ﷲ ޞުބުހާނަހޫ ވަތަޢާލާ ނެތުމުގެ ތެރެއިން އަޅުގަނޑުމެން ވުޖޫދަށް ގެންނަވައި، މި ކުޑަ ކުޑަ ޖަޒީރާ ރަށްތަކުގައި ލައްވަވާފައިވަނީ ގިނަގުނަވެގެންވާ ނިޢުމަތްތަކެއް އަޅުގަނޑުމެންނަށް ދެއްވާފައެވެ. ބަލާލި ކޮންމެ ދިމާލަކުންމެ ފެނިގެންދަނީ އެކަލާނގެ ނިޢުމަތްތަކެވެ. އެ ނިޢުމަތްތަކަކީ އަޅުގަނޑުމެން ގުނާ އަދަދު ކުރަންފަށައިފިނަމަ އަދަދު ނުކުރެވޭހާ ގިނަގުން ނިޢުމަތްތަކެކެވެ. މި ނިޢުމަތްތަކުގެ ތެރެއިން އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވި އަގު ބޮޑު އެއް ނިޢުމަތަކީ މާތްވެގެންވާ އިސްލާމް ދީނުގެ ނިޢުމަތެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމާއި ދަރުމަވަންތަވެރިކަމުން އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެހާ ރައްޔިތުންނަކީ އެއްދީނަކަށް ތަބާވާ، އެއް އިލާހަކަށް އީމާންވާ، އެއް ރަސޫލަކަށް ކިޔަމަންވާ ފުރިހަމަ މުސްލިމް ބައެކެވެ.
މި އިސްލާމް ދީނުގެ ސަބަބުން އަޅުގަނޑުމެންނަށް ވަނީ ވަރަށް ވަރުގަދަ ހަތިޔާރެއް ލިބިފައެވެ. މި ހަތިޔާރަކީ، އެ ހަތިޔާރެއްގެ ސަބަބުން މުޅި ޢަރަބިކަރައިގެ ކާފިރުންގެ މައްޗަށް މުސްލިމުން ނަސްރު ހޯދި ހަތިޔާރެކެވެ. ބަދުރުގެ މައިދާނުގައި 1000 މީހުންގެ ކުރިމަތީގައި 313 މީހުންނަށް ނަޞްރު ލިބިގެންދިޔަ ހަތިތާރެކެވެ. އުހުދުގެ މައިދާނުގައި 3000ކާފިރުންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ލިބިގެންދިޔަ ހަތިޔާރެކެވެ. ހުނައިނުގެ މައިދާނުގައި ކާފިރުންނާއި ދެކޮޅަށް މުސްލިމުނަށް ނަޞްރު ލިބިގެންދިޔަ ހަތިޔާރެކެވެ. މުޅި ޢަރަބި ކަރަ ފޫއަޅުވާލުމަށްފަހު ރޯމަށާއި ފާރިސް ކަރައަށް އިސްލާމްދީނުގެ ނޫރު ފޯރުކޮށްދިން ވަރުގަދަ ހަތިޔާރެކެވެ. އާދެ އެއީ ތޯއެވެ؟ އާދެ އެއީ! "މުސްލިމުންގެ އަޚުވަންތަކަމެވެ، އެއްބަނޑު އެއްބަފާކަމެވެ، އެއްބައިވަންތަކަމެވެ."
އިސްލާމް ދީނުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ އަޚުވަންތަކަމަކީ ލޭގެ ގުޅުމަށްވުރެވެސް މާ ވަރުގަދަ ގުޅުމެކެވެ. އެހެންކަމުން މި އަޚުވަންތަކަން ދެމެހެއްޓުމަށްޓަކައި އިސްލާމް ދީންވަނީ ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެގޮތުން މި އެއްބައިވަންތަކަމުގެ ކިއްލާ ނިކަމެތި ކޮށް ފުޑު ފުޑު ކޮށްލާ ކޮންމެ ކަމެއް އިސްލާމްދީން ވަނީ ޙަރާމް ކުރައްވާފައެވެ. އެކަކު އަނެކަކަށް ޙަސަދަވެރިވުން ވަނީ ޙަރާމް ކުރައްވަފައެވެ. އެކަކު އަނެކަކަށް ރުޅި އައިސްގެން ހުރުން ވަނީ ޙަރާމް ކުރައްވާފައެވެ. އެކަކު އަނެކަކަށް ފުރަގަސް ދިނުންވަނީ ޙަރާމް ކުރައްވާފައެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވަނީ "ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރި ނުވާށެވެ، ރުޅި ނުވާށެވެ. އަދި ފުރަގަސް ނުދޭށެވެ. ﷲގެ އަޅުންގެ ގޮތުގައި އަޚުންތަކެއް ގޮތުގައި ވާށެވެ" ޙަސަދަ ވެރިވުމަކީ އަލިފާން ދަރު އަންދާލާފަދައިން ތިމާކޮށްފައިވާ ހެޔޮކަންތައްތައް ނެތިކޮށްލާ ކަމެކެވެ. އަދިވެސް ހަދީޘް ކުރައްވަނީ "އެއްވެސް މުސްލިމަކަށް އަނެއް މުސްލިމަކާ ރުޅިއައިސްގެން 3 ދުވަހަށް ވުރެ ގިނައިން ވާހަކަ ނުދައްކާ އަގައިން ނުބުނެ ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެގޮތުގައި 3 ދުވަސް ފައިތުވެއްޖެނަމަ އެމީހާ ދާންއޮތްތަނަކީ ނަރަކައެވެ." އެހެންކަމުން ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ "ހަމަކަށްވަރުން މުއުމިނުންނަކީ އެއްބަނޑު އެއްބަފާ އަޚުންތަކެކެވެ. ތިޔަބައިމީހުންގެ އަޚުންގެ މެދުގައި ޞުލްޙަކުރާށެވެ."
އަދި ހަމަމިފަދައިން އެކަކު އަނެކަކަށް ޣީބަބުނުންވެސް ވަނީ ޙަރާމްކުރައްވާފައެވެ. މުސްލިމެއްގެ ހައިސިއްޔަތުން މުސްލިމާގެ ލެޔާއި ފުރާނަޔަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. كل المسلم على المسلم حرام دمه وماله و عرضه (رواه مسلم) "ކޮންމެ މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމް މިހާގެ ލެޔާއި މުދަލާއި އަދި އަބުރަކީ ޙަރާމްއެއްޗެކެވެ." އެ ޙުރުމަތްތެރިވެގެންވަނީ ކިހާވަރަކަށްހެއްޔެވެ؟ ލޮބުވެތި އަޚުންނާއި އުޚުތުން ކައުބަތުﷲ ގެކޮޅުގެ ޙުރުމަތްތެރިކަމަށްވުރެ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި މުސްލިމެއްގެ ލޭގެ ހުރުމަތްތެރިކަން ބޮޑުވެގެންވެއެވެ. އެހެންކަމުން އެއްމުސްލިމަކީ އަނެއް މުސްލިމާގެ އަޚެއްކަމަށް ރަސޫލާ صلى الله عليه وسلم ވަނީ ހަދީޘް ކުރައްވާފައެވެ. المسلم أخو المسلم لا يضلمه ولايخذله ولا يكذابه "އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާއެއް ނުކުރާނެއެވެ. އަދި ނިކަމެއްޗެއްވެސް ނުކުރާނެއެވެ. އަދި އޮޅުވައެއްވެސް ނުލާނެއެވެ. މިފަދަ މަތިވެރި ގުޅުމެއް އަޅުގަނޑުމެންގެ ތެރޭގައި ބޭއްވުމަށްޓަކައި ތިމާގެ އީމާންކަން ފުރިހަމަވުމުގެ ކަންތައްތަކުގެތެރޭގައި މިގުޅުން ދެމެހެއްޓުން ވަނީ އައިސްފައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވަނީ لا يؤمن أحدكم حتى يحب لأخيه ما يحب لنفسه (رواه البحخاري ومسلم) "ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ ކަންތައްތައް ތިމާގެ އަޚާއަށް ލިބިމުށް ނޭދޭހާ ހިނދަކު ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ".
ކޮންމެއަކަސް މިމައުޟޫގައި ކިތަންމެ އާޔަތްތަކަކާއި ހަދީޘް ތަކެއް ގެނެސް ދެވިދާނެއެވެ. ނަމަވެސް ބޭނުމަކީ މި ގުޅުމަކީ ކިހާ މުހިންމު އެއްޗެއްކަން ދެނެގަތުމެވެ. މިއަދު މި ސައްތައިން ސައްތަ މުސްލިމް މުޖުތަމަޢިން ފެނިގެންދާ މަންޟަރުތަކަށް ބަލާލާއިރު ފާޅުވެގެން އަންނަނީ ވަރަށްވެސް އަސަރުން ފުރިގެންވާ ހިތާމަވެރި މަންޟަރު ތަކެކެވެ. ތިމާމެންނަކީ މުސްލިމުންނޭ ބުނާއިރު މި މުޖުތަމަޢުގައި ދޭދޭ އަފްރާދުންގެ މެދުގައި އޮންނަން ޖެހޭ އަޚްވަންތަކަމާއި ލޯތްބާއި ކުލުނުގެ މާތް ގުޅުން ކޮބާހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ މިސާލެއްފަދަ ބަޔެއްކަމަށް ހަދީޘް ކުރައްވާފައި ވާއިރު، އަޅުގަނޑުމެންގެ މުޖުތަމަޢުން ފެނިގެންދާ މަންޟަރުތަކުން ހާމަވެގެންދަނީ މިއާ ޚިލާފު ކަންތައްތަކެކެވެ. އެއްބަޔަކު އަނެއްބަޔަކަށް މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމާއި، އެއްޗެހިކިއުމުގެ އަނޑަކީ މިހާރު އަޅުގަނޑުމެންގެ ކަންފަތަށް ޢާންމު އަނޑެކެވެ. އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރުމާއި، އެއްބަޔަކު އަނެއްބަޔެއްގެ ފުރާނަ ދުއްވާލުމާއި، ޖެއްސުން ކުރުމަކީ މިހާރު އާންމު މަންޟަރެކެވެ. ޝަރަފުވެރިކަމާއި އެކު ދިވެހިންގެ ޖީބުގައި ޖަހަމުން އައި ޤަލަމުގެ ބަދަލުގައި މިހާރު ފެންނަނީ ޖީބުގައި ކަޓަރެއް ޖަހައިގެން އުޅޭތަނެވެ. ގެއިން ނުކުމެގެން އަބުރާ ގެއަށް ސަލާމަތުން ވަދެވޭނެކަމުގެ އުންމީދެއް ނެތެވެ. މީހެއްގެ އަބުރު ނަގާލުމާއި، މީހުންނާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ކިއުމާއި، މީހުންގެ ފުރާނަ ދުއްވާލުމަކީ މިހާރު ދިވެހިންނަށް ފެންފޮދެއް ބޯލުންހައި ފަސޭހަ ކަމެކެވެ. ދުނިޔެއަށް އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކީ މިފަދަ އަނޑުތަކާއި މަންޟަރު ތަކެއް މި މުޖުތަމަޢުއިން ފެނިގެންދާ ދުވަހެކެވެ.
ހިތާމައިގެ ކޮޅެއް ނެތެވެ. "ސިޔާސީ" މި ނަމުގައި މިމުޖުތަމަޢުއަށް ފާވެގެނެގެންއުޅޭ ބައްޔެއްގެ ސަބަބުން މިހުރިހާ ޖަރިމާތަކެއް މި މުޖުތަމަޢުގައި ދަނީ ފެތުރެމުންނެވެ. ރާއްޖޭގެ ޙާލަތަށް ނަޟަރުހިންގާލާއިރު "ސިޔާސީ" މިބަހުގެ މާނެއްގެ ގޮތުގައި ދޭހަވަނީ، އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރުމާއި، އެއްޗެހިކިއުމާއި، ފުރައްސާރަކުރުމާއި، އަނިޔާކުރުމެވެ. ތިމާ ނިސްބަތްވާ ޕާޓީގެ ދިފާޢުގައި ތިމާގެ އަނެއް އަޚާއާއި ދިމާލަށް ކޮންމެ ފަދަ އެއްޗެއް ކިއުމުގެ އިތުރުން ކޮންމެ ފަދަ ކަމެއް ކޮށްލުމަކީ އަޅުގަނޑުމެންގެ ކައިރީގައި އެއްވެސް ކަމެއްނޫނެވެ؟ ތިމާ ނިސްބަތްވާ ޕާޓީގެ ދިފާޢުގައި ތިމާ 9 މަހާއި 10 ދުވަސް ވަންދެން ބަނޑުގައި ވޭނާ އެކު އުފުލި މަންމައާއި ދިމާލަށް ކޮންމެފަދަ އެއްޗެއް ބުނެލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް މީހުންހެއްޔެވެ؟ އަޅުގަނޑުމެންގެ ހިތްތަކަށް ހަމަ އަސަރެއް ނުކުރޭހެއްޔެވެ؟ އަޅުގަނޑުމެންގެ މި ސިކުޑިތަކަށް ނުވިސްނެނީހެއްޔެވެ؟ މި ޕާޓީ ތަކަށް އަޅުގަނޑުމެން ނިސްބަތްވުމުގެ މާކުރިން އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. ވީމާ، މުސްލިމުންގެ ގޮތުގައި ތިބެގެން މިފަދަ ޕާޓީ ތަކުގެ ދިފާޢުގައި ރަހިމުގެ ގުޅުމާއި، އަޚުވަންތަކަމުގެ ގުޅުން ކަނޑަމުންދާއިރު އެފަދަ މީހުންނަކީ ހަމަ މުސްލިމުންތޯއާއި މެދު އަޅުގަނޑުގެ ހިތުގައި ސުވާލުއުފެދެއެވެ.
ލޮބުވެތި ދިވެހި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ވިމާ، މިފަދަ ކަންކަމާއި މެދު އަޅުގަނޑުމެން ވިސްނަންވެއްޖެއެވެ. އެހެންނޫންނަމަ ރަސުލާ صلى الله عليه وسلم ހަދީޘް ކުރެއްވި ފަދައިން އަޅުގަނޑުމެންވާނީ އޮހެމުންދާ ފެންގަނޑެއްގެ މަތީގައިވާ ކުނިތަކެއްފަދަ ބަޔަކަށް ވެދާނެއެވެ. އެދުވަހަކުން އަޅުގަނޑުމެންގެ ޢަދަދު ކިތަންމެ ގިނަވިޔަސް ދުޝްމަނުން އަޅުގަނޑުމެންގެ މައްޗަށް އަރައިގަންނާނީ ބަނޑުހައިވެފައި ތިބި ބަޔަކު ކާތަކެތީގެ މައްޗަށް އަރައިގަން ގޮތަށެވެ. ވިސްނާ ފިކުރުކުރާށެވެ! އަދިގެ ދުނިޔޭގައި މުސްލިމުންގެ ޢަދަދު މަދީހެއްޔެވެ؟ މުސްލިމުނގެ އަތުގައި ހަތިޔާރު ނެތީހެއްޔެވެ؟ ނަމަވެސް ދުޝްމަނުން ދަނީ މުސްލިމުން ފޮތިފޮތި ޖަހަމުންނެވެ. މިކަމުގެ ސަބަބަކީތޯއެވެ؟ އަޅުގަނޑުމެންގެ އަތުގައި ނެތީ ހަމައެންމެ އެއްޗެކެވެ. އެއީ އީމާންކަމުގެ ސަބަބުން ލިބިފައިވާ އީމާންކަމުގެ ގުޅުމެވެ. އެއްބަނޑު އެއްބަފާކަމެވެ. އެއްބައިވަންތަކަމެވެ. އެކުވެރިކަމެވެ. ލޯތްބާއި ކުލުނެވެ. ރާއްޖޭގައި މިއޮތް ސިޔާސީ މަސްރަޙާއި މެދުގައިވެސް އަޅުގަނޑުމެން ވިސްނަންވެއްޖެއެވެ. މިފަދަ ޕާޓީ ސިސްޓަމަކީ އިސްލާމްދީނުގައި ހުއްދަ ޕާޓީ ސިސްޓަމްކަމާއި މެދު މިއަދު އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ. އެ ސިސްޓަމެއްގެ ސަބަބުން މުސްލިމުން ބައިބައިވެ، މުސްލިމުންގެ ލޭތައް އޮހޮރުގެންދާ އެއްވެސް ސިސްޓަމަކީ އިސްލާމްދީނުގައި ހުއްދަ ސިސްޓަމެއް ނޫންކަމާއި މެދު އެއްވެސް މުސްލިމަކު ދެބަސް ނުވާނެއެވެ. އެހެންކަމުން ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން މިފަދަ ސިސްޓަމް ތަކާއިމެދު ދެއްވާފައިވާ ފަތުވާ ތަކަކީ ކޮބައިތޯ އަޅުގަނޑުމެން ބަލަންވެއްޖެއެވެ. ގެއްލިއްޖެ ވަގުތަކީ އަބުރާ ލިބޭނެ އެއްޗެއް ނޫނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...