އައިސީޓީ ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް އޮފިސަރ ޓްރޭނިންގ ވިންގގެ ސާރޖަންޓް އަޙްމަދު އަސްއަދު ހޮވިއްޖެއެވެ.
މިކަން އިޢުލާނުކުރީ އެމްއެންޑީއެފް އެންސީއޯ އެކަޑަމީން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ އިނިސްޓެކްޓަރ ޓްރެއިނިންގ ކޯސް (އައިޓީސީ) 02-14 އަދި 03-14 ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން އެމްއެންޑީއެފް ސެނިހިޔަ ހޮސްޕިޓަލްގެ މެނޭޖަރ ފަސްޓް ލެފްޓިނަންޓް އިސްމާއީލް ޝަރީފެވެ.
އައިޓީސީ ދެވަނަ ކޯހުގެ މެރިޓުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ އޮފިސަރ ޓްރޭނިންގ ވިންގގެ ސާރޖަންޓް އަޙްމަދު އަސްއަދު ހަސަނެވެ. އަދި ދެ ވަނަ ދަރިވަރަކަށް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2 ގެ ސާރޖަންޓް އަޙްމަދު ފަހުދު ހޮވިފައިވާއިރު، މެރިޓުން 3 ވަނަ ދަރިވަރަކަށް ހޮވިފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޯޕްރަލް އަޙްމަދު ޔާސީނެވެ.
އައިޓީސީ ދެވަނަ ކޯހުގައި 25 ދަރިވަރަކު ބައިވެރިވެ 22 ދަރިވަރަކު ވަނީ ކޯހުންފާސްވެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.
އައިޓީސީ ތިންވަނަ ކޯހުގެ މެރިޓުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ އެންސީއޯ އެކަޑަމީގެ ސާރޖަންޓް އަޙްމަދު ރަޝީދެވެ. އަދި ދެ ވަނަ ދަރިވަރަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސާރޖަންޓް ޝާހީން މުޙައްމަދު ހޮވިފައިވާއިރު، މެރިޓުން ތިންވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ކޯސްޓްގާޑުގެ ކޯޕްރަލް އިބްރާހިމް މުޙައްމަދެވެ.
އައިޓީސީ ތިންވަނަ ކޯހުގައި 25 ދަރިވަރަކު ބައިވެރިވެ 23 ދަރިވަރަކު ވަނީ ކޯހުންފާސްވެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.
މިރަސްމިއްޔާތުގައި ޑިފެންސް އިނިސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް އެޑިއުކޭޝަންގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާ ކެޕްޓަން އިބްރާހީމް އަޝްރަފާއި އެންސީއޯ އެކަޑަމީގެ ޑައިރެކްޓަރ ކެޕްޓަން އިސްމާޢީލް ފަރުވީނާއި، ޔުނިޓްތަކުގެ އެންލިސްޓެޑް ލީޑަރުންނާއި، އެންސިއޯ އެކަޑެމީގެ ހުރިހާ މުދައްރިބުންގެ އިތުރުން ދެކޯހުގެ ދަރިވަރުން ބައިވެރިވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...