ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލާއި އެންމެ ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމު އިބުރާހީމްގެ ވޯޓާއި ވެސް އެކު ރައްޔިތުންގެ މަޖިލީހުން އެ ބިލު ރޭ ފާސްކޮށްފި އެވެ.
އެސްއީޒެޑް ބިލަށް ހުށަހެޅުނު އިސްލާހުތަކާއިއެކު އެ ބިލު ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 60 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިބިލް ފާސްކުރުމާއި ދެކޮޅަށް ވޯޓުދެއްވީ ހަމައެކަނި އެމްޑީޕީގެ 15 މެންބަރުންނެވެ.
އެސްއީޒެޑްގެ ބިލަށް ހުށަހެޅުނު 254 އިސްލާހުގެ ތެރެއިން އެންމެ ގިނަ އިސްލާހު ހުށަހެޅި އެމްޑީޕީން ވެސް ވަނީ އިސްލާޙު ތަކަސް ވޯޓަށް އަހަން ފެށުމާއި އެކު ގިނަ އިސްލާޙު ތައް އަނބުރާ ގެންގޮސްފައެވެ. އެމްޑީޕީ އަކީ މި ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔައި ބިލަށް ގިނަ ޢަދަދެއްގެ އިސްލާޙު ތައް ހުށަހެޅި ޕާޓީ އެކެވެ. އެހެން ނަމަވެސް އެމްޑީޕީން މި ބިލަށް ހުށަހެޅި އެއްވެސް އިސްލާޙެއް ރޭގެ ޖަލްސާގައި ވަނީ ފާސްވާގޮތް ނުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރާއި އެ ޕާޓީގެ މެންބަރުންގެ ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވީ މި ބިލަށް އެ ޕާޓީގެ މެންބަރުން ރޭގެ ޖަލްސާގައި ވޯޓު ދީފައިވާއިރު، ޖުމްހޫރީ ޕާޓީން މި ބިލަށް ހުށަހެޅި ދިހަ އިސްލާހުގެ ތެރެއިން އެއް އިސްލާހު ފިޔަވާ އެހެން ހުރިހާ އިސްލާޙެއް ވެސް ވަނީ ފާސްނުވެފައެވެ. އެހެން ނަމަވެސް ޕީޕީއެމުން ހުށަހެޅި ހަ އިސްލާހު ވެސް ވަނީ ފާސްކޮށްފަ އެވެ.
އިއްޔެ ހެނދުނު 9 ޖެހިއިރު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ރޭ އެގާރަ ޖެހިއިރު ނިންމާލާފައި ވަނީ އެސްއީޒެޑް ބިލު ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކުރުމަށް ފަހުގައެވެ. މި ބިލު ފާސްކުރުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމް ވަނީ މުލީއާގޭގައި ރައީސް ޔާމީނާއި ވެސް ބައްދަލު ކުރައްވާފައެވެ. ޤާޞިމް ވިދާޅުވެފައި ވަނީ މި ބިލަށް އޭނާ އާއި ޖޭޕީން ތާއީދު ކުރީ ރައްޔިތުންގެ މުސްތަޤުބަލަށް ޓަކައި ކަމަށެވެ. އަދި އިޚްލާސްތެރި ކަމާއި އެކު ބިލުގެ ނާޖާއީޒު ފައިދާ ނަގަން މަސައްކަތް ނުކުރާ ނަމަ މި ބިލަކީ ރައްޔިތުންނަށް ފައިދާ ހުރި ބިލެއް ކަމަށް ވެސް ޤާޞިމު ރޭ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...