ލ.ފޮނަދޫގައި 2016 ވަނަ އަހަރު އުފެދުނު ޢިލްމް ޖަމިއްޔާއަށް 2 އަހަރު ފުރުނުއިރު، މި ޖަމިއްޔާގެ ފަރާތުން ދަނީ އެތަކެއް ތަފާތު ދީނީ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެގޮތުން އެ ރަށުގެ ރަށު ކައުންސިލާއި ގުޅިގެން ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ޝެއިޚެއްގެ ދަރުސް ހަރަކާތެއް ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މަހަށް ޢިލްމް ޖަމިއްޔާއަށް 2 އަހަރު ފުރުނުއިރު، މިއަދު ލާމު ފޮނަދޫގެ ލިންކްރޯޑުން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ފޮނަދޫގެ ލިންކްރޯޑުން ދުއްވާލާފަދާ މިހާއަށް ނުވަތަ ހިނގާފަދާ މީހާއަށް އެކި ހިސާބު ހިސާބުން ޒިކުރު ބޯޑުތައް ފެނިގެން ދެއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މަޢުލޫމާތު ދެމުން މިމަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ އެއް ޒުވާނެއް ކަމުގައިވާ އަޙުމަދު ޙުސައިން ކިޔައިދިން ގޮތުގައި މިކަމަކީ މީގެ އަހަރެއް ކުރިން ދެކެވުނު ވާހަކައެއް ކަމަށެވެ. "މިކަމުގެ ޚިޔާލު އައީ އަލް އަޞްރުގެ ބޭފުޅަކު މިކޮޅަށް އައިސް އަޅުގަނޑުމެންނާ ދެކެވުނު ވާހަކަ ތަކަކުން" މިކަމުގެ ޚިޔާލު އައިގޮތް ކިޔައިދެމުން އަޙުމަދު ޙުސައިން ކިޔައިދިނެވެ.
މިހާރު ލާމު ފޮނަދޫގެ ލިންކް ރޯޑުން ފެންނަން ހުރި ބޯޑުތަކުގައި ކުރުކުރު ލިޔުންތަކެއް ހިމަނާފައިވުމުގެ ބޭނުމަކީ ބާރަށް ދުއްވާފަ ދާ މީހާއަށްވެސް އެ ފެނުމުން އެހާ ކުރު އެއްޗެއް ވީމަ ކިޔާލެވޭނެތީކަމަށް ދިއިސްލާމަށް މަޢުލޫމާތު ދެމުން އަޙުމަދު ޙުސައިން ބުންޏެވެ.
"އަޅުގަނޑު މިހާރު ކޮންމެ ދުވަހަކު ކޮންމެ ގަޑިއެއްގައިވެސް ޑިއުޓީއަށް ދާއިރު އެ ބޯޑުތައް ފެނިފައި އެ ކަލިމަތައް ކިޔާލެވޭ. މިއީ އަބަދުވެސް ﷲގެ މަތިން ހަނދުމަކޮށްދިނުމަށް ކުރެވިފައިވާ ވަރަށް މުހިންމު ކަމެއް" ލާމު ފޮނަދޫގައި ދިރިއުޅޭ ޒުވާނަކު މި ބޯޑުތަކުގެ މުހިންމުކަން ކިޔައިދެމުން ބުނެފައިވެއެވެ.

ލ.ފޮނަދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މިހަރަކާތުގައި ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމުގައި ޢިލްމް ޖަމިއްޔާއިން ވިދާޅުވެއެވެ. ކައުންސިލްގެ އިތުރުން ޖަމިއްޔާގެ މަސައްކަތުގައި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބޭކަމުގައި ޢިލްމް ޖަމިއްޔާއިން ހާމަ ކުރެއެވެ.
ޢިލްމް ޖަމިއްޔާގެ ފަރާތުން ކުރިއަށް އޮތް ތަނުގައިވެސް ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބައެއްކަންކަން ރޭވިފައިވާ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ. އެގޮތުން الله أكـبر، أستغفر الله ފަދަ ލަފުޒުތައް ކިޔުމުގެ މާތްކަން، ރަށުގެ އެކި ހިސާބުތަކުގައި ޖެހުން ހިމެނެއެވެ. މީގެ އިތުރުން ފޭސްބުކް ޕޯސްޓްތަކެއް ހެދުމަށްވެސް ވަނީ ރޭވިފައެވެ. އިރާދަކުރެއްވިއްޔާ ބަރަކާތްތެރި ރަމަޟާން މަހަށް މިކަން ނިންމޭނެކަމުގައި މި ޖަމިއްޔާއިން މަޢުލޫމާތުދެއެވެ. ލާމު ފޮނަދޫގެ ރަށުތެރޭގެ އެކި ހިސާބުތަކުގައި ދެތިން ޕޯސްޓަރެއް މިހާރު ހަރުކުރެވިފައިވާއިރު، އަވަސް މުސްތަޤުބަލެއްގައި އިތުރު ހަ ވަރަކަށް ޕޯސްޓަކު ހަރުކުރެވިގެން ދާނެކަމުގައި އެޖަމިއްޔާއިން މައުލޫމާތުދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...