މިވާހަކައަކީ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙް މުސްލިމުގައި ރިވާވެގެން އައިސްފައިވާ ޙަދީޘަކުން ނެގިފައިވާ ޢިބުރަތްތެރި ވާހަކައެކެވެ.
އަބޫ ހުރައިރާ ރަޟިޔައްﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރަށްވާތީ ތިމަން އަޑުއެހީމެވެ: ހަމަކަށަވަރުން ބަނީ އިސްރާޢީލުންގެތެރޭގައި 3 މީހަކު އުޅުނެވެ. އޭގެތެރެއިން އެކަކީ ބަރަޞް ބަލި ޖެހިފައިވާ މީހެކެވެ. (ބަރަޞް ބައްޔަކީ ހަންގަނޑަށް ޖެހޭ ބައްޔެކެވެ.) ދެވަނަ މީހަކީ ބައްޔެއްގެ ސަބަބުން ބޮލުން އިސްތަށި ފައިބާ، ތަލަވެފައިވާ މީހެކެވެ. ތިންވަނަމީހަކީ ލޯއަނދިރި މީހެކެވެ. މިތިން މީހުން އިމްތިޙާން ކުރެއްވުމަށްޓަކައި ﷲ އެމީހުންގެ ގާތަށް ވަކި ވަކިން މަލާއިކަތަކު އިންސާނެއްގެ ސޫރައިގައި ފޮނުއްވިއެވެ.
ބަރަޞް ބަލި ޖެހިފައިވާ މީހާކައިރިއަށް ދިއުމަށް ފަހު މަލާއިކަތާ ވިދާޅުވިއެވެ. ތިބާގެ ގާތުގައި އެކަމަކަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަމަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ބަރަޞް ބަލި ޖެހިފައިވާ މީހާ ބުންޏެވެ: ކުލަރީތި އަރި ރަނގަޅު ހަންގަނޑެކެވެ. ހަމަކަށަވަރުން މިބަލި އަހަރެން ކިބައިގައި ހުރުމުގެ ސަބަބުން މީސްތަކުން އަހަރެންނަށް ފަކުރުގަނެއެވެ. ދެން މަލާއިކަތާ އޭނާގެ ގައިގައި އަތްޕުޅު ބީއްސަވައިލެއްވުމުން، އޭނާއަށް ޖެހިފައިވާ ބަރަޞް ބަލިން ސަލާމަތްވެ، ރީތި ހަންގަނޑެއްގެ ވެރިޔަކަށް ވެއްޖެއެވެ. އަދިވެސް މަލާއިކަތާ އެމީހާކިބައިން އެއްސެވިއެވެ؟ ތިބާގެ ގާތުގައި އެންމެ އަގުހުރި، އެއަށް އެންމެބޮޑަށް ލޯބިޖެހިފައިވާ މުދަލަކީ ކޮކައިތޯއެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ: ޖަމަލެވެ. ނުވަތަ ގެރިއެވެ. (ޖަމަލާއި ގެރިއަށް އެދުނީ ކޮންފަރާތަކުން ކަމާމެދު ޙަދީޘްގެ ރާވީ ޝައްކުކުރައްވަވައެވެ. އެބަހީ ޖަމަލަށް ނުވަތަ ގެރިއަށް އެދުނީ ބަރަޞް ބަލި ޖެހުނު މީހާތޯ ނުވަތަ ބޮލުގައި އިސްތަށި ނެތް މީހާތޯ ޔަޤީނެއްނޫނެވެ.) އެހިނދު އެމަލާއިކަތާ، އޭނާއަށް މާބަނޑު ޖަމަލެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ﷲ ތިބާ އަށް މިމުދަލުގައި ބަރަކާތް ލައްވާށިއެވެ.
ދެންފަހެ ބޮލުން އިސްތަށި ފައިބައިފައިވާ ތަލަ މީހާގެ ގާތަށް މަލާއިކަތާ ވަޑައިގެން ވިދާޅުވިއެވެ: ތިބާގެ ގާތުގައި އެކަމަކަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަމަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ތަލަ މީހާ ބުންޏެވެ: ރީތި އިސްތަށިގަނޑެކެވެ. ހަމަކަށަވަރުން އަހަރެން ތަލަވެ މިސިފައަށް ހުރުމުން މީސްތަކުން އަހަންނަށް ފަކުރުގަނެ އަހަރެން ކައިރިން ދުރަށް ދެއެވެ. ދެން މަލާއިކަތާ އޭނާގެ ގައިގައި އަތްޕުޅު ބީއްސަވައިލެއްވުމުން، އޭނާއަށް ޖެހިފައިވާ ކަންތަކުން ސަލާމަތްވެ، ރީތި އިސްތަށިގަނޑެއްގެ ވެރިޔަކަށް އޭނާ ވެއްޖެއެވެ. އަދިވެސް މަލާއިކަތާ އެމީހާކިބައިން އެއްސެވިއެވެ؟ ތިބާގެ ގާތުގައި އެންމެ އަގުހުރި، އެއަށް އެންމެބޮޑަށް ލޯބިޖެހިފައިވާ މުދަލަކީ ކޮކައިތޯއެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ: ގެރިއެވެ. އެހިނދު އެމަލާއިކަތާ، އޭނާއަށް މާބަނޑު ގެރިއެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ﷲ ތިބާ އަށް މިމުދަލުގައި ބަރަކާތް ލައްވާށިއެވެ.
ދެންފަހެ ލޯ އަނދިރި މީހާގެ ގާތަށް މަލާއިކަތާ ވަޑައިގެން ވިދާޅުވިއެވެ: ތިބާގެ ގާތުގައި އެކަމަކަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަމަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ލޯއަނދިރި މީހާ ބުންޏެވެ: އަހަރެންގެ ލޮލުގެ ފެނުން އަނބުރައި ރައްދުކޮށްދެއްވުމެވެ. އެއީ މީސްތަކުން ފެނިދެނިވެ އުޅުމަށްޓަކައެވެ. ދެން މަލާއިކަތާ އޭނާގެ ގައިގައި އަތްޕުޅު ބީއްސަވައިލެއްވުމުން، ﷲ ޞުބުޙާނަހޫ ވަތަޢާލާ، އޭނާގެ ފެނުން އަނބުރައި ރައްދު ކޮށްދެއްވިއެވެ. އަދިވެސް މަލާއިކަތާ އެމީހާކިބައިން އެއްސެވިއެވެ؟ ތިބާގެ ގާތުގައި އެންމެ އަގުހުރި، އެއަށް އެންމެބޮޑަށް ލޯބިޖެހިފައިވާ މުދަލަކީ ކޮކައިތޯއެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ: ކަންބަޅިއެވެ. އެހިނދު އެމަލާއިކަތާ، އޭނާއަށް މާބަނޑު ކަންބަޅިއެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ﷲ ތިބާ އަށް މިމުދަލުގައި ބަރަކާތް ލައްވާށިއެވެ.
ދެން ފަހެ މި ތިން މީހުންނަށް ދެވުނު ޖަމަލަށާއި ގެރި އަށާއި ކަންބަޅިއަށް ދަރިން ލިބިއްޖެއެވެ. އަދި ޖަމަލު ދެވުނު މީހާގެ މިލްކިއްޔާތަށް (ޖަމަލު އިތުރުވެ) ވާދީއެއްގެ ޖަމަލު ލިބިއްޖެއެވެ. އަދި ގެރި ދެވުނު މީހާގެ މިލްކިއްޔާތަށް (ގެރި އިތުރުވެ) ވާދީއެއްގެ ގެރި ލިބިއްޖެއެވެ. އަދި ކަންބަޅި ދެވުނު މީހާގެ މިލްކިއްޔާތަށް (ކަންބަޅި އިތުރުވެ) ވާދީއެއްގެ ކަންބަޅި ލިބިއްޖެއެވެ.
އެއަށްފަހު މަލާއިކަތާ ބަރަޞްބަލިން ފަސޭހަވި މީހާގެ ގާތަށް އޭނާ މިބަލީގައި ވީހިނދު ހުރިފަދަ ސިފައެއްގައި ދިޔައެވެ. އަދި ވިދާޅުވިއެވެ: އަހުރެންނީ މިސްކީނަކީމެވެ. ހަމަކަށަވަރުން އަހުރެން ދަތުރު މަތީގައި ވަނިކޮށް މިވަނީ ދަތުރުގެ ކޮއްތު ހުސްވެ ޙާލުގައި ޖެހިފައެވެ. ﷲގެ ދަރުމައާއި މަދަދަށްފަހު ތިބާގެ އެހީތެރިކަން ނުލިބިއްޖެނަމަ އަހަންނަށް މިއަދު ލިބޭނޭ އިތުރު އެހީއެއްނެތެވެ. ތިބާއަށް ކުލަރީތި ހަންގަނޑެއް އަދި މުދަލުގެ ގޮތުގައި ސަވާރީ (ޖަމަލު) ދެއްވެވި ފަރާތަށްޓަކައި، އަހުރެންގެ ދަތުރުގެ ކަންކަން ފުއްދުމަށް ސަވާރީއެއް (ޖަމަލެއް) ދެއްވާށެވެ. އޭނާ ޖަވާބުދިނެވެ. އަހުރެންގެ މައްޗަށްވާ ޙައްޤުތައް ނުހަނު ގިނަގުނަމެއެވެ. ދެން ފަހެ މަލާއިކަތާ އޭނާއަށް ދެންނެވިއެވެ. އަހުރެން ތިބާ ދަންނަ ފަދައެވެ. ތިބާއަށް ބަރަސްބަލި ޖެހި މީސްތަކުން ތިބާއާމެދު ފަކުރުގަންނަ ޙާލަތުގައި ނުވަމުތޯއެވެ؟ ތިބާއީ ފަޤީރެއް ކަމުގައި ވަނިކޮށް ﷲ ތިބާއަށް (މުއްސަނދިކަން) ނުދެއްވާތޯއެވެ؟ އޭނާ ޖަވާބު ދިނެވެ. މިމުދަލާއި މުއްސަނދިކަން އަހުރެންނަށް ވާރުތަ ކޮށްފައި މިވަނީ އަހުރެންގެ ކާބަފައިންގެ ފަރާތުންކަން ކަށަވަރެވެ. މަލާއިކަތާ ވިދާޅުވިއެވެ. ތިބާއީ ދޮގުވެރިއެއް ކަމުގައި ވަނީނަމަ ﷲ ތިބާ އިހުހުރި ޙާލަތަށް ރުޖޫޢަ ކުރައްވާށިއެވެ.
އަދި ބޯ ތަލަވެފައިވީ މީހާގެ ގާތަށް، އޭނާ އެބަލި ތަޙައްމަލު ކުރިއިރު ހުރި ސޫރާގައި އެލާއިކަތާ ވަޑައިގެންނެވިއެވެ. ފަހެ ކުރިން އެމަލާއިކަތާ ވަޑައިގެންނެވި މީހާ އަށް ދެންނެވި ފަދައިން މީނާ އަށްވެސް ދަންނަވައިފިއެވެ. އޭނާ ވެސް ޖަވާބުގައި ބުނީ ބަރަސްބަލި ޖެހުނު މީހާ ބުނި ފަދައިންނެވެ. އެހިނދު ބަރަސް ބަލި ޖެހުނު މީހާއަށް ދެއްވި ފަދައިން މީނާއަށް ވެސް ރައްދު ދެއްވައިފިއެވެ. މަލާއިކަތާ ވިދާޅުވިއެވެ. ތިބާއީ ދޮގުވެރިއެއް ކަމުގައި ވަނީނަމަ ﷲ ތިބާ ކުރިންހުރި ޙާލަތަށް ރުޖޫޢަ ކުރައްވާށިއެވެ.
އެއަށްފަހު މަލާއިކަތާ ލޮލުގެ ފެނުން ރައްދުކުރެވުނު މީހާގެ ގާތަށް އޭނާ ލޯއަނދިރި މީހެއްކަމުގައި ވީހިނދު ހުރިފަދަ ސިފައެއްގައި ދިޔައެވެ. އަދި ވިދާޅުވިވެ: އަހުރެންނީ މިސްކީނަކީމެވެ. ހަމަކަށަވަރުން އަހުރެން ދަތުރު މަތީގައި ވަނިކޮށް މިވަނީ ދަތުރުގެ ކޮއްތު ހުސްވެ ޙާލުގައި ޖެހިފައެވެ. ﷲގެ ދަރުމައާއި މަދަދަށްފަހު ތިބާގެ އެހީތެރިކަން ނުލިބިއްޖެނަމަ އަހަންނަށް މިއަދު ލިބޭނޭ އިތުރު އެހީއެއްނެތެވެ. ތިބާގެ ލޮލުގެ ފެނުން ރައްދު ކޮށްދެއްވި ފަރާތަށްޓަކައި، އަހުރެންގެ ދަތުރުގެ ކަންކަން ފުއްދުމަށް ކަންބަޅިއެއް ދެއްވާށެވެ. ދެންފަހެ އޭނާ ޖަވާބުދިނެވެ. ހަމަކަށަވަރުން އަހުރެން ކަނު މީހެއްގެ ގޮތުގައި ވަނިކޮށް އަހުރެންގެ ލޮލުގެ ފެނުން ﷲ ތަޢާލާ އަނބުރާ ރައްދުކޮށްދެއްވިއެވެ. ފަހެ ތިބާ ގެންދަން ބޭނުންވާ އެއްޗެއް ގެންގޮސް ބަހައްޓަން ބޭނުންވާ އެއްޗެއް ބަހައްޓާށެވެ. ﷲ އަށްޓަކައި ތިބާއަށް މިއަދު މިދޭ އެއްޗަކާމެދު ސުވާލުކޮށް އެއަނބުރާ ރައްދު ކޮށްދިނުމަށް އަހުރެން ނޭދޭ ހުށީމެވެ.
މަލާއިކަތާ ވިދާޅުވިއެވެ. ތިބާގެ މުދާ ތިބާއަށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން އިމްތިޙާން ކުރެވުނީއެވެ. ﷲ ތިބާއަށް ރުއްސަވައި ވޮޑިގެންފިކަން ކަށަވަރެވެ. އަދި ތިބާގެ ދެ އެކުވެރިން (ބަރަސް ބަލި ޖެހުނު މީހާއާއި ބޯ ތަލަވި މީހައަށް) ކޯފާ ލައްވައިފިކަން ކަށަވަރެވެ.















ޚިޔާލު