ދީނީ ޢިލްމްވެރިއެއްގެ ނަމުގައި ހުރި ފަތުހުﷲ ޤުލެންއާއި އޭނާގެ ހިޒުމަތު މޫވްމެންޓަކީ ތުރުކީގެޤައުމީ ސަލާމަތައްހުރި ނުރައްކަލެއް ކަމަށް ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާން ވިދާޅުވެއްޖެއެވެ.
އަދި ޢުރުދުޣާން ވަނީ ގުލެން މޫވްމެންޓު ނަން ތުރުކީގެ ރެޑުބުކު ނުވަތަ ރަތްފޮތުގައި ހިމަނުއްވާފައެވެ. ރެޑުބުކުއަކީ ތުރުކީގެ ޤައުމީ ސަލާމަތާއިބެހޭ ކަންކަން އެކަށައެޅުމުގައި ފަސްއަހަރަށް އަމާޒުކުރެވިގެން ހިމެނޭ ސިޔާސަތުތައް އެކުލެވިފައިވާ ފޮތެވެ.
ރިޔާސީ ގަނޑުވަރުގައި ބޭއްވި ތުރުކީގެ އެމްބަސިޑަރުންގެ 7 ވަނަ އަހަރީ ޖަލްސަގައި ވާހަކަ ދައްކަވަމުން ޢުރުދުޣާން ވިދާޅުވީ 2013 ވަނަ އަހަރުގެ ޑިސެމްބަރު 17 އަދި 25 ވަނަ ދުވަހު ތުރުކީގެ ސަރުކާރުގެ ތެރޭގައި ތިބެގެން ފަތުހުއްﷲ ގުލެންގެ އެޖެންޓުންތަކެއް ހިންގި ކޮރަޕްޝަންގެ ޢަމަލުތަކުގެ އަގު 120 ބިލިއަން ޑޮލަރަށް އަރާކަމަށެވެ.
ކޮރަޕްޝަންގެ މައްސލަތަކުގައި ތުހުމަތު ކުރެވުނު ކުރީގެ ވަޒީރުންގެ ޝަރީޢަތް ދަނީ ކުރިއަށެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ވަޒީރުންނާއި ގުލެން މޫވްމެންޓު
ފަތުހުﷲ ގުލެންއަކީ ތުރުކީގައި މަޝްހޫރު ވިޔާފާރިވެރިއެކެވެ. ދީނީ ޢިލްމު އުގެނިގެން ހުރި މީހެއްވެސް މެއެވެ. ގުލެން މޫވުމެންޓު ނުވަތަ ހިޒުމަތު ގުރޫޕްކީ ގުލެން ހިއްސާ އޮވެގެން އުފައްދާފައިވާ މޫވްމެންޓެކެވެ. އެމޫވްމެންޓުގެ ދަށުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި ސޫކޫލުތައް ޤާއިމުކޮށްފައިވެއެވެ. އަދި ތުރުކީގެ އެންމެ ބޮޑު ނޫސްކަމުގައިވާ ޓުޑޭސް ޒަމާންވެސް ނިސްބަތްވަނީ ގުލެންގެ މޫވްމެންޓަށެވެ. އެމެރިކާއިން ގުލެން ސިފަކުރަނީ މޮޑެސްޓު ދީނީ ޢިލްމުވެރިއެއް ގޮތުގައެވެ. އެހެންކަމުން ކޮންމެ އަހަރަކު އެމެރިކާގެ ޓައިމުސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލިސްޓުން 2013 ވަނަ އަހަރު ގުލެން ވަނީ ޖާގަ ހޯދާފައެވެ.
ގުލެންއަށް ފޮލޯކުރާ ދެމިލިއަން މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބިކަމަށް 2013 ވަނަ އަހަރު ސިޓީ ޖާނަލްއިން ވަނީ ބުނެފައެވެ.
ފަތުހުﷲ ގުލެންއަކީ އަހަރުތަކެއް ކުރިން ޢުރުދުޣާންއަށް އެހީތެރިކަން ފޯރުކޮށްދެވާފައިވާ ބޭފުޅެކެވެ. އެގޮތުން ޢުރުދުޣާން އިސްތަންބޫލުގެ މޭޔަރުކަމަށް ކުރިމަތިލައްވައި ކުރެއްވި ކެމްޕޭންގެ ބައެއް ޙަރަކާތްތަކުގައި ގުލެންވަނީ ބައިވެރިވެވަޑައިގެންފައެވެ.
1997 ވަނަ އަހަރު ބޭސްފަރުވާއަށް ވަޑައިގަތުމަށް ކަމަށް ބުނެ ގުލެންވަނީ އެމެރިކާއަށް ވަޑައިގެންފައެވެ. އޭގެފަހުން ދާއިމީގޮތެއްގައި ތުރުކީއަށް ވަޑައިގެންފައެއް ނުވެއެވެ. ދިރިއުޅުން ބަދަލުކުރެއްވީ އެމެރިކާއަށެވެ.
ގުލެން އެމެރިކާއަށް ބަދަލުވެވަޑައިގެންނެވި އަހަރު ޢުރުދުޣާން ހައްޔަރުކުރެވުނެވެ. އެއީ އިސްތަންބުލުގައި ފަންޑަމެންޓަލިސްޓު ވެލްފެއަރ ޕާޓީއިން ބޭއްވި އެއްވުމުގައި ވިދާޅުވި ޅެމަކާ ގުޅިގެންނެވެ. މިޅެމަކީ ތުރުކީގެ މަޝްހޫރު ޝާއިރު ޞިޔާގޯ ކަލުބް ހައްދަވާފައިވާ ޅެމެކެވެ. އެޅެން ބައިތުތަކުގައި ވިދާލުވެފައިވަނީ އަންނަނިވި އިބާރާތެވެ.
"މިސްކިތްތަކަކީ އަހަރެމެން ޙިމާޔަތާއި ރައްކާތެރިކަން ލިބިގަންނަ ކިއްލާތަކެވެ.
އެތާންގެ މުންނާރުތަކަކީ އހަރެމެންގެ ލޮންސިތަކެވެ.
އެތާންގެ ގުއްބަކީ އަހަރެމެންގެ އައްޑަނައެވެ.
އީމާންކަމުގެ އަހުލުވެރިންނަކީ އަހަރެމެންގެ ސިފައިންނެވެ."
މިޅެން ބައިތު ވިދާޅުވުމާ ގުޅިގެން، މިސްކިތުގައި ޢުރުދުޣާން ހުންނަވަނިކޮށް ހައްޔަރުކޮށްގެން ގެންގޮސް ޖަލަށްލެވުނެވެ. ޝަރީޢަތް ކުރެވުނެވެ. ތުރުކީގެ ވިލާތުގެ ކޯޓުން ޢުރުދުޣާން ސިޔާސީ ޙަރަކާތްތަކުގައި ޢުމުރުދުވަހަށް ބައިވެރިވުން މަނާ ކުރިއެވެ. ޢުރުދުޣާން އަލުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން މަނާވެފައި އޮތްއޮތުން އުވާލެއްވީ ކުރިގެ ރައީސް ޢަބްދުﷲ ގުލްގެ ބޮޑުވަޒީރުކަމުގެ ދައުރުގައެވެ.
ޢުރުދުޣާން، ގުލެން ދެކި ވަޑައިގެންނެވީ ތުރުކީއަށް ހެޔޮ ބަދަލުގެންނެވި އެހީތެރިއެއްގެ ގޮތުގައެވެ. އެހެންކަމުން ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުކަން ގުލެންގެ ހިޒުމަތު މޫވްމެންޓަށް ނިސްބަތްވާ ފަރާތްތަކަށް ދެއްވިއެވެ. ނަމަވެސް އެގުޅުން ސާބިތުކަމައެކު އޮތީ 2012 ވަނަ އަހަރުގެ މެދުތެރެއާއި ހަމައަށެވެ. ޕާކެއްގައި ޝޮޕިން މޯލްތަކެއް އަޅުއްވަންވެގެން އެޕާކުގައި ހުރި ދުވަސްވީ ބައެއް ގަސްތައް ކަނޑުއްވާލަން އުޅުއްވާކަމަށްބުނެ އެކަމާ ދެކޮޅަށް މުޒާހަރާ ކުރެއްވިއެވެ. މިމުޒާހަރާތަކުގައި ހިޒުމަތުގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އެހާހިސާބުން ފެށިގެން ގުލެން ތުރުކީގައި ޕެރަލަލް ސަރުކާރެއް އުފައްދެވުމަށް މަސައކަތް ކުރައްވާ ކަމަށް ވެރިކަން ކުރާ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީ (އާކް ޕާޓީ) އިން ތުހުމަތު ކުރެއްވިއެވެ.
ޕެރަލަލްސްޓޭޓް ނުވަތަ ސަރުކާރަކީ ސަރުކާރުގެ އޮނިގަނޑަށް ހިންގާ ވަކިބޮޑީއެކެވެ. ސީދާ ޤާނުނީ ޝަހުސިއްޔަތު ނުލިބުނަސް ރައްޔިތުންގެ މައްޗަށް އަމުރު ހިންގައެވެ. އެންމެ ފަހުން އާޚިރުގައި ކަންހިނގާ ގޮތަކީ ޤާނޫނީ ސަރުކާރުގެ ބާރުކަނޑި މުލުން ލުހިގެން ދިއުމެވެ. ގުލެންގެ ހިޒުމަތު މޫވްމެންޓުން މަސައްކަތް ކުރައްވަމުން ދިޔައީ އޮގޮތަށެވެ.
އޭކޭ ޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވަމުން ގެންދެވީ ގުލެން އަކީ އެމެރިކާގެ ޕަޕެޓެއްކަމަށެވެ. އެވާހަކަތަކަށް އިތުރަށް ބާރު ލިބިގެންދިޔައީ 2013 ވަނަ އަހަރު އެމެރިކާގެ ޓައިމުސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ގުލެންގެ ނަން ހިމެނިގެން ދިއުމުންނެވެ.
2013 ވަނަ އަހަރުގެ ޑިސެމްބަރު ތުރުކީގެ ތާރީޚްގައި ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަން ކޭސް ފެންމަތިވެގެން ދިޔައެވެ. މިމައްސަލައިގައި ތުރުކީގެ ވަޒީރުންގެ މަޖިޅިހުން ހަތަރު ވަޒީރެއްގެ މައްސަލަ ފެންމަތިވެ އެވަޒީރުން މަޤާމުން ދުރުކުރެވުނެވެ. ކޮރަޕްޝަންގެ މައްސަލަ ތުހުމަތު ކުރެވުނު ފަރާތްތަކަކީ ކެބިނެޓުން ޖާގަ ދެއްވި ގުލެންގެ އެހީތެރިންގެ ގޮތުގައި ހިމެނޭ ވަޒީރުންނެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުލެންއާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ވަޒީރުންގެ ސިއްރު އެޖެންޑާ
2013 ވަނަ އހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހާއި 25 ވަނަ ދުވަހަކީ ތުރުކީގެ ޤާނޫނީ ސަރުކާރަށް ލޮޅުމެއް އެރި ދުވަހެވެ. ކޮރަޕްޝަންގެ ބޮޑެތި ތުޚުމަތުތަކެއް ޢުރުދުޣާންގެ ކެބިނެޓު ހަތަރު ވަޒީރުންގެ ބޮލުގައި އެޅިގެން ދިއުމުންންނެވެ. އެވަޒީރުންތަކުގެ މައްސަލައިގައި ޢުރުދުޣާން ހަރުދާނަ ފިޔަވަޅެއް އެޅުއްވުމުން ކަންކަން ގޯސްވެ ބިންދަބިނަދައިގެން ދިއުމުގެ ކުރިން ޙައްލެއް ލިބިގެން ދިޔައެވެ. ހިޒުމަތު މޫވްމެންޓަށް ނިސްބަތްވާ މިވަޒީރުންގެ ބޭނުމަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއެކު ޢުރުދުޣާންގެ ސަރުކާރު ބަލިކަށިކޮށްލައި ރައްޔިތުންގެ ކުރިމަތީގައި އަގުވައްޓަލުމެވެ.
އަދި އެދުވަސްވަރަކީ ތުރުކީގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަޔަށް މުޒާހަރާތަކެއް ކުރެވެމުންދިޔަ ދުވަސްވަރަކަށްވުމާއެކު ކޮރަޕްޝަންގެ ބޮޑެތި މައްސލަތަކެއް ފެންމަތިވުމުން ސަރުކާރު އިތުރަށް ބަލިކަށިވެ މަޤުބޫލުކަން ދައްވެގެންދާނެކަމަށް ބަލައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތި ކުރިވިއެވެ.
އަދި ޖެހިގެން އައި 2014 ވަނަ އަހަރު ތުރުކީގެ ރިޔާސީ އިންތީޚާބު އޮތުމުން އިންތިޚާބުގެ ކުރިން ކެބިނެޓުގެ ރިޔާސަތު ބަލަހައްޓަވާ ބޮޑުވަޒިރު ރަޖަބު ޠައްޔިބު ޢުރުދުޣާންއަށް ތުރުކީގެ ރައްޔިތުންގެ ހިތުގައި އޮތް ލޯބާއި އިތުބާރު ކަނޑުވާލުމުގެ ބޭނުމުގައި ދުރާލާ ރޭވިގެން ހިންގި ޢަމަލުތަކެކެވެ.
2014 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އުރުދުޣާން ބަލިކަށިކޮށް އިންތިޚާބުގައި ކާމިޔާބު ހޯދުނަ ނުދިނުމަށްޓަކައި އެމެރިކާއިން ތިބީ ވަރަށް ބޮޑަށް ފާރަވެރިވެގެންނެވެ. އެހެންކަމުން އެމެރިކާގެ ޕަޕެޓެއްގެ ގޮތުގައި އެކަމަށް ބޭނުންކުރީ ފަތުހުﷲ ގުލެންއާއި އޭނަގެ ހިޒުމަތު ޖަމާއަތެވެ. އިންތިޚާބު އައިސް ބޯމަތިވިއިރު ގެލެންއާއި ހިޒުމަތު ޙަރަކާތްވަނީ ޢުރުދުޣާންގެ ސަރުކާރާއި ދެކޮޅުވެ ޢުރުދުޣާންއަށް އިންތިޚާބު ކާމިޔާބު ކުރުނަނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅައިގެންނެވެ. އެފަރާތްތަކުން ކޭމްޕޭންގައި ބުރަވީ އިދިކޮޅު ކެނޑިޑޭޓު ލާދީނީ ޚިޔާލުގެ އެކުމާލުއްދީން އިހުސާނުގުލޫއާއެވެ. ޚުދު ހިޒުމަތު ޙަރަކާތުގެ ދަށުން ހިންގާ ތުރުކީގެ އެންމެބޮޑު ނޫސް ޓުޑޭސް ޒަމާންއިންވެސް ނުސީދާ ކެމްޕޭންކޮށްފައިވަނީ އިހުސާނު ގުލޫއާއި އެއްކޮޅަށެވެ.
އިންތީޚާބު ނިމި ޢުރުދުޣާން ރިޔާސަތާއި ހާވަލުވުމާއެކު ޤާނޫނީ ސަރުކާރުގެ ބާރުކަނޑުވާލުމަށް ހިޒުމަތު މޫވްމެންޓާއި ގުލެން ހިންގަވަން އުޅުއްވި މަދަނީ ބަޣާވާތާއި ދެކޮޅަށް ފިޔަވަޅު އެޅުއްވަން ފެއްޓެވިއެވެ. ޕެރަލަލް ސްޓޭޓު ގެންނެވުމަށް އުޅުނު ބައެއް ނޫސްވެރިންވެސް ހައްޔަރުކޮށްފައިވެއެވެ. މަދަނީ ބަޣާވާތެއް ގެންނަން އުޅުއްވުމުގެ ކުށުގައެވެ. އެމެރިކާގެ މަދަދާއި އެހީތެރިކަމުގެ ދަށުން އިސްލާމީ ޚިޔާލުގެ ޢުރުދުޣާންގެ ވެރިކަމުގެ ބާރުކަނޑުވާލުމަށް ކުރަމުންގެންދާ ޤާނޫނާއި ޚިލާފު މަސައްކަތް ހުއްޓުވާލައި ޤާނޫނީ ސަރުކާރު ދެމހެއްޓެވުމުގެ ގޮތުންނެވެ. ގުލެންއާއި އޭނާގެ މޫވްމެންޓު މިހާރުއެވަނީ ތުރުކީގެ ޤާއުމީ ސަލާމަތައް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ފިޔަވަޅު އަޅާފައެވެ.



















Arodhoghan aai idhikolha hurihaa arabi qaumuthakun thedhuvane eenage verikan vatan