ރަހީނުކޮށްފައިވާ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ތިރީގައި މިވަނީ މިކަމާއި ގުޅޭގޮތުން ފުލުހުން ޢާއްމު ކޮށްފައިވާ މަޢުލޫމާތު، އެއްވެސް އުނިއިތުރެއް ގެނައުމަކާއި ނުލައެވެ.
ރަހީނުކޮށްފައިވާ ކަމަށްބުނެ އޮޅުވާލައިގެން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީ އެކި ގޮތްގޮތުން ފައިސާ ހޯދަން މަސައްކަތްކޮށް ފިލައިގެން އުޅުނު ބިދޭސީ އެއްގެ މައްސަލަ ތަޙުޤީޤު ކުރަންފަށައިފި އެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ބިދޭސީއަކު އޭނާ ދިރިއުޅޭ ތަނުގައި އުޅެނިކޮށް 2015 ފެބްރުއަރީ 04 ވަނަ ދުވަހު ރޭ 21:45 ހާއިރު ބަޔަކުމީހުން އައިސް އޭނާ ރަހީނުކޮށްގެން ގެންދާކަމަށްބުނެ އޭނާއާއެކު ހަމަ އެ ކުންފުނީގައި މަސައްކަތްކުރާ އެހެން މީހަކަށް އަންގާފައިވާތީ، 2015 ފެބްރުއަރީ 05 ވަނަ ދުވަހު ފުލުހުންނަށް އެ މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ހުށަހެޅުމާއެކު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ވަގުތުން ތަހުޤީީޤު ފެށިގެން ދިޔައެވެ.
މިގޮތުން، މި މައްސަލާގައި ރަހީނުކޮށްފައިވާ މީހާ ރަހީނުކުރި ވަގުތުން ފެށިގެން ރަހީނުކޮށްގެން އޭނާ ގެންގޮސްފާނެކަމަށް ބެލެވޭ ސަރަހައްދުތައް ދެނެގަނެ، އޭނާއާ އެއްވެސް ކަހަލަ މުޢާާމަލާތެއް ކުރެވިފައިވާ ވެދާނެކަމަށް ބެލެވޭ ފަރާތްތަކާ ސުވާލުކޮށްފައިވެއެވެ. އެގޮތުން، އެ މަސައްކަތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގިނަ ވަޞީލަތްތަކަކާއި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވެއެވެ.
ތަފާތު ގޮތްގޮތުން ލިބުނު މަޢުލޫމާތަށް ރިޢާޔަތްކޮށް ފުލުހުން ކުރި މަސައްކަތުން، އޭނާ ރަހީނުކުރި ސަބަބުކަމަށް ބެލެވޭ ތިއަރީއެއް އެސްޓަބްލިޝް ކުރެވި ތުހުމަތު ކުރެވޭ ފަރާތެއްގެ މަޢުލޫމާތު ލިބިގެންދިޔައެވެ. އަދި އެ ތިއަރީގެ މައްޗަށް ބިނާކޮށްވެސް އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ.
އެގޮތުން، ފުލުހުން ކުރިމަސައްކަތުން އެނގުނު ގޮތުގައި އޭނާ ރަހީނުކުރި ކަމަށް ބުނާ ތާރީޚުން ފެށިގެން 2 ދުވަސް ވަންދެން މާލޭގައި ހުރިކަމާއި، އެއަށްފަހު 1 ހަފުތާގެ މުއްދަތުގައި ރާއްޖޭގެ އުތުރަށް ގޮސްފައިވާކަން އެނގުނެވެ. އޭގެ ފަހުން މާލޭގައި އުޅެމުންދާކަން ތަޙުޤީޤު ޓީމަށް އެނގިފައިވެއެވެ. އެހެކަމުން، އޭނާ ވަނީ ރަހީނުކޮށްފައި ނޫންކަމާއި އޭނާ ފިލައިގެން އުޅޭކަން ފުލުހުންގެ ތަޙުޤީޤު ޓީމަށް ތުހުމަތުކުރެވުނެވެ.
އެ ތުހުމަތުގެ މައްޗަށް ބިނާކޮށް ތަޙުޤީޤު ޓީމުން ކުރި މަސައްކަތުން އޭނާ އަތުލައިގެންފައިވަނީ 2015 ފެބްރުއަރީ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލެ، ޓީ ޖެޓީ ސަރަހައްދުގައި އޮތް ދޯންޏަކުންނެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެކެވެ.
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މީނާ ރަހީނުކޮށްފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އުޅެ މަސައްކަތްކޮށްފައިވަނީ އެކިއެކި މީހުން އަތުން ފައިސާ ހޯދާށެވެ.
މި މައްސަލައާ ގުޅޭގޮތުން ޕޮލިސް ލައިފުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީޙް ވިދާޅުވީ، މިފަދަ އަޞްލެއް ނެތް މައްސަލަތައް ދޭތެރެ ދޭތެރެއިން އެ ޑިޕާޓްމަންޓަށް ހުށަހެޅެމުން އަންނަކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ތަޙުޤީޤު ޓީމުތަކުގެ އެތައް ވަގުތުތަކާއި ފުލުހުންގެ ވަޞީލަތްތައް ރަނގަޅު ނޫންގޮތުގައި ބޭނުންކުރެވިގެން ދާކަމަށެވެ.
އޭގެ އިތުރުން، މިފަދަ ބައެއް މައްސަލަތަކާއި ގުޅިގެން ބޮޑެތި ޚަރަދުތައް ކުރަންޖެހުމުގެ އިތުރުން އެކަންކަމަށް ވަކި އޮޕަރޭޝަންތައް ހިންގާފައި ވާކަންވެސް ފާހަގަކުރެއްވިއެވެ. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީޙް ވިދާޅުވީ މިފަދަ މައްސަލަތައް ބޮޑު އިސްކަމެއްދީގެން ތަޙުޤީޤުކޮށް، އެެފަދަ ދޮގު މަޢުލޫމާތު ދޭ ފަރާތްތަކުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ޖިނާޢީ ދަޢުވާ އުފުލާނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...