ކުރިޔަށް އޮތް ތަނުގައި ޙައްޖަށް މީހުން ގެންދާ އަގުތައް އިތުރަށް ހެޔޮކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގައި ރައްޔިތުން ޖަމާކޮށްފައި 100 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށާއި އެފައިސާއިން އިންވެސްޓް ކޮށް އޭގެ ފައިދާ ލިބެން ފެށުމުން ރައްޔިތުން ޙައްޖަށް ގެންދިޔުމަށް ނަގާ އަގު މިހާރަށްވުރެވެސް ބޮޑަށް ކުޑަވެގެން ދާނެ ކަމަށެވެ.
އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އުފެދުނު އިރު، މީހުން ޙައްޖަށް ގެންދަމުން އައީ 80،000 ރ އަސްވުރެ ގިނަ ޢަދަދެއްގެ ފައިސާ ދައްކައިގެން ކަމަށާއި، ޙައްޖު ކޯޕަރޭޝަން އުފެދުމަށްފަހު މި ޢަދަދު 69،000 ރ އަށް ތިރި ކުރެވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުގައި ހުރި ރައްޔިތުންގެ ފައިސާއިން އިންވެސްޓް ކޮށް ފައިދާ ލިބެން ފެށުމާއި އެކު ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ރައްޔިތުން އުފާވާ ވަރަށް ހައްޖުގެ އަގުތަށް ހެޔޮވެގެންދާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ވަނީ ހައްޖު ކޯޕަރޭޝަންގެ ދެ ހިދުމަތެއް ވެސް ތައާރަފު ކޮށްފަ އެވެ.
އެގޮތުން ރޭ ވަނީ ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން “މުވައްޒަފުންގެ ސްކީމް” އާއި ދުރުމުސްތަގުބަލުގައި ހައްޖަށް ދާން ޕްލޭންކުރާ ފަރާތްތަކަށް ހާއްސަ “ފަސޭހަ ސްކީމް” ތަޢާރަފު ކޮށްފައެވެ.
މީގެއިތުރުން ރޭ ވަނީ ހައްޖު ކޯޕަރޭޝަނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ހަނދާނީ ލިޔުން ވެސް ދެއްވާފަ އެވެ. ހަނދާނީ ލިޔުން ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ރައީސް އަބްދުﷲ ޔާމީން އެވެ. އަދި ހައްޖު ކޯޕަރޭޝަނަށް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ރައީސް ޔާމީންއަށް ވެސް ވަނީ އެ ކޯޕަރޭޝަނުން ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...