށް ކުރި
އަރަބި ބަހާރާއެކު 2011 ވަނަ އަހަރު ސޫރިޔާގައި ފެށިގެންދިޔަ ހަނގުރާމައިގެ ނޭދެވޭ އަސަރު ޔަރްމޫކް ރެފިއުޖީ ކޭމްޕަށްވެސް ވަރަށް ބޮޑަށް ކުރިއެވެ.
ދައިކޮނޮމިސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސޫރިޔާގެ ރައީސް ބައްޝާރު ހަނގުރާމައިގެ ކުރިން ރެފިއުޖީ ކޭމްޕްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތާ ދިރިއުލޭ ބައެއް ރައްޔިތުންނަށް އެކަމަށް ބޭނުންވާނެ ތަމްރީނާއި ހަތިޔާރުފަދަ އާލާތްތައް ފޯރުކޮށްދެމުންދިޔައެވެ. ހަމާސް ޖަމާއަތުގެ ލީޑަރ ޚާލިދު މިޝްއަލްއާއި ގާތް ގުޅުމެއް ބާއްވަމުން ދިޔަ ނަމަވެސް ސޫރިޔާ ހަނގުރާމައިގައި ބައްޝާރާއި ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ބައެއް ޖަމާއަތްތަކަށް އެހީވަމުންދިޔަ ޤަތަރާއި އެއްކޮޅަށް ހަމާސްއިން އެރުމުގެ ސަބަބުން އެގުޅުންވެސް ހީނަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.
2015 ވަނަ އަހަރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ޔަރްމޫކް ރެފިއުޖީ ކޭމްޕްގެ ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައިރު އަނެއްބައި އޮތީ ޖަބްހަތުއް ނުސްރާގެ ބާރުގެ ދަށުގައެވެ. ބައްޝާރުގެ ހަނގުރާމަވެރިންނާއި ހަނގުރާމަ ކުރިއަށް ނުދާނަމަ އެއް ޖަމާއަތް އަނެއް ޖަމާއަތާއި އެތަނުގައި ހަމަލާތައް ބަދަލުކުރެވެމުންދިޔަ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވިއެވެ.
މިހުރިހާ ކަމަކާ ހެދި ގިނަ އަދަދެއްގެ ރެފިއުޖީން އެކޭމްޕް ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވަމުންވެސް ގެންދިޔައެވެ.
ކޭމްޕްގެ ކޮންޓްރޯލް ބައްޝާރަށް
ސޫރިޔާގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއްގެ ކޮންޓްރޯލް ބައްޝާރުގެ އަނިޔާވެރި ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެމީހުން ދެން އަމާޒު ހިފީ ޔަރްމޫކް ރެފިއުޖީ ކޭމްޕް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށެވެ.
އެގޮތުން ފާއިތުވި ހަތަރު އަހަރު ކޭމްޕަށް ނުވާ ގެއްލުން ދެހަފްތާ ތެރޭގައި ބައްޝާރުގެ ސިފައިން ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ ޑިފެންސް މިނިސްޓަރުވަނީ ޔަރްމޫކް ރެފިއުޖީ ކޭމްޕްގެ ބޮޑު ބައެއް ބައްޝާރުގެ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައި ކަމަށާއި އިދިކޮޅު ހނަގުރާމަވެރިންގެ އަތްދަށުން އެތަން އަތުލާފައިވާ ކަމަށް ބުނެފައެވެ.

އިދިކޮޅު ހަނގުރާމަވެރިން އަމާންދީ ކޭމްޕް ދޫކޮށް ދިއުމަށް އޭޕްރީލް 30 ގައި ވެވުނު އެއްބަސްވުމާއެކު ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައްދަނީ ބަސްތަކުގައި ކޭމްޕް ދޫކޮށް ދަމުންނެވެ. އެއްބަސްވުމުގެ ދަށުން މިހާތަނަށް 6700 މީހަކު ކޭމްޕް ދޫކޮށް ގޮސްފައިވާއިރު މިއެއްބަސްވުމުގެ ދަށުން 17000 އަށްވުރެ ގިނަ މީހުން ކޭމްޕް ދޫކޮށް ދިއުމަށް ހަމަޖެހިފައިވެއެވެ.
ކޭމްޕް ހިމެނޭ ސަރަހައްދު ބޭނުންކުރާނީ ސޫރިޔާގެ ރައްޔިތުންނަށް
60 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދިޔަ ޔަރްމޫކް ރެފިއިޖީ ކޭމްޕް ހިމެނޭ ސަރަހައްދު ދެން ބޭނުން ކުރެވޭނީ ސޫރިޔާގެ ރައްޔިތުންގެ ބޭނުންތަކަށެވެ. އެގޮތުން ހުސްވި މާރޗްމަހު ސޫރިޔާގެ ސަރުކާރުން ދިމިޝްޤުގެ ދެކުނުގައި ހިމެނޭ ސަރަހައްދުތައް ތަރައްޤީކޮށް ވިޔަފާރީގެ ފުރުޞަތުތައް ހުޅުވާލުމަށް އެކުލަވާލާ އާއްމުކުރި ޕްލޭންގައިވެސް ޔަރްމޫކް ރެފިއުޖީ ކޭމްޕް ސަރަހައްދު ހިމަނާފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ގެއެއްގެ ގޮތުގައި ބެލެވިފައިވާ ޔަރްމޫކް ކޭމްޕް ފުހެލެވެމުންދާއިރު ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްގެ ކަންބޮޑުވުމެއް ނެތެވެ. އާއްމު އުސޫލުގެ ދަށުން ފެންނަނީ މިކަމާމެދުވެސް އެއްޗެއް ވިދާޅުނުވެ ހުންނަވާ ތަނެވެ.

















ޚިޔާލު