ސަރުކާޜު ކޯލިޝަން އެއްބަސްވުން ރޫޅާލީ ޖުމްހޫރީ ޕާޓީން ކަމަށް ޕީޕީއެމުން ތުހުމަތު ކޮށްފި އެވެ.
މާތް ﷲ ހެކިކޮށް މައުމޫނު ސޮއިކުރެއްވި އެއްބަސްވުމާއި ޚިލާފުވެއްޖެ ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމްގެ ވީމީޑިޔާގައި ޝާއިޢުކުރި ރިޕޯޓަކަށް ރައްދުދެމުން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމްއާ ޖޭޕީއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލާފައި ވަނީ ޖޭޕީން ކަމަށެވެ.
އެގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ވާދަކުރުމުގައި ޖޭޕީއާ ޕީޕީއެމާ ދެމެދު ހިޔާލު ތަފާތުވުމުން އެކަން ހައްލުކޮށް ދެ ޕާޓީގެ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް ޕީޕީއެމުން މަސައްކަތްކޮށްފައި ވާނެ ކަމަށާއި، މިކަމާއިމެދު މަޝްވަރާ ކުރުމަށް ޖޭޕީގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
އެހެން ކަމުން އެއްބަސްވުމައި ހިލާފަށް ޖުމްހޫރީ ޕާޓީން އަމަލު ކުރަމުން ގެންދާތީ އެކަން ހައްލުކުރުމަށް ޕީޕީއެމުން ކުރި މަސައްކަތަށް ޖުމްހޫރީ ޕާޓީގެ އެއްބާރުލުން ލިބޭ ގޮތް ނުވުމުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ޖުމްހޫރީ ޕާޓީން ވާދަކޮށްފިނަމަ އެ ޕާޓީއާއެކު ޕީޕީއެމްއިން ވެފައިވާ އެއްބަސްވުން ޖުމްހޫރީ ޕާޓީން ރޫޅާލި ކަމަށް ބަލައި އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށް އެ ޕާޓީގެ ކައުންސިލުން ނިންމައި އެކަން މީޑިއާ މެދުވެރިކޮށް އަންގާފައި ވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ޕީޕީއެމުން އިތުރަށް ބުނީ އެޕާޓީއާއި މިޕާޓީގެ ރައީސް ބަދުނާމުކޮށް 2015 ފެބުރުއަރީ 1 ގައި ވީނިއުސްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ، ކަމުގެ ޙަޤީޤަތް އާންމު ރައްޔިތުންނަށް އޮޅުވާލުމުގެ މަޤުސަދުގައި ވަކިއަތަކަށް ބުރަވާ ގޮތަށް ލިޔެ ޝާއިޢުކޮށްފައިވާ ދޮގު ޚަބަރެއް ކަމަށާއި، އެޚަބަރުގައި އެ ޕާޓީއާއި އެޕާޓީގެ ރައީސް ބަދުނާމު ކުރުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
މި މައްސަލާގައި ޖުމްހޫރީ ޕާޓީން ވަނީ އެއްބަސްވުން ރޫޅާލީ ޕީޕީއެމުން ކަމަށް ބުނެ އެއްބަސްވުން ރޫޅާނުލެވޭނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން މާތް ﷲ ހެކިކުރައްވައި ސޮއިކުރެއްވި އެއްބަސްވުމުގައި ވިދާޅުވެފައިވާތީ އެއްބަސްވުމުގެ ބައެއް ހާމަކޮށްފައެވެ.
ޖޭޕީން ޙާމަކުރި އެއްބަސްވުމުގައި ބުނެފައި ވަނީ މި އެއްބަސްވުން 2018 ވަނަ އަހަރާއި ހަމައަށް ދެމި އޮންނާނެ ކަމަށާއި، އެއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވަކިވަކިން ވާދަވެސް ކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...