ޓްރެފިކް ފުލުހުން އަނެއްކާވެސް މާލޭގައި ޚާއްޞަ ޙަރަކާތް ތަކެއް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިފަހަރު ފެށި އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން އިތުރުކޮށް، މަގުމަތި ތަރުތީބުކޮށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ރައްޔިތުން ހޭލުންތެރިކޮށް، ޢާންމު ފަރުދުންގެ ކިބާގައި މަގުމަތީގެ އަޚުލާޤު އަށަގެންނެވުމުގެ ގޮތުން ޓްރެފިކް ފުލުހުން މާލޭގައި ފެށި ޚާއްޞަ ޙަރަކާތެއްކަމަށެވެ.
ފުލުހުން ވިދާޅުވާ ގޮތުން މި ޕްރޮގްރާމަކީ، މާލެ ސިޓީގެ މަގުތަކުގައި ބޭނުންކުރާ އުޅަނދުތަކާއި މަގުތައް ބޭނުންކުރާ މީހުން ގިނަވެ، ކާރޫބާރޫ ބޮޑުވުމުގެ ސަބަބުން، ހިނގާމީހުންނަށް ކަފިހި ހުރަސް މަތިން މަގުހުރަސްކުރަން ތަންނުދިނުމާއި ޓްރެފިކް ލައިޓްގެ ޤާވާޢިދާ ޚިލާފަށް ޢަމަލުކުރުންފަދަ ކަންކަން އިތުރުވެ، މިފަދަ ކަންކަމުގެ ސަބަބުން އެކިވަރުގެ އެކްސިޑެންޓްތައް ހިނގައި، މީހުންނަށާއި މުދަލަށް ބޮޑެތި ގެއްލުންވަމުންދާތީ، މި ފަދަ މައްސަލަތައް ހިނގަން މެދުވެރިވާ ސަބަބު ދެނެގަނެ އެކަންކަންތައް ހައްލުކޮށް، މަގުމައްޗަކީ އެންމެނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. އެގޮތުން، އެފަދަ މައްސަލަތައް ހައްލުކުރެވޭ ގޮތެއް ބަލައިގެން ޓްރެފިކް ޕޮލިސްގެ ޓްރެފިކް އޮޕަރޭޝަންސްގެ މަސައްކަތްތައް ބައްޓަންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ދަށުން، މަގުމަތި ބޭނުންކުރާ ފަތާތްތައް ޓްރެފިކް ލައިޓަށާއި ކަފިހިހުރަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޓްރެފިކް ލައިޓާއި ކަފިހިހުރަސްތައް ހިމެނޭ ސަރަހައްދުތަކުގައި ފުލުހުން ތިބެގެން އެ ސަރަހައްދުތައް ބަލަހައްޓައި މަގުމަތި ބޭނުންކުރުމުގައި ޢަމަލުކުރަންވީ އެންމެ ރަނގަޅު ގޮތް ބުނެދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ޓްރެފިކް ލައިޓްގައި މަޑުކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި އުޅަނދުތައް މަޑުކުރުމަށް ބާރުއެޅުމާއި ރީނދޫ ލައިޓް ދިއްލުމުން ލައިޓް ހުރަސްކުރެވޭ އުޅަނދުތައް މަޑުކުރުވުމާއި، ހިނގާމީހުން ހުރަސްކުރަންވީކަން އަންގައިދޭ ނިޝަނަށް ޢަމަލުކުރުމަށް ބާރުއެޅުމާއި ޓްރެފިކް ލައިޓް ރަތް ކުލައިން ދިއްލިފައިހުއްޓާ ދުއްވާ ފަރާތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެއެވެ. އަދި، ކަފިހި ހުރަސްތައް ހިމެނޭ ސަރައްހައްދުތަކުގައި ފުލުހުން ތިބެގެން ޤަވާޢިދާއެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުމާއި، ކަފިހި ހުރަސްމަތީ ޤަވާޢިދާ ޚިލާފަށް ޕާކްކުރުން ހުއްޓުވުމާއި، ކަފިހިހުރަސްމަތިން މަގު ހުރަސްކުރުމަށް ހިނގާމީހުންނަށް ފުރުޞަތުނުދީ އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާނެ އެވެ.
އޭގެ އިތުރުން، ޓެކްސީ ސްޓޮޕްތަކަކީ މާލޭގައި ދާދިފަހުން ޤާއިމްކުރެވިގެންދިޔަ ތަންތަނަށްވެފައި، މި ތަންތަނާ ބެހޭ އެންމެ ފުރިހަމަ މަޢުލޫމާތު ޓެކްސީ ޑްރައިވަރުންނަށާއި ޓެކްސީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިފައިނުވާތީ، ޓެކްސީ ސްޓޮޕްތަކަށް އެންމެހައި ފަރާތްތައް އަހުލުވެރި ކުރުވުމުގެ ގޮތުންވެސް މި ޕްރޮގްރާމްގެ ދަށުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ޓެކްސީ ސްޓޮޕްތައް ޤާއިމް ކޮށްފައިވާ މަގުތަކުން ދަތުރު ނެގުމުގައި އެ ސްޓޮޕްތަކުން ދަތުރު ނެގުމަށް ޑްރައިވަރުންނަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބާރުއެޅުމާއި، ޓެކްސީ ސްޓޮޕްތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކުރުން ހުއްޓުވުމާއި، އެއްގަމު އުޅަންދު ޕާރކްކުރުމުގެ ޤަވާއިދަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހާ އެއްގޮތަށް ދުއްވާ އުޅަނދުތަކަށާއި ހިނގާމީހުންނަށް ދަތިވާގޮތަށް މަގުބްލޮކް ކޮށްގެން ދަތުރުނަގާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކަކީ މިއަހަރުގެ ބިޒްނަސް ޕްލޭންގައި ކަނޑައަޅާފައިވާ “މަގުމާތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށުމަދުކުރުމާއި، ރަމަތަނުވުމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ” ލަޑުދަނޑި ހާސިލްކުރުމަށްޓަކައި ހިންގާ ހަރަކާތްތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...