ވާހަކަ

މަޝްހޫރު މަގުފޭރޭ މީހަކު ޢިލްމުވެރިއަކަށް ވީގޮތުގެ ވާހަކަ

ހިޖުރައިން ދެވަނަ ޤަރުނުގައި އުޅުނު މަގު ފޭރޭ މީހެކެވެ. މީނާ މަގުފޭރި އުޅުނީ އަބީވަދާ އާއި ސަރްޚަސް ކިޔުނު ދެޝަޙަރެއްގެ ދެމެދުގައެވެ. އެއީ މިހާރުގެ ގޮތުންނަމަ، އީރާނާއި ތުރުކަމަނިސްތާނާ ގުޅޭ ބޯޑަރު ކައިރީ ހިސާބުގަނޑެކެވެ. އޭނާގެ ކަމަކީ އެހިސާބުގެ މަގުތަކުން ދަތުރުކުރާ ޤާފިލާ ތަކަށް ހަމަލާދީ، އޭގައިވާ އަގުހުރި ތަކެތި ފޭރުމެވެ. މަގުފޭރުމުގައި އޭނާ ވަނީ މުޅި ހިސާބުގަނޑަށް މަޝްހޫރުވެފައެވެ. ބަޔަކު އެހިސާބުން ދަތުރުކުރާނަމަ، އަބަދުވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިރުއަރަންވާއިރަށް ނަފްސާއި މުދާ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް ނޯވެއެވެ. އަދި ބައެއްފަހަރު ޤާފިލާތަށް އެހިސާބަށް ދެވުމުގެ ކުރިން މަގު ބަދަލު ކޮށްލައެވެ. މަގު ބަދަލުކުރުމުގެ ސަބަބުން ދަތުރު ދިގުވެގެން ދިޔަނަމަވެސް އެބައިމީހުންނަކަށް މައްސަލައެއް ނޫނެވެ. މީނާއަކީ އެހާވެސް ނުރައްކާތެރި މީހެކެވެ.

 

ނަމަވެސް ސަތޭކަ މީހުން މެރި މީހާވެސް އިސްލާޙުވީފަދައިން، ﷲ މީހަކަށް ތެދުމަގު ދައްކަވަން އިރާދަކުރަށްވައިފިނަމަ، އެމީހަކަށް ތެދު މަގު ލިބޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެގޮތުން މިމަގުފޭރޭމީހާވެސް ވަނީ ކާމިޔާބީއާއި ބާއްޖަވެރިކަމުގެ ނަވުން ޖާގަހޯދައިފައެވެ. ވާހަކައިގެން ކުރިއަށްދަމާ ތޯއެވެ.

 

މިމަގުފޭރޭމީހާގެ ގެ ނަމަކީ ފުޟައިލެވެ. މަގުފޭރުމުގެ އިތުރަށް ފުޟައިލުގެ ހިތް މަޝްޣޫލުކުރާ އިތުރުކަމެއް އޮވެއެވެ. އޭނާއަށް ވަނީ އަންހެން ކުއްޖަކު ދެކެ ލޯބިވެވިފައެވެ. އެއަންހެންކުއްޖާގެ ގޭގެފާރުމަތިން ބޯދިއްކޮށްލާ އެކުއްޖާއާ ދިމާލަށް ނަޒަރުހުއްޓާލައިގެން ހުރުމަކީ ދޭތެރެ ދޭތެރެއަކުން އޭނާ ކުރާ ކަމެކެވެ. ބައެއްފަހަރު ލޯތްބަކީ އެކަހަލަ އެއްޗެއްތާއެވެ. ކިތަންމެ ހަރު އަދި އަނިޔާވެރި ހިތަކަށްވެސް އޭތި ވަދެދާނެއެވެ. ކޮންމެއަކަސް އެއްދުވަހަކު އެއަންހެންކުއްޖާގެ ގޭގެ ފާރުމައްޗަށް އަރައި އެކުއްޖާ ހޯދުމަށްޓަކައި އޭނާ މަސައްކަތްކުރަމުން ދަނިކޮށް ފެނުނީ މީހަކު ދަމުނަމާދު ކުރާތަނެވެ. ރޭގަނޑުގެ ހަމަހިމޭންކަން ވެރިވިހިނދު، އަދި ދުނިޔެ ރޭގަނޑުގެ ހިތްގައިމު ނިދިން އަރާމު ޙާޞިލުކުރަމުން ދިޔައިރު، އެހުރިހާއެއްޗެއް ދޫކޮށްފައި މީހަކު ﷲގެ ޙަޟްރަތަށް ތެދުވެ ޤުރުއާން ތިލާވަތުކޮށް، ރުކޫޢުކޮށް ސަޖިދަ ކުރާތަނެވެ. އަދި އެވަގުތު އެމީހަކު ދިޔައީ ނަމާދުގައި ޤުރްއާން ކިޔަވަމުންނެވެ. އަދި އޭނާގެ ކިޔެވުމުން މަތިވެރިވެގެންވާ އާޔަތެއްގެ އަޑު ފުޟައިލްގެ ކަންފަތުގައި ޖެހުނެވެ. އާއެކު މީހާ އެއްކޮށް ގަނޑުވީ ކަހަލައެވެ. ކުރަންއައިކަންތައްވެސް މުޅިން ހަނދާން ނެތުނު ކަހަލައެވެ. އެއީ ކޮން އާޔަތެއްތޯއެވެ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ ސޫރަތުލް ޙަދީދް ގެ 16 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ.

أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّـهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿سورة الحديد ١٦﴾

މާނަ: اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسق ންނެވެ.

 

ދަމުނަމާދު ކުރަންހުރިމީހާ މިއާޔަތް ކިޔެވެމުންދިޔައިރު، ފުޟައިލުގެ ހިތް ވަނީ ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ރަޙުމަތުން ހުޅުވިފައެވެ. އަދި ދުނިދަނޑިން ދޫކޮށްލި ތީރެއް ފަދައިން މިއާޔަތް ގޮސް އޭނަގެ ހިތަށް ވަދެގެން ދިޔައެވެ. މަގުފޭރުމުގެ އަގެއްނެއް ޙަޔާތެއްގައި، ގޮތެއް ފޮތެއް، މަޤުސަދެއްނެތި މުޅި އުމުރުގެ ފާއިތުވީތަން ހޭދަކޮށްފައިވާ ﷲ ސުބުޙާނަހޫ ވަޠަޢާލާގެ މިނިކަމެތި އަޅާއަށް މިހާ އަޘަރުކުރަނިވި އެއްޗެއް ދުވަހަކުވެސް އަޑުއިވިފައި ނުވާކަހަލައެވެ. އަދި އޭނާ، މިއާޔަތުގައި އެބުނެވުނު ވާހަކައާ މެދު ވަރަށް ފުންކޮށް ވިސްނަން ފެށިއެވެ. އޭނާގެ ދުލުގެ ކޮޅަށް އައި ހަމަ އެކަނި ބަހަކީ: "بَلَا يَا رَبِّ قَد آن" މާނަ: "ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. މިއަޅާގެ ވެރި ރަސްކަލާކޮ. ހަމަކަށަވަރުން އެވަގުތު އައިސްސިއެވެ." (އިޞްލާޙުވާންވީ ވަޤުތު އައިސްސިއެވެ.) އެއާއެކު މާޟީގައި ފާއިތުވީތަން ހަނދާންނައްތާލައި، އާފެށުމެއް ފަށައި އިޞްލާޙުވާން އޭނާ އަޒުމްކަނޑައެޅިއެވެ.

އެހިނދު އެއަންހެންކުއްޖާގެ ގެ ދޫކޮށް އޭނާ، އެހެން ހިސާބަކަށް މިސްރާބުޖެހިއެވެ. އަދި ދަތުރުކުރަމުންގޮސް ރޭގަނޑުވުމުން، ރޭކުރުމަށްޓަކައި ފަޅުގެއެއްގެ ތެރެއަށް ވަނެވެ. އެހިނދު އޭނާއަށް އެފަޅުގޭގެތެރެއިން ދަތުރުވެރިންތަކެއް ފެނުނެވެ. އަދި އެމީހުން މަޝްވަރާއެއްކުރާތީ އޭނާއަށް އަޑުއިވުނެވެ. އެއްބަޔަކު ބުނަމުންދިޔައީ މަޑުނުކޮށް ދަތުރު ކުރިއަށް ގެންދިއުމަށެވެ. އަދި އަނެއްބަޔަކު ބުނަމުން ގެންދިޔައީ ރޭކޮށްލުމަށް އެފަޅުގޭތެރޭގައި މަޑުކޮށްލުމަށެވެ. އެހިނދު އެތަނުން އެކަކު ތެދުވެ ބުންޏެވެ. އެންމެ ރަނގަޅުވާނީ އަހަރެމެން މިތާގައި މަޑުކޮށްލިއްޔާއެވެ. ސަބަބަކީ މިހިސާބުގަނޑަކީ ފުޟައިލުގެ ހިސާބުގަނޑެވެ. އަހަރެމެން މިވަގުތުގައި ދަތުރު ކޮށްފިނަމަ، އޭނާ އަހަރެމެން ފޭރިގެންފާނެއެވެ.

 

އެހިނދު ފުޟައިލްގެ ހިތަށް އެތައްބައިވަރު އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. މީސްތަކުން އޭނާއާމެދު ދެކޭގޮތް އޭނާގެ ކުރިމަތީގައި އެވަނީ ހާމަވެގެން ގޮސްފައެވެ. އިންސާނިއްޔަތަށް، އޭނާޔާ ހުރެ ވަނީ ކޮންފަދަ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ހެއްޔެވެ. މީސްތަކުންގެ މެދުގައި އޭނާގެ ނަން އެވަނީ ހާދަހާ ވައި ހަޑިވެ ކިލަނބުވެފައެވެ. މިހުރިހާ ކަމަކުން އޭނާގެ އަޒުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. މީސްތަކުން ގެ ލޯބި ލިބިފައިވާ މީހަކަށް ވުމަށް އޭނާ ބޭނުންވިއެވެ. އިޞްލާޙުވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަން ޖެހޭނެކަން އޭނާ އަށް ވިސްނުނެވެ. އިޞްލާޙުވާން އަޅަންވީ ފިޔަވަޅު އަމިއްލައަށް ފެނިގެން ނާޅައިފިނަމަ، ދެން ދުވަހަކުވެސް އެފިޔަވަޅު ނޭޅިދާނެކަން އޭނާއަށް ވިސްނުނެވެ. އަދި އޭނާ ﷲއަށް ދުޢާ ދެންނެވިއެވެ: "ޔާ ﷲ! އިބައިލާހުގެ ޙަޟްރަތަށް މިއަޅާ ތައުބާ ވަމެވެ. މިއަޅާގެ ތައުބާ ޤަބޫލު ކޮށްދެއްވާންދޭވެ! މިތައުބާޔާއެކު މިއަޅާ ދެން ދިރިއުޅޭނީ އިބައިލާހުގެ ގެފުޅުވާ ބިމުގައެވެ."

 

އެއާއެކު، އެޝަހަރު ދޫކޮށް ފުޟައިލު މައްކާއަށް ހިޖުރަކުރިއެވެ. އަދި މަރުވަންދެންވެސް އޭނާ ދިރިއުޅުނީ މައްކާގައެވެ. އަދި މަޝްހޫރު އެތައް ޢިލްމުވެރިންނެއް ކިބައިން ޢިލްމުއުގެނިވަޑައިގެން މުޅިއިސްލާމީ ދުނިޔެ އެބޭކަލަކަށް ފަޚުރުވެރިވާ އިމާމަކަށް ވެވަޑައިގެންނެވި އެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެތައްބަޔަކު ދަރިވަރުވެގެން ދިޔައެވެ. އާދެ އެންމެފަހުން އަހުލުއްސުންނާ ވަލްޖަމާޢާގެ ހަތަރު މަޛްހަބުގެ ތެރޭގައި ހިމެނޭ ޝާފިޢީ މަޛްހަބުގެ އިމާމް ކަމަށްވާ، އިމާމް އައްޝާފިޢީގެ އުސްތާޛުންކުރެވެސް އަލް އިމާމް ފުޟައިލް ބްނު ޢިޔާޟް ވެގެން ދިޔައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ