ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ވަތަނަށް ވެރިވެގެން އުޅޭ އިސްރާއިލްގެ އަޝްކަރިއްޔާއާ ދެކޮޅަށް ހުށައެޅި ޤަރާރު އެމެރިކާއިން ވީޓޯކޮށްފިއެވެ. މި ޤަރާރަކީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއިލުން އަތްގަދަކޮށް އެމީހުންގެ އިމާރާތްތައް އެ ބިންތަކުގައި ބިނާކުރަމުންދާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން އ.ދ އަށް ހުށައެޅުނު ޤަރާރެކެވެ. ފަލަސްތީނުގެ ރައްޔިތުން ހާމަކުރާގޮތުގައި އެމީހުންގެ ބިންތަކުގައި އިސްރާއިލުން އިމާރާތްތައްކޮށް ހަދަނީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށްޓަކައެވެ.
2006 ވަނަ އަހަރު ދެފަހަރެއްގައި އެމެރިކާއިންވަނީ އިސްރާއިލުން ޤައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަރަކާތްތައް ހުއްޓުމަށްޓަކައި ހުށައެޅުނު ޤަރާރު ވީޓޯ ކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ވީޓޯ ކުރެވުނު މި ޤަރާރާ ދެކޮޅަށް 4 ޤައުމަކުން ތާއިދުކޮށްފައިވެޔެވެ. އޭގެތެރޭގައި ޗައިނާ،ރަޝިއާ، އިނގިރޭސިވިލާތް އަދި ފަރަންސޭސީންހިމެނެއެވެ. މީގެ އިތުރުން އިންތިހާބު ކުރެވިފައިވާ 10 މެމްބަރުން މި ޤަރާރާ ތާއިދުކޮށްފައިވެޔެއެވެ. ތާއިދުކުރި ޤައުމު ތަކުގެ ތެރޭގައި ބުރެޒިލް،ބޮސްނިޔާ،ކޮލަމްބިޔާ.ޤާބަން، ޖަރުމަން،އިންޑިޔާ،ލުބްނާން، ނައިޖީރިއާ، ޕޯޗުގަލް އަދި ދެކުނު އެފްރިކާ ހިމެނެއެވެ.
މި ޤަރާރުގައި ބުނެފައިވާގޮތުން 1967 ވަނަ އަހަރުންފެށިގެން ފަލަސްތީނުގެ ބިންތަކުގައި އިސްރާއިލުން ހަރަކާތްތެރިވަނީ ޤަވައިދާ ޚިލާފަށެވެ.އަދި މިކަމަކީ އެ ސަރަޙައްދުގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމުކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ޤަރާރުގައިވާ ގޮތުން އިސްރާއިލުން ފަލަސްތީނުގެ ބިންތަކުން ވަގުތުންފައިބާންޖެހެއެވެ.
އ.ދ އަށް ކަނޑައަޅަފައިވާ ފަލަސްތީނުގެ މަންދޫބު، ރިޔާޒް މަންސޫރު އ.ދ ގެ ގިނަމެމްބަރުން ފަލަސްތީނު ރައްޔިތުންގެ ހައްޤުތަކަށް ވިސްނަވާ ދެއްވި ތާއިދަށް އުފާފާޅުކުރާކަމަށްވިދާޅުވިއެވެ. އަދި އެ ޤައުމުތަކުން، އިސްރާއީލުން 1967 ވަނަ އަހަރުންފެށިގެން ފަލަސްތިނުގެ ބިންތަކުގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަރަކާތްތައް ނިމުމަކަށްގެނެއުމަށް ތާއިދުކުރެއްވީތީ އުފާފާޅުކުރާކަން ހާމަކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...