ރާއްޖޭގެ ޚަބަރު ދޮގު ތުހުމަތު އަޅުވައިގެން ސިޔާސީ ލީޑަރުން ފްރޭމް ކުރަން ސަރުކާރުން ވަނީ ޕްލޭން ކޮށްފަ: ޖޭޕީ

ދޮގު ތުހުމަތު އަޅުވައިގެން ސިޔާސީ ލީޑަރުން ފްރޭމް ކުރަން ސަރުކާރުން ވަނީ ޕްލޭން ކޮށްފަ: ޖޭޕީ

ދޮގު ތުހުމަތު އަޅުވައިގެން ސިޔާސީ ލީޑަރުން ފްރޭމް ކުރަން ސަރުކާރުން ވަނީ ޕްލޭން ކޮށްފަ: ޖޭޕީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސިޔާސީ ބައެއް ލީޑަރުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިގެން ސިޔާސީ ލީޑަރުން ފްރޭމް ކުރަން ސަރުކާރުން ޕްލޭން ކޮށްފައި ވާކަމަށް ޖުމްހޫރީ ޕާޓީ ޖޭޕީން ހާމަކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރުގެ ސަރުކާރުން ރާވައިގެން އެކިއެކި ސިޔާސީ ލީޑަރުންގެ އަގުވައްޓާލައި ދޮގު އިލްޒާމުތައް އެޅުވުމަށް ހިންގަމުންގެންދާ ސިލްސިލާ ޙަރަކާތްތަކުގެ ތެރޭގައި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް ފްރޭމްކޮށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ޤާނޫނާ ޚިލާފަށް ހަތިޔާރު ގެންގުޅުއްވިކަމުގެ އިލްޒާމު އަޅުވައި، އެމަނިކުފާނުގެ އަނބިކަނބަލުންގެ މައްޗަށްވެސް މި ތުހުމަތުގައި ދަޢުވާ އުފުލުމަށްފަހު މި މައްސަލައިގެ ތެރޭގައި ސިޔާސީ އެހެން ލީޑަރުންތަކެއްގެ ބޮލުގައިވެސް ދޮގު އިލްޒާމުތަކެއް އަޅުވައި ފްރޭމްކުރަން މަސައްކަތް ކުރަމުން ދާކަމަށެވެ.

އެގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދި ތަޙްޤީޤީ ހޯދުންތަކެއް ކަމުގައި ބުނެ، ކާނަލް މުޙައްމަދު ނާޒިމް ހަތިޔާރުގެ ބޭނުންކޮށްގެން ހިންގަން އުޅުނު ކަމަށްބުނާ ބަޣާވާތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ޢަބްދުﷲ ރިޔާޒްވެސް ބައިވެރިވެ ވަޑައިގަތް ކަމުގައި ހަދައި އެމަނިކުފާނުގެ މައްޗަށް ދަޢުވާ އުފުލުމަށާއި، މި ބަޣާވާތަށް ޚަރަދުކޮށްދީ، ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޓެރަރިސްޓުން ފިލުވުމުގެ ރޭވުންތަކެއް އޮނަރަބަލް ޤާސިމް އިބްރާހީމް ރާއްވަވާފައި ވާކަމަށް ތުހުމަތުކޮށް ޝަރީޢަތް ހިންގުމަށް ފުލުހުންނަށާ ޕްރޮސިކިއުޓަރ ޖެނެރަލަށް ސަރުކާރުން މިހާރު މަޖުބޫރުކޮށްފައި ވާކަމަށްވެސް ޖޭޕީގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ކަމުން ސަރުކާރު ހިންގެވުމާ ޙަވާލުވެ ތިއްބެވި އިސް ބޭފުޅުން ރާއްވަވައިގެން އެއްވެސް އިންސާފެއް އުޞޫލެއް ނެތި ވާދަވެރި ސިޔާސީ ލީޑަރުންގެ ޝަޚްޞިއްޔަތު ކަތިލައި، ސިޔާސީ މަސްރަޙުން އެބޭބޭފުޅުން އެކަހެރިކޮށް ޖަލަށްލުމަށް ކުރަމުންގެންދާ މަސައްކަތްތަކުން ސިފަވަނީ އެންމެ ޚުދުމުޚްތާރު އިސްތިބްދާދީ ވެރިކަން އޮންނަ ޤައުމުތަކުގައި ހިނގަމުންދާ އަނިޔާވެރިކަން ކަމަށާއި، މިކަންކަން ހަމަމަގަށް އަޅުވައި މި ޤައުމުގައި އިންސާފު ޤާއިމުކުރެވެން އޮތީ ދިވެހި ރައްޔިތުން ޙައްޤުގެ އަޑު އުފުލައިގެންނެވެ. ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރީންނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އަދި ފަނޑިޔާރުންވެސް މާތްﷲ ގަންދީ އެބޭބޭފުޅުން ކުރައްވާފައިވާ ހުވަޔަށް ވަފާތެރިވެ ވަޑައިގެން، ކޮންމެ އަނިޔާވެރި ކަމެއްގެ ޒިންމާ ކީރިތި ﷲގެ ޙަޟްރަތުގައި މަޙްޝަރު ދުވަހު އުފުއްލަވަން ޖެހޭނެކަން ޖުމްހޫރީ ޕާޓީން ވަނީ ދައުލަތުގެ މަސްއޫލުވެރިންނަށް ހަނދާން ކޮށްދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.