ތަޖުވީދުމަގަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ފަންނަކީ އެތައް ބަޔަކު އެފަންނަކަށް ލޯބިކުރާ އުނގެނެން މަސައްކަތްކުރާ ފަންނެކެވެ. ރީތިކޮށް ޤުރުއާން ކިޔަވައި މީހުންނަށް އެތައް ބައެއްގެ ލޯބި ލިބި އެމީހުންގެ ކިޔެވުންތައް ނަކަލުކޮށް އެގޮތަށް ކިޔެވޭތޯ ބަލާ މީހުންވެސަް ވަރަށް ގިނައެވެ.
މިފަހަރު މިބަލާލަނީ ދުނިޔޭގައި އެންމެ ރީތިކޮށް ކިޔަވައި 10 ޤާރީންނަށެވެ. މިއީ މިކަމާއި ގުޅޭގޮތުން އަލް ހިދާޔާ އިންޓަރނޭޝަނަލް ނެޓްވޯކުގެ ފަރާތުން ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި އެކުލެވޭ މައުލޫމާތު ތަކުގެ މައްޗަށް އަލިއަޅުވާލާ ލިޔާ ލިޔުމެކެވެ. ވަނަތައް ހޮވާފައިވަނީ ޔޫޓިއުބުގައި އެމީހެއްގެ ކިޔެވުން މީހުން ބަލާފައިވާ އަދަދަށް ބަލައިގެންނެވެ. އެންމެ ފުރަތަމަ 10 ވަނައިން ފަށްޓާނަމެވެ.
10. ފާރިސް އައްބާދު
އައްޝައިޚް ފާޜިސް މުހައްމަދު އައްބާދު އަކީ ޤުރުއާން ކިޔެވުމަށް މީހުންގެ ތެރޭގައި ވަރަށް މަޤްބޫލު މީހެކެވެ.
1980 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 12 ވަނަ ދުވަހު ޔަމަނުގެ ވެރިރަށް ސަންޢާއަށް އުފަންވެ ވަޑައިގަތް ފާރިސް ޤުރުއާން ކިޔެވުމުގެ ފަންނަށް ލޯބި ޖެހުނީ އުމުރުން ވަރަށް ހަގު އިރުއެވެ. އެގޮތުން ހަގު އުމުރުފުޅުގައި ޔަމަނުގެ އެކި މަދަރުސާތަކުން ޤުރުއާނުގެ ޢިލްމު ހާސިލްކުރެއްވިއެވެ. އަދި އެއަށްފަހުގައި ބިލާލް އިބްން ރަބާހު މިސްކިތުގައި މިޢިލްމުގެ ފަންނުވެރިން ގާތުންވެސް ކިޔަވާ ވިދާޅުވިއެވެ.

ފާރިސް އައްބާދުގެ އުމުރުން 14 އަހަރުގައި ބިލާލް އިބްން ރަބާހު މިސްކިތުގައި އިމާމްވެ ތަރާވީހް ނަމާދު ކުރައްވަން ފެއްޓެވިއެވެ. އަދި މެދު ނުކެނޑި ހަތް އަހަރު ވަންދެން އެމިސްކިތުގައި ތަރާވީހް ނަމާދު އިމާމްވެ ކުރެއްވިއެވެ.
2003 ވަނަ އަހަރަކީ ފާޜިސް އައްބާދުގެ ކިޔެވުންތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް އުފާވެރި ޚަބަރެއް ލިބިގެންދިޔަ އަހަރެކެވެ. އެގޮތުން އެއަހަރުވަނީ އެބޭފުޅާގެ އަޑުން މުޅި ޤުރުއާން އެއްކޮށް ރިކޯޑުކުރައްވާ އެހުންްްްްްތެރިންނަށް ދޫކޮށްލާފައެވެ.
ފާރިސް އައްބާދު ގިނަ ދުވަސްތަކެއް ވަންދެން ސައުދީ އަރަބިޔާގައި ދިރިއުޅުއްވުމަށްފަހު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އެކުވެރި އަރަބި އިމާރާތުގައެވެ. މަސައްކަތްކުރައްވަމުން ގެންދަވަނީ އެތަނުގެ ޓީވީ ޗެނަލެއްގައެވެ.
ސައުދީގައި ދިރިއުޅުއްވި ދުވަސްތަކުގައި އެތަނުގެ ބައެއް މިސްކިތްތަކުގައިވެސް އިމާމްވެ ނަމާދު ކުރެއްވި ފާރިސް އައްބާދުގެ ކިޔެވުން ޔޫޓިއުބުން 85 މިލިއަން މީހުން ބަލާފަވެއެވެ.
9. ޚާލިދު އަލް ޖަލީލު

ޚާލިދު އަލް ޖަލީލްއަކީވެސް ގިނަ ބައެއްގެ މެދުގައި މަޤްބޫލު އަދި ގިނަ ބަޔަކު އެބޭފުޅާގެ ކިޔެވުމަށް ލޯބިކުރާ ބޭފުޅެކެވެ. އެގޮތުން 166 މިލިއަން މީހުން އެބޭފުޅާގެ ކިޔެވުން އަޑުއަހައިގެން މިލިސްޓުގެ ނުވަވަނައަށްވަނީ ހޮވިފައެވެ.
8- ޔާސިރު އަލް ދުސަރީ
ސައުދީ އަރަބިޔާގެ ރިޔާޟްއަށް އުފަން ޝައިޚް ޔާސިރު އިބްން ރަޝީދު އިބްން ހުސައިން އަލްއައުދާނީ އަލްދުސަރީއަކީ ޤުރުއާން ކިޔެވުމުގެ ފަންނުގައި ފުންނާބުއުސް ހަމައެހެންމެ ދީނީ ވަޢުޟުވިދާޅުވުމުގައިވެސް އެހާމެ މަޤުބޫލު ބޭފުޅެކެވެ. މިހާރު އުރުފުޅުން 36 އަހަރުގެ ޝައިޚް ޔާސިރު ތައުލީމް ހާސިލްކުރެއްވީ ސައުދީ އަރަބިޔާގެ އިމާމް މުހައްމަދު ބިން ސައުދު ޔުނިވަރސިޓީއިންނެވެ. ފުރަތަމަ ޑިގްރީއިން ފެށިގެން ޕީއެޗްޑީވެސް ފުރިހަމަ ކުރެއްވީ އެތަނުންނެވެ.

އުމުރުފުޅުން އެންމެ 15 އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކުރައްވާ ޝައިޚް ޔާސިރުވަނީ ސައުދީއާއި އަދި އެނޫންވެސް ގިނަ ޤައުމުތަކެއްގައި އިމާމްވެ ނަމާދު ކުރުމުގެ ޝަރަފުވެސް ހާސިލްކުރައްވާފައެވެ. އޭގެތެރޭގައި އެކުވެރި އަރަބި އިމާރާތާއި މިޞްރާއި ބަހްރެއިން އަދި ސްވިޒަރލެންޑް ފަދަ ޤައުމުތައްވެސް ހިމެނެއެވެ.
ޕްރިންސް ސުލްތާން ޔުނިވަރސިޓީގައި ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ޝައިޚް ޔާސިރު ސައުދީ އަރަބިޔާގެ ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަށް ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ކުރައްވާއިރު އެބޭފުޅާއިކީ ކިންގް ސުޢޫދު ޔުނިވަރސިޓީގެވެސް މެމްބަރެކެވެ.
ޝައިޚް ޔާސިރުއަށް މިލިސްޓުގެ އަށްވަނަ ލިބެނީ 172 މިލިއަން މީހުން އެބޭފުޅާގެ ކިޔެވުން އަޑުއަހައިގެންނެވެ.
7- މުޙައްމަދު ސިއްދީޤު އަލް މިންޝާވީ
1920 ވަނަ އަހަރު މިޞްރަށް އުފަންވެ ޥަޑައިގެން ޝައިޚް މުހައްމަދު ސިއްދީޤްގެ ކިޔެވުމަކީ ޤުރުއާން ކިޔެވުމަށް ލޯބިކުރާ ފަރާތްތަކުން ހަނދާން ނެތޭނެ ކިޔެވުމެއްނޫނެވެ. އެބޭފުޅާގެ ކިޔެވުމުގެ ބަލާގާތްތެރިކަމާއި ތަޖުވީދުގެ ހަމަތަކަށް ފައްތައިގެން އެކިޔަވާ ކިޔެވުމަކީ މިއަދުވެސް އެތައް ބަޔަކު އެކިޔެވުމަށް ލޯބިކުރާ ކިޔެވުމެކެވެ.

ލޮބުވެތި ބައްޕަގެ ނުފޫޒާއެކު ތުއްޕުޅުއިރުގައި ޤުރުއާން ކިޔަވަން ދަސްކޮށް ފަހުން އެތައް ބަޔަކަށް ޤުރުއާން އުނގަންނަވައި ދެއްވި ޝައިޚް މުހައްމަދު ސިއްދީޤް އަވަހާރަވެފައިވަނީ 1969 ވަނަ އަހަރުގެ ޖޫންމަހުގެ 20 ވަނަ ދުވަހު، އުމުރުފުޅުން 49 އަހަރުގައެވެ.
ޝައިޚް މުޙައްމަދު ސިއްދީޤްގެ ހިތްގައިމު ކިޔެވުންމަތިން މީހުން ހަނދާން ނުނެތޭކަމުގެ އެއް ހެއްކަކީ ދުނިޔެ ދޫކުރެއްވިތާ 48 އަހަރުފަހުން އެކުލަވާލި މިފަދަ ރިޕޯޓަކުންވެސް އެބޭފުޅާއަށް ޖާގަ ލިބުމެވެ. އެބޭފުޅާގެ ކިޔެވުން 232 މިލިއަން މީހުން ޔޫޓިއުބް މެދުވެރިކޮށް އަޑު އަހާފަވެއެވެ.
6- ސައުދު އަލްޤާމިދީ
1968 ވަނަ އަހަރު ސައުދީ އަރަބިޔާގެ ދައްމާމަށް އުފަންވެ ވަޑައިގަތް އަލްޤާމިދީއަކީ ޤުރުއާން ކިޔެވުމުގެ ފަންނުގައި އިތުރު ތަޢާރަފަކަށްވެސް ބޭނުންވާނެ ބޭފުޅެއް ނޫނެއެވެ. އެއަށްވުރެ ބޮޑަށް އެތައް ބައެއްގެ ހިތްތަކުން އެބޭފުޅާވަނީ ޖާގަ ހޯއްދަވާފައެވެ.

ކިޔަވާ ވިދާޅުވާން އުޅުއްވިއިރުވެސް ޤުރުއާން ހިތުދަސްކުރުމާއި އެހެނިހެން އިތުރު ހަރަކާތްތަކުގައިވެސް ފާހަގަކޮށް ލެވުނު ޤާމިދީވަނީ އުމުރުފުޅުން 22 އަހަރުގައި ކީރިތި ޤުރުއާން އެއްކޮށް ހިތުން ދަސްކުރައްވާފައެވެ.
288 މިލިއަން މީހުން އަޑުއަހައިގެން ޤާމިދީއަށް ލިބެނީ ލިސްޓުގެ ހަވަނައެވެ.
5- އަހުމަދު އަލް އަޖަމީ
އުމުރުފުޅުން 49 އަހަރުގެ ޝައިޚް އަހުމަދު އަލީ އަލް އަޖަމީއަކީ މިފަންނުގައި ނިކަން މަޤްބޫލު ނަމެކެވެ.

ސައުދީ އަރަބިޔާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާ ޕާކިސްތާނަށް ވަޑައިގެން ލާހޯރު ޕަބްލިކް ޔުނިވަރސިޓީއިން މާސްޓަރސް އަދި ޤުރުއާން އިންޓަޕްރިޓޭޝަންއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަހުމަދު އަލް އަޖަމީއަކީ އެބޭފުޅާގެ ކިޔެވުން އެތައް ބަޔަކު އަޑުއަހާ އެކިޔެވުމަކަށް ލޯބި ޖެހިފައިވާ ކިޔެވުމެކެވެ.
އަހުމަދު އަލް އަޖަމީއަށް މިލިސްޓުގެ ފަސްވަނަ ލިބެނީ 362 މިލިއަން މީހުން އެބޭފުޅާގެ ކިޔެވުން އަޑު އަހައިގެންނެވެ.
4- އަބްދުލްރަހްމާން އަލް ސުދައިސް
މަސްޖިދުލް ހަރަމްގެ އިމާމް އަބްދުލްރަހްމާން އިބްން އަބްދުލްއަޒީޒް އަލް ސުދައިސްއަކީވެސް މިފަންނުގައި އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.
ޓީވީ ތަކުންވެސް އަބަދުހެން އެއަޑެއް އިވިއިވި ހުންނަ ސުދައިސް، އުމުރުފުޅުން 12 އަހަރުގައި ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރެއްވިއެވެ.

އަޑުއަހާ މީހުންގެ ހިތްތަކާއި ކުޅެލާފަދަ އަސަރުގަދަކޮށް ކިޔަވާ ވިދާޅުވާ ސުދައިސްވަނީ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީއިން އިސްލާމިކް ޝަރީއާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.
369 މީހުން އަޑުއަހައިގެން ސުދައިސްއަށް ލިބިލައްވަނީ މިލިސްޓުގެ ހަތަރުވަނައެވެ.
3- މާހިރު އަލްމުއީޤްލީ
މިހާރު ދެން މިއޮތީ ލިސްޓުގެ ގަދަ ތިނަކާއި ހަމައަށް އާދެވިފައެވެ.
ހިޖުރައިން 1388 ގައި މަދީނާއަށް އުފަންވެ ވަޑައިގަތް މާހިރު އަލްމުއީޤްލީއަކީ ވެސް މިފަންނުގައި އަރާ ހުންނެވި ބޭފުޅެކެވެ.

ހިސާބުގެ ޢިލްމުން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި މާހިރުވަނީ އުއްމުލްޤުރާ ޔުނިވަރސިޓީއިން އިސްލާމީ ޝަރީއާއިން މާސްޓަރސް ހައްދަވާފައެވެ. އަދި ހިޖުރައިން 1416 ފެށިގެން 11 އަހަރުވަންދެން މަސްޖިދުލް ހަރާމްއާއި މަސްޖިދުލް ނަބަވީގެ އިމާމްކަންވެސް ވަނީ ކުރައްވާފައެވެ.
ލިސްޓުގެ ތިންވަނައަށް ހޮވިފައިވަނީ 598 މިލިއަން މީހުން އެބޭފުޅާގެ ކިޔެވުން އަޑުއަހައިގެންނެވެ.
2- އަބްދުލް ބާސިތު އަބްދުލް ޞަމަދު
1927 ވަނަ އަހަރު މިޞްރަށް އުފަންވެ ވަޑައިގަތް އަބްދުލް ބާސިތު އަބްދުލް ޞަމަދަކީ މިފަންނުގައި އެކުލަވާލާ މިފަދަ ކޮންމެ ލިސްޓަކުންވެސް ޖާގަ ހޯއްދަވާނެ ނަމެކެވެ. އެހާވެސް އެބޭފުޅާ ކޮށްދެއްވާފައިވާ މަސައްކަތް ފުރިހަމައެވެ.

މިޞްރުގެ ގިނަ މިސްކިތްތަކެއްގައި އިމާމްވެ ނަމާދު ކުރެއްވި އަބްދުލް ބާސިތުވަނީ ސައުދީ އާއި ސޫރިޔާ ފަދަ ޤައުމުތަކަށް ރަމަޟާންމަހުގައި އިމާމްވެ ނަމާދުކޮށްދިނުމަށްވެސް ދަތުރުކުރައްވާފައެވެ.
1988 ވަނަ އަހަރުގެ ނޮވްމެބަރުމަހުގެ 30 ވަނަ ދުވަހު އަބްދުލް ބާސިތު މިދުނިޔެ ދޫކުރައްވާފައިވީ ނަމަވެސް އެބޭފުޅާ ކިޔަވާ ވިދާޅުވި ރާގަކީ މިހާރުވެސް އެތައްބަޔަކު އެކިޔެވުމެއް ދަސްކޮށް ކިޔަވަމުންދާ ރާގެކެވެ. ކޮންފަދަ ބޮޑު ނަސީބެއް ތޯއެވެ.
މިރިޕޯޓަށް އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި 755 މިލިއަން މީހުން އަބްދުލް ބާސިތުގެ ކިޔެވުން އަޑުއަހާފައިވެއެވެ.
1- މިޝަރީ ރާޝިދު އަލްއަފާސީ
މިވަރަށް ބުނެފައި މިލިޔުން ނިންމާލިޔަސް ދެން ފުދޭނެއެވެ. މިނަމަކީ އެހާވެސް މަޤުބޫލު އެހާވެސް ރަހުމަތްތެރި އަބަދުހެން ކަންފަތައް އިވިއިވި ހުންނަ ނަމެކެވެ.

ކުވެއިތަށް އުފަން މިޝަރީ ރާޝިދު ޤަރީބު މުހައްމަދު އަލް އަފާސީއަކީ ރީތިކޮށް ޤުރުއާންކިޔަވާ ވިދާޅުވާ އެބޭފުޅާގެ ހިތްގައިމު އަސަރު ގަދަ އަޑުން އެތައް އަސަރުގަދަ މަދަހަތަކެއްވެސް ކިޔައި ގިނަ ބައެއްގެ ހިތްތައް އަތުލައްވާފައިވާ ބޭފުޅެކެވެ.
ކުވެއިތުގެ މަސްޖިދުލް ކަބީރުގެ އިމާމްކަންވެސް ކުރައްވާ އަލްއަފާސީ ޤުރުއާނުގެ ޢިލްމުން ތައުލީމް ހާސިލްކުރެއްވީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިންނެވެ.
789 މިލިއަން މީހުން އަފާސީގެ ކިޔެވުންތައް އަޑުއަހާފަވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...