ކޮލަމިސްޓް ޣައްޒާއަށްޓަކައި ތިޔަ ދީލަތި ހިތް ހުޅުއްވަވާލައްވާ!

ޣައްޒާއަށްޓަކައި ތިޔަ ދީލަތި ހިތް ހުޅުއްވަވާލައްވާ!

ޣައްޒާއަށްޓަކައި ތިޔަ ދީލަތި ހިތް ހުޅުއްވަވާލައްވާ!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އެގިވަޑައިގަންނަވާނޭ ފަދައިން އިޒްރޭލްގެ ޔަހޫދީން ޣައްޒާއަށް ކޮންމެ ދުވަހަކު ދެމުންގެންދާ ޙަމަލާ ތަކުގައި، ހިންގަމުން ގެންދާ ބޮޑު ޖަރީމާގައި މިހާތަނަށް ޝަހީދުވި ކަމަށް ޚަބަރު ލިބެމުންދާ 600 އަށްވުރެ ގިނަ މީހުންގެ ތެރޭގައި 160އަށްވުރެ ގިނަ މަޢުޞޫމް ތުއްތު ކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. 60 އަށްވުރެ ގިނަ އަންހެނުން ޝަހީދުވެފައިވާއިރު މުސްކުޅި ޢުމުރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިތުރުން އެއްވެސް ރަޙުމެއް ނެތި މާބަނޑު އަންހެނުންވެސް އެގެންދަނީ ޝަހީދު ކުރަމުންނެވެ.

އިތުރު މައުޟޫމާތު: ގާޒާ ފަންޑު މޯލްޑިވްސް

މި ބަރަކާތްތެރި ރަމަޟާން މަހުގެ މި ބަރަކާތްތެރި ދުވަސް ތަކުގައި ޔަހޫދީން އެދަނީ ފަލަސްޠީންގެ މުސްލިމް ރައްޔިތުންގެ ލޭ އޮހޮރުވަމުން، އެމީހުންގެ ގެދޮރުން އެމީހުން ނެރެ މަގުމަތި ކުރަމުން ޙާލުގައި ޖައްސަމުންނެވެ. އެތައް ސަތޭކަ މަޢުޞޫމް ތުއްތު ކުދިންނެއް އެގެންދަނީ ޔަތީމް ވަމުން އެތައް ސަތޭކަ އަނބިންނެތް އެދަނީ ހުވަފަތް ވަމުންނެވެ. ޢުމުރުން ދުވަސްވީ އެތައް މައިން ބަފައިންނެއް އެދަނީ ބިކަޙާލުގައި ޖެހެމުންނެވެ.

ކޮންމެ ދުވަހަކު އެތައް ސަތޭކަ މައިން ބަފައިންގެ ލޮލުގެ ކުރިމަތީ، އެބައިމީހުންގެ ލޯބިވާ ދަރިން އެމައިން ބަފައިންގެ އުނގުމަތީ، ފެންފޮދެއް ދެވޭނޭފަދަ ޙާލުވެސް ނެތި ޝަހީދުވެގެން ދިއުމުގެ ހިތްދަތި ކަމުގައި ހިތްފަޅައިގެން ދާޙާލުގައި ނިކަމެތިވެ ލޮލުން ކަރުނަހިކި ގޮތްހުސްވަމުންދާ މައިންބަފައި އެދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެތައް ސަތޭކަ ބަލިމީހުނެއް އެނދުމަތި ކުރެވިފައިވާ ހޮސްޕިޓަލްތަކަށް ދެމުންގެންދާ ޙަމަލާގައި އެތައް ސަތޭކަ އަޚުންނާއި އުޚުތުން އެދަނީ ޝަހީދު ވަމުންްނެވެ. މިނިކަމެތި ޙާލުގައި ޣައްޒާގެ ރައްޔިތުންނަށް އަނިޔާ ލިބެމުންދާއިރު ހަތަރު ހާހަށްވުރެ ގިނަ ރައްޔިތުންނަށް ލިބިފައިވާ ބޮޑެތި ޒަޚަމްތަކާއެކު، އެޒަޚަމްތަކުން އޮހޮރެމުންދާ ލޭ މަނާކޮށްލެވޭ ފަދަ ވެސް ނެތް ޙާލު ފުރި ބާރުވަމުންދާ ހޮސްޕިޓަލްތައް މިއަދު ވަނީ އެނިކަމެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ އަސާސީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް ނުކުޅެދިފައެވެ. އެހޮސްޕިޓަލްތަކުގައި ޚިދުމަތް ކުރައްވާ ޑޮކްޓަރުންވެސް ހިތްދަތި ކަމުގެ ވޭނީ އަސަރާއެކު ދުނިޔެއަށް ގޮވާލައްވަނީ އެހީތެރިކަމަކަށެވެ. އަދި، ޣައްޒާގެ ނިކަމެތި ރައްޔިތުން މިއަދު އެތިބީ ތިޔަ ބޭފުޅުންގެ އެހީތެރިކަމަކަށް ނިހާޔަތަށް ބޭނުންވެފައެވެ. ޣައްޒާގެ ނިކަމެތި ރައްޔިތުން ތިބީ ބޭސްފަރުވާގެ އިތުރުން ރޯދަވީއްލޭނޭ ފަދަ، ހާރުކެވޭނޭ ފަދަ، ކަރުހިއްކުން ފިލުވާލާނޭ ބޯފެންފޮދެއްވެސް ނެތި ވަރަށް ހިތްދަތި ނިކަމެތި ޙާލެއްގައެވެ.

ނިކަމެތި ޙާލުގައި ޖެހި މަރާ ހަގުރާމަ ކުރަމުންދާ ޣައްޒާގެ ނިކަމެތި ރައްޔިތުންގެ ލޭ އޮހޮރެމުންދާ ހިތްތަކުން، އާދޭހާއެކު އެދިގޮވަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ދީލަތި އެހީތެރިކަމަކަށެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ މި ބަރަކާތްތެރި ދުވަސްތައް ގުނަމުންދާއިރު، މިމަހުގެ ރޯދައިގެ ސަވާބާއި ދަރުމައިގެ އިތުރުން، މިމަހު ކުރާ ހެޔޮ ޢަމަލުތަކަށް އެތައް ގުނައެއް އިތުރަށް ޘަވާބާއި ދަރުމަ ދެއްވާނެ ކަމަށް ﷲ ސުބުޙާނަހޫ ވަތަޠާލާ ވަޢުދުވެ ވޮޑިގެންފައިވާކަން ހަނދާކުރައްވާށެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ އުޚުރަވީ އެކައުންޓަށް ޖަމާކުރެވޭ ސަވާބާއި ދަރުމައިގެ ޢަދަދާ ދަރަޖަ މަތިވެރި ކުރުމަށްޓަކައި ލިބިފައި މިވާ ރަނުގެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިތްޕަވާށެވެ. ޣައްޒާގެ އަނިޔާ ލިބެމުން ޙާލުގައި ޖެހި މަރާހަގުރާމަ ކުރަމުންދާ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ!

ޙާލުގައި ޖެހިފައިވާ ފަލަސްޠީންގެ ލޮބުވެތި އަދި ނިކަމެތި މުސްލިމް އަޚުންނާއި އުޚުތުން، އަދި ތުއްތު ކުދިންނަށް ޓަކައި ތިޔަ ބޭފުޅުންގެ ދީލަތި ހިތްތައް ހުޅުއްވަވާލައްވާ! ނުބައި އަނިޔާވެރި އިޒްރޭލްގެ އަނިޔާ ލިބެމުން، ޙާލުގައި ޖެހެމުންދާ ފަލަސްޠީންގެ މުސްލިމް ރައްޔިތުންނަށް އެހީތެރި ވެދެއްވާށެވެ!

ޣައްޒާގައި ޙާލުގައި ޖެހިފައިވާ ފަލަޞްޠީންގެ ނިކަމެތި ރައްޔިތުންނަށް ކުޑަނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވާށެވެ. ފަލަސްޠީންގެ ރައްޔިތުންނަށް އެހީވެ ދެއްވުމަށް މިފަންޑަށް ތިޔަ ބޭފުޅުން ޞަދަޤާތްކުރައްވާ ފައިސާގެ އެއްވެސް މިންވަރެއް އުނިކުރުމެއްނެތި، ސީދާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެއެވެ. އިންޝާﷲ! މި ފަންޑަށް ތިޔަ ބޭފުޅުން ހަދިޔާ ކުރައްވާ ފައިސާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނީ  އެނިކަމެތި ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ ބޭހާއި ކާނާއާއި ބޯފެނުގެ ގޮތުގައެވެެ.

ތިޔަ ބޭފުޅުން ހަދިޔާ ކުރައްވާ، މިފަންޑަށް އެއްކުރެވޭ ފައިސާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނީ ޤަޠަރު ރެޑްކްރެސެންޓް މެދުވެރިކޮށެވެ. ޤަޠަރު ރެޑްކްރެސެންޓަކީ ސީދާ ޤައްޒާގައި އިންސާނީ އެހީތެރިކަމުގެ ވަރަށްގިނަ ޙަރަކާތްތަކެއް ހިންގަމުންދާ ބައިނަލް އަޤުވާމީ އޯގަނައިޒޭޝަނެކެވެ. ތިޔަ ބޭފުޅުން ޣައްޒާ ފަންޑަށް ތިޔަ ދެއްވާ އެހީ، މި އޯގަނައިޒޭޝަން މެދުވެރިކޮށް ޣައްޒާގައި އަނިޔާ ލިބެމުންދާ ނިކަމެތި ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންވާ ބޭހާއި ކާނާ އަދި ބޯފެނުގެ ގޮތުގައި ފަލަޞްޠީންގެ ރައްޔިތުންނަށް އިތުބާރާއެކު އިންޝާﷲ ފޯރުކޮށްދެވޭނެއެވެ.

އިޒްރޭލުގެ ޔަހޫދީން ދެކެނީ ފަލަސްތީނުގެ ރައްޔިތުންނަކީ މުޅިން ނައްތާލަންޖެހޭ ބައެއްކަމަށް، އެމީހުންގެ ޤާނޫން ހަދާމަޖިލީހުގެ މެންބަރެއްކަމަށްވާ އަޔަލެޓް ޝޭކެޑް ކިޔާ އަންހެނަކު، މުޅި އިޒްރޭލްގެ ޔަހޫދީންގެ ފަރާތުން ބުނެފައިވަނީ "ފަލަސްޠީންގެ ކުދި ސޫފިތައް މަރާލާ ނައްތާލާ ފަދައިން މައިސޫފިތައްވެސް މަރާލާ ނައްތާލަން ޖެހޭ"ކަމަށެވެ. މިއީ އަންހެނެއްގެ ދުލުން، މައެއްގެ ދުލުން، އިންސާނެއްގެ ދުލުން ނުކުންނާނޭ ބަސްތަކެއް ނޫންކަން ކަށަވަރެވެ.

ޣައްޒާގެ މުސްލިމް ރައްޔިތުންގެ ބޮލަށް ކެނޑިނޭޅި ބޮމުގެ ވާރޭ ވެއްސަމުންދާއިރު، މިއަދު އެގެންދަނީ، މުޅިދުނިޔޭގައިވެސް ބޭނުންކުރުން މަނާ ވިހަގޭސް ބޭނުންކޮށް ފަލަޞްޠީންގެ ވަސް ފިލުވާލެވޭނޭ މަގެއް ފެނޭތޯއެވެ. ފަލަޞްޠީންގެ ބިމަކީ މުސްލިމުންގެ މުޤައްދަސް ބިމެއް، އެބިމުގައިވާ މުސްލިމުންގެ ފުރަތަމަ ޤިބްލަ، މަސްޖިދުލް އަޤްޞާ ވަނީ ފަލަޞްޠީންގެ މުޤައްދަސް ބިމުގައެވެ. މީގެ އިތުރުން އެތައް ނަބީބޭކަލުންނަކާއި ޞަޙާބީންގެ މާތް ހަށިކޮޅުތައް އެ ބިމުގައި ފަސްދާނުލެވިފާއިރު، އެބިން ސަލާމަތްކޮށް ޠާހިރު ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކަށްމެ އެމީހެއްގެ ޤާބިލުކަން ތަންދިން އެންމެ ފުޅާމިނެއްގައި ކުރުން ލާޒިމުވާ ކަމެއްކަން ހަނދާން ކުރައްވާށެވެ!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.