ނަޝީދުގެ މައްޗަށްކުރި ޓެރަރިޒަމްގެ ދަޢުވާ ސިޔާސީ ކުރާތީ މިނިވަން މުސްތަޤިއްލު ޕްރޮސެކިޔުޓަރ ޖެނެރަލް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އިންސާފުވެރި މިނިވަން މުސްތަޤިއްލު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް ޝަރުއީ އެއްވެސް ކޯޓަކުން ނިންމާފައި ނުވާކަމަށާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކަމަަށްެވެ.
މިނިވަން މުސްތަޤިއްލު ޕްރޮސެކިއުޓަ ޖެނެރަލް ވިދާޅުވީ ނަޝީދުގެ މައްޗަށް ކުރިން އުފުލި ދަޢުވާތައް ދިރާސާ ކުރުމަށް ކަމަށްބުނެ އަނބުރާ ގެނެސް ދަޢުވާ މުރާޖައާކޮށް، ބަދަލުކޮށްފައި ވަނީ ގާނޫނު އަސާސީންއާއި ގާނޫނު ނަންބަރު 9/2002 (ޕްރޮސިކިއުޓަ ޖެނެރަލްގެ ގާނޫނު) އާއި ދިވެހިރާއްޖޭގެ ހައި ކޯޓުން ނިންމަވާފައިވާ ނިންމެވުން ތަކުން ޕްރޮސެކިއުޓަ ޖެނެރަލް އަށް ލިބިގެންވާ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި، އިދިކޮޅު އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދުގެ މައްޗަށް ހިންގަނިކޮށް އަނބުރާގެނައި މައްސަލައަކީ "ޒާތީ މައްސަލައެއް" ކަމަށް ވިދާޅުވެ އެ ދައުވާ އަނބުރާ ގެންދިއުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބުރާހީމް ގޮވާލެއްވުމުން ޤާޞިމުގެ ވާހަކަ ޤާނޫނު އަސާސީ އާއި ޚިލާފު ކަަމަށްބުނެ ޤާޞިމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިވަން މުސްތަޤިއްލު ޕްރޮސެކިއުޓަ ޖެނެރަލް ވިދާޅުވި ކަމަށް ހަވީރު ނޫހުގައި ކުރިން ރިޕޯޓް ކޮށްފައި ވެއެވެ.
މި މައްސަލާގައި ޕީޖީގެ މިނިވަން ކަމާއި މުސްތަޤިއްލު ކަމާއި މެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދަނިކޮށް މިނިވަން މުސްތަޤިއްލު ޕްރޮސެކިއުޓަ ޖެނެރަލް ވަނީ ފަހުން އެ ޚަބަރުން އޮޅުން އަރާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...