ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތެއް ކަމަށްބުނެ އޭނާ ދޫކޮށްލުމަށް ޕީޕީއެމްގެ އިސްބޭފުލަކު ގޮވާލައްވައިފިއެވެ.
ނާޒިމް ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ތަރުޖަމާން އަހްމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނާޒިމް ހުންނެވީ "ފްރޭމް ކުރައްވާފައި" ކަމަށާއި އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާ ކަމަށެވެ.
Nazim vanee frame kohfa. Ebeyfulhaa vaguthun dhookohlumah alhugandu govaalan #FreeNazimNow
— Ahmed Mahloof (@AhmedMahloof) February 21, 2015
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު އަދި އެ ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި މަޚްލޫފުގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ހަމަ މިމޭރުމުން ނާޒިމް ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ނާޒިމް ހުންނެވީ ފްރޭމް ކުރެވިފައި ކަމަށާއި، ނާޒިމް މިނިވަން ކުރުމަށް މަސައްކަތް ކުރުމަކީ ހުރިހާ ދިވެހިންގެ މަސްލަޙަތު އެކަމުގައި އެކުލެވިގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވަނީ ނާޒިމަށް ތަޢުރީފު ކުރައްވަމުން ނާޒިމަކީ އަސްކަރީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ސިޔާސީ މުފައްކިރެއް ކަމަށް ސިފަކުރައްވާފައެވެ. އެހެން ކަމުން އެފަދަ ޝަޚުޞިއްޔަތެއް އެގޮތަށް ހައްޔަރު ކުރެއްވިއްޖެ ނަމަ އެއްވެސް ޕާޓީއެއްގެ އެއްވެސް މިހަކަށް އަމާންކަމެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
މަޚްލޫފާއި ނަޝީދުވެސް ނާޒިމުގެ ބޮލުގައި އަޅުވާފައި ވަނީ ދޮގުތުހުމަތެއް ކަމަށް ވިދާޅުވެ އޭނާ ދޫކޮށްލުމަށް ގޮވާލާފައި ވާއިރު، ސަރުކާރު ހިންގާ ޕީޕީއެމް އިން ވަކިވެވަޑައިގެން މަޚްލޫފު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...