ލ. ކައްދޫ އިން ފެށިގެން ގަމާއި ހަމައަށް އޮންނަ ބޮޑު މަގުގައި ތާރު އަޅައި މަގު ހެދުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އިފްތިތާހު ކޮށްދެއްވައިފިއެވެ.
މިމަޝްރޫއު ރައީސް އިފްތިތާހު ކޮށްދެއްވާފައިވަނީ ލ އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރޭ ލ.ފޮނަދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސްގެ ވާހަކަފުޅު ބޮޑަށް އަމާޒުކޮށްފައިވަނީ ގައުމުގައި ހިންގާ މާާރާމާރީ އާއި އަދި އެކަންކަން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލާ ބެހޭ ގޮތުންނެވެ.
ރައީސް ޔާމިން ވިދާޅުވީ ލ. އަތޮޅުގައި ބޮޑުމަގެއް ހަދައި އަދި އެ އަތޮޅު ތަރައްގީ ކުރާއިރު އިންވެސްޓަރުން ބޭނުންވާނެ ކަމަށާއި އެކަމަކު "އަމާންކަމެއް އަދި މުދަލުގެ ހިމާޔަތެއް، މީހުންގެ ފުރާނަ އަށް ރައްކާތެރިކަމެއް ކަށަވަރު ނުކޮށްދެވޭ ރަށަކަށް" މީހުން ގޮސްގެން ކުރާނެ ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ލ. އަތޮޅާ މެދު ދިވެހި ސަރުކާރުގެ އުއްމީދު ވަރަށް ބޮޑު ކަމަށާއި ހާއްސަކޮށް ބޮޑެތި މަޝްރޫއުތައް ފަށަން ލ. އަތޮޅުގައި ޖާގަ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ލ. އަތޮޅަށް ބަޔަކު ގޮސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ހިންގާ ނަމަ ފުރަތަމަ ވިސްނާނެ އެއް ކަމަކަށް ވާނީ ރާއްޖޭގައި އަމާންކަމާ އެކީގައި، ސުލްހަވެރިކަމާ އެކީގައި ކުރިއަށް ދެވިދާނެތޯ ކަމަށް ރައީސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ހައްދުންމަތީ ބޮޑު މަގު ހެދުމަށް ޗައިނާ ސަރުކާރުން 30 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އެ މަޝްރޫއު ނިންމަން ކަނޑައަޅާފަައި އޮތީ ދެ އަހަރުގެ ތެރޭގައި ކަމަށް ވިޔަސް 18 މަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު ބުނެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ހައްދުންމަތީގައި ހަދާ މިމަގަކީ މިއީ 15 ކިލޯމީޓަރުގެ މަގެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...