ސައުދީ އަރަބިޔާއިން ދިވެހިރާއްޖެއަށް ދެމުންއަންނަ ހައްޖު ކޯޓާ، ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިތުރުކޮށްދެއްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ސަން އޮންލައިންއަށް ދެއްވާފައިވާ ބަސްދީގަތުމެއްގައެވެ.
ޑރ ޝަހީމް ވިދާޅުވީ ސައުދީ ރަސްގެފާނަކީ ދިވެހިން ދެކެ ވަރަށް ބޮޑަށް ލޯބިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެގޮތުން އެންމެ ފަހުން އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ މިންވަރު އިތުރުކޮށް، އެމަނިކުފާނުގެ އަމިއްލަ ފުޅު ޚަރަދުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިސްކިތް އެޅުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާ ކަމަށެވެ.
ރާއްޖެ އަށް މިހާރު ކަނޑައަޅާފައި އޮންނަނީ އަހަރަކަށް 1،000 ޖާގަ އެވެ. ނަމަވެސް ރައީސް ޔާމިން ސައުދީ އަރަބިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިތުރު 1،000 ޖާގައިގެ ޔަޤީންކަން ސައުދީން ދިނުމާއި ގުޅިގެން ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދާން، 2،000 ޖާގަ އިސްލާމިކް މިނިސްޓްރީން ދޫކުރި އެވެ. އެކަމަކު، ކޯޓާ ހަމަނުޖެހި، އޭގެ ތެރެއިން 1،000 މީހުންނަށް ހައްޖަށް ނުދެވޭނެ ކަމުގެ ބިރު އުފެދިފައި ވަނިކޮށް ފަހު ވަގުތު އިތުރު 1000 ޖާގަ ހަމަޖެހި އެންމެން ހައްޖަށް ދިޔަ އެވެ.
އޭޝިއާގެ ފަސް ގައުމަކަށް ރަސްގެފާނު ކުރައްވާ ދަތުރުފުޅުގައި އިންޑޮނީޝިއާ އަށް ވަޑައިގެން އެ ގައުމުގެ ހައްޖު ކޯޓާއަށްވެސް ވަނީ 10،000 އިތުރުކޮށްދެއްވައިފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...