ރިޕޯޓް އޭކަމެއް ނެތް ދޯ؟ ހާދަ ވައޭ !!! (އެއްވަނަ ބައި)

އޭކަމެއް ނެތް ދޯ؟ ހާދަ ވައޭ !!! (އެއްވަނަ ބައި)

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހަސަން ޝިޔާޒް

އަޙްމަދުގެ ފޯން ރިންގް ވާން ފެށިއެވެ. ފޯނުކުރީ އޭނަގެ ރަޙްމަތްތެރިޔާ އަރީފް އެވެ. ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ.

"އޭ ކަމެއް ނެތް ދޯ؟ ހާދަ ވައޭ" އަރީފް ބުންޏެވެ.

"އާނ. މަވެސް މިއުޅެނީ ވައިވެގެން. ހިނގާ ކޮފީއަކަށް ދާން" އަޙްމަދު ޖަވާބު ދިނެވެ.

.....................................................................................................................................

"އޭ ކަމެއް ނެތް ދޯ؟ ހާދަ ވައޭ" މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޒުވާނުންގެ ތެރެއިން ގިނަ ބައެއްގެ ދުލުކުރީގައިވާ، އެންމެ އާއްމުކޮށް ބޭނުންކުރެވޭ ފަރިތަ ބަހަކަށް ވަނީ ވެފައެވެ. ޒުވާނުން މިހެން ބުނަމުން ދަނީ ޙަޤީޤަތުގައިވެސް ހަމަ ވައިވެގެންނެވެ. ފޫހިވެގެންނެވެ. ހުސްކަމެއް އައިސްގެނެވެ. މިއީ ޒުވާނުންނަށް ޖެހިފައިވާ ވަރަށް ބޮޑު ބައްޔެކެވެ. މިބައްޔަށް ޚާއްޞަ ސަމާލުކަމެއްދީ، ފަރުވާކުރަންޖެހެއެވެ.

ޒުވާނުންނަށް ދިމާވެފައިވާ މިކިޔާ ހުސްކަމަކީ ކޮބައިބާވައެވެ؟ އާދެ، ޝައްކެއް ނެތްގޮތުގައި މިހުސްކަމަކީ ރޫޙާނީ ހުސްކަމެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ކެއިންބުއިމާއި ދުރުހެލިވެހުރުމުން، ބަނޑުހައިވާ ފަދައިން، ފުރާނަ އަށް ދޭންޖެހޭ ކާނާ ނުދެވުމުން އަންނަ ރޫޙާނީ ހުސްކަމެވެ. ފުރާނައިގެ ކާނާ އަކީ ކޮބައިބާވައެވެ؟ އެއީ އަހަރެމެންނަށް ފެންނަ އެއްޗެއް ބާވައެވެ؟ ނޫނެކެވެ. އެއީ ކާބޯތަކެތިހެން، ފެންނަ އެއްޗެއް ނޫނެވެ. އިންސާނާގެ ރޫޙާނީ ނުވަތަ ފުރާނައިގެ ކާނާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ ސަބަބުން ލިބޭ ދާއިމީ ހިތްހަމަޖެހުމެވެ. އީމާންކަމުގެ ސަބަބުން އިޙްސާސްކުރެވޭ ފޮނިކަމެކެވެ. އެއީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކުރުމާއި، ޒިކުރުކުރުމުން ލިބޭ ހިތްހަމަޖެހުމެކެވެ. މިނޫން އެހެން އެއްވެސްކަމަކުން އިންސާނާގެ ރޫޙަށް ޙަޤީޤީ ކާނާއެއް ނުލިބޭނެކަން ކަށަވަރެވެ.

"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

(އައްރަޢުދް ސޫރަތުގެ 28 ވަނަ އާޔަތުގެ މާނަ) 13:28

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ!" (އަލްއަޙްޒާބް ސޫރަތުގެ 41 ވަނަ އާޔަތުގެ މާނަ) 33:41

ޙަޤީޤަތުގައި އިންސާނުންނަކީ އަބަދުވެސް ތަފާތު ކަންތައްތައް ތަޖުރިބާކުރަން ބޭނުންވާ ބައެކެވެ. މިހެންކަމުން ﷲ ޞުބްހާނަހޫވަޠައާލާ މިކާއިނާތް އުފައްދަވާ، ގެންގުޅުއްވާ ބަލަހައްޓަވަމުންދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުން، އިންސާނުންނަށް ވަރަށް ގިނަ ޢިބްރަތްތައް ލިބޭނެގޮތަށެވެ. ނިކަން ވިސްނަވާބައްލަވާށެވެ. ތަފާތު މޫސުމްތަކާއި، މާހައުލުތަކާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ދޫނި ސޫފާ ސޫއްޕާއި، ޖަނަވާރުތަކަށާއި، ފަރުބަދަތަކާއި ވާދީތަކަށް ނަޒަރު ހިންގަވާށެވެ. ރޭދުވާ ތަކުރާރުވުން، އިރު، ހަނދާއި ތަރިތައް ދައުރުކުރުން، ފިންޏާއި ހޫނު، ލޮނުރަހައާއި، ފޮނިރަހަ، މިފަދަ އެތައް އެތައް ޢިބްރަތްތަކެއް ﷲ ވަނީ މިދުނިޔެމަތީގައި ލައްވަވާފައެވެ.

"ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ."

(އައްނަޙްލު ސޫރަތުގެ 69 ވަނަ އާޔަތުގެ މާނަ) 16:69

"އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ."

(އައްރަޢުދް ސޫރަތުގެ 4 ވަނަ އާޔަތުގެ މާނަ) 13:4

"އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ حال، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ حال ގައްޔާއި، އެއްވައްތަރުވެގެން ނުވާ حال ގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ زكاة ދޭށެވެ! އަދި ތިޔަބައިމީހުން إسراف ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ."

(އަލްއަންޢާމް ސޫރަތުގެ 141 ވަނަ އާޔަތުގެ މާނަ) 6:141

"ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމުހެއްޔެވެ؟ ފަހެ، ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ."

(ފާޠިރް ސޫރަތުގެ 27 ވަނަ އާޔަތުގެ މާނަ) 35:27

"(أُحد ހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (بدر ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمان ވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيد ން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ."

(އަލްއިމްރާން ސޫރަތުގެ 140 ވަނަ އާޔަތުގެ މާނަ) 3:140

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. "ވައިކަން" ފިލުވަން ބޭނުންވޭ ހެއްޔެވެ؟ ހިތްހަމަޖެހުމާއި އުފާވެރިކަން ބޭނުން ހެއްޔެވެ؟ ބޭނުންނަމަ، އިސްލާމްދީނަށް ފުރިހަމައަށް ރުޖޫޢަވާށެވެ. ﷲ ގެ މަތިން ގިނަގިނައިން ހަނދުމަކުރާށެވެ. ދީނީ އަޅުކަންތައް ބަރާބަރަށް އަދާކުރާށެވެ. އިސްލާމީ ޝަރީޢަތުގައި ހިމެނޭ އަޅުކަންތައްތަކަށް ވިސްނާލަމާ ހިނގާށެވެ. ކޮޅަށްތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން މުސްލިމުން ﷲ ހަނދުމަކޮށް ޒިކުރުކުރެއެވެ.

"އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!"

(އަލްއިމްރާން ސޫރަތުގެ 191 ވަނަ އާޔަތުގެ މާނަ) 3:191

އިސްލާމްދީނުގައި އަޅުކަންތަކުގެ ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެކެވެ. ހިތުގެ ޢަމަލުތަކާއި، ދުލުގެ ޢަމަލުތަކާއި، ތަނަވަސްކަމުން ހޭދަކުރުން އަޅުކަމުގެ ތެރޭގައި ހިމެނެއެވެ. ނަމާދުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި، މައްކާ އަށް ގޮސް ހައްޖުވުމާއި، ﷲ ގެ މަގުގައި ޖިހާދުކުރުން ފަދަ އަޅުކަންތަކަށް ނަޒަރު ހިންގާލައްވާށެވެ. ނަމާދުކުރާއިރު ކޮޅަށްހުރުމާއި، ރުކޫޢުކުރުމާއި، އިށީނދެއިނުންވެއެވެ. މިފަދަ ހުރިހާ ކަންތައްތަކަކީވެސް އަޅުގަނޑުމެންނަށް ހުރި ވަރަށް ބޮޑު ޢިބްރަތްތަކެވެ.

(ނުނިމޭ)

ނޯޓް : މިލިޔުމުގައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ނެގިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2008 ވަނަ އަހަރު ނެރެފައިވާ ޤުރުއާން ތަރުޖަމާއިންނެވެ. މިތަރުޖަމާ ފަސޭހަކަމާއެކު ޤުރުއާން.އެމްވީ އަށް ޒިޔާރަތްކޮށްލެއްވުމުން ކިޔާލެވޭނެއެވެ. އަދި އާޔަތްތަކާއި ތަރުޖަމާގެ ބަސްތައް ފަސޭހަކަމާއެކު "ސާރޗް" ކުރެވޭނެއެވެ.

www.quran.mv

ޓެގް

ފޫހި މުނިފޫހި ވައި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.