މީހުންނަށް އޭނާ ފުރަތަމަ އަަޅައިގަތީ ނިދާފައޮތް ދަރިފުޅު ކޮނޑުމަތީގައި ބާއްވައިގެން ގަދަ އަވީގައި ގަލަން ވިއްކަމުން ދިޔަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެއާއެކު އެތައް ބައެއްގެ ހަމްދަރުދީގެ ބަސްތައް އޭނާއަށް ލިބެމުން ދިޔައެވެ.
ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެއެވެ. އޭރު ގަލަން ވިއްކަން އުޅުނު ރެފިއުޖީ މީހަކީ މިހާރު ތިން ވިޔަފާރިއެއްގެ އޯނަރެވެ. ރެފިއުޖީއެއްގެ ހާލަތުން ވިޔަފާރިވެރިއަކަށް ބަދަލުވީ ކިހިނެއް ހެއްޔެވެ؟
އަބްދުލް ހަލީމް އަލް އައްތާރު، 33 ދިރިއުޅެމުން ގެންދިޔައީ ސޫރިޔާގައެވެ. ސޫރިޔާގައި ދިރިއުޅެމުން ގެންދިޔަޔަސް އޭނާއަކީ ފަލަސްތީނުގެ ރައްޔިތެކެވެ. 2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ހިނގަމުން ދިޔަ ހަނގުރާމައިގައި އެޤައުމު ދޫކޮށްދިޔަ އެތަައް ހާސް މީހުންގެ ތެރޭގައި އައްތާރު އާއި އޭނާގެ އާއިލާވެސް ހިމެނެއެވެ.
ސޫރިޔާ ދޫކޮށް ރެފިއުޖީންގެ ގޮތުގައި އައްތާރުއާއި އޭނާގެ އާއިލާ ހިޖުރަކުރީ ލުބްނާނުގެ ވެރިރަށް ބެއިރޫތަށެވެ. އާއިލާއަށް ބޭނުންވާނެ ފައިސާ ހޯދުމަށް އައްތާރު ކުރަމުންދިޔަ މަސައްކަތަކީ ބެއިރޫތުގެ މަގުތަކުގައި ގަލަން ވިއްކުމެވެ. ހޫނު މޫސުމުގެ ގަދަ އަވީގައި ގަލަން ވިއްކަން ނިކުމެ އުޅޭއިރު އައްތާރުގެ ހަތަރު އަހަރަށްދާ އަންހެން ދަރިފުޅު ރީމް އޮންނަނީ އޭނާގެ ކޮނޑު މަތީގައި ނިދާފައެވެ.
ހަޔާތުގެ އުނދަގޫ ދުވަސްތަކަށް ނިމުމެެެއް އައިސް އުއްމީދުގެ ހުޅުކޮޅު ދިއްލިގެންދިޔައީ އައްތާރުގެ މިމަސައްކަތުގައި އުޅެނިކޮށް 2015 ވަނަ އަހަރު ނޯވޭގެ ނޫސްވެރިޔަކަށް އޭނާ ފެނުނު ހިސާބުންނެވެ.

މިނޫސްވެރިޔާ އައްތާރު މަގުމަތީގައި ގަލަން ވިއްކަމުންދިޔަ ފޮޓޯތައް ނަގައި އާއްމު ކުރިއެވެ. އަދި އައްތާރުއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް ޓުވިޓަރ އެކައުންޓެއް ހުޅުވާ އެފަރާތްތަކާއި އައްތާރުއާއި ގުޅުވާލަ ދިނެވެ.
މިއާއެކު ފެށުނު ސޯޝަލް މީޑިއާ ކެމްޕެއިންގެ ސަބަބުން ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީ އައްތާޜުއަށް އޮހިގެން ދިޔައެވެ. އަދި އެކައުންޓު ހުޅުވިތާއި ތިންމަސް ތެރޭގައި އެހީގެ ގޮތުގައި އޭނާއަށް 191000 ޑޮލަރު ލިބުނެވެ.
މިއާއެކު އައްތާރު ފެށީ އޭނާގެ ދިރިއުޅުން ބަދަލުކުރުމުގެ މަސައްކަތެވެ. ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކުރި ފައިސާއިން ބޭކަރީއަކާއި ކަބާބް ފިހާރައެއްގެ އިތުރުން ރެސްޓޯރެންޓެއްވެސް އައްތާރު ހުޅުވިއެވެ. އަދި އެތަންތަނުގައި މަސައްކަތް ކުރުމަށް ސޫރިޔާގެ އެހެން ރެފިއުޖީން އޭނާ ގެނައެވެ.

އައްތާޜުގެ މުވައްޒަފުންގެ ގޮތުގައި މިހާރު ސޫރިޔާގެ 24 ރެފިއުޖީއަކު ގެންގުޅެމުންދެއެވެ.
ދިރިއުޅުމުގެ ހާލަތު ބަދަލުވުމާއެކު އައްތާރުގެ ދޮށީ ފިރިހެން ދަރިފުޅު އަބްދުﷲ 9، ވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލަށް ދާންވެސް ފަށާފައެވެ.

އައްތާރު މިހާރު ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ދިރިއުލުމުގެ ހާލަތު ބުރަ މަސައްކަތުން ބަދަލު ވެއްޖެއެވެ. އެއާއެކު އޭނާގެ އަޚުން ކަމުގައިވާ ސޫރިޔާގެ އެހެން ރެފިއުޖީންގެ ހާލަތުވެސް މިއަދު ވަނީ އޭނާގެ އެހީއާއެކު ބަދަލުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...