ކޮލަމިސްޓް މުސްލިމު އުއްމަތުގެ ހައްގުގައި

މުސްލިމު އުއްމަތުގެ ހައްގުގައި

މުސްލިމު އުއްމަތުގެ ހައްގުގައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަދުގެ ހާލަތު އިތުރަކަށް ބަޔާންކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހައްގު ދީނުގައި ތިބި މުސްލިމުތަކުން އެދަނީ ބާތިލު އަހުލުވެރިންގެ އަތްތަކުން ހިތުހުރި ގޮތަކަށް ގަތުލު ކުރަމުންނެވެ. މިކަމެއް ހުއްޓުވޭނެ ބަޔަކު މިޔޮއްބޮޑު ދުނިޔޭގައި ހުރިކަމަކަށް ނުވެއެވެ. ޝަކުވާއެއް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. އަޅުގަނޑުމެން މުސްލިމުން މިހާލަތުން އަރައިގަތުމަށް ކުރީކީއްހެއްޔެވެ؟ އަޅުގަނޑުމެންގެ ނަފްސުތައް ހިސާބުކޮށް ކުރެވުނުކަމެއް ބަލާލަބަލާށެވެ!

އިސްރާއިލުން ފަލަސްތީނުގައި ވަޒަންވެރިވީފަހުން ފަލަސްތީނުގެ މުސްލިމުން ކަތިނުލާ އަހަރެއް ފާއިތުވެ ދިޔަތޯއެވެ؟ މިކަން ދެކުނު ލޮލެއް މުސްލިމް އުއްމަތުގައި ހުރިތޯއެވެ؟ މިކަން ހުއްޓުވުމަށް ކުރެވުނު ކަމެއް އޮތްތޯއެވެ؟ ދުވަހަކަށްވުރެ ދުވަހެއް އެނުލަފާ ޖައްބާރުންގެ ބާރު ފަލަސްތީނުގެ މައްޗަށް ހިންގުން ދިޔައީ ގަދަކުރަމުންނެވެ. މިއަދު ފަލަސްތީނަކީ އިސްރާއިލުން ބޭނުންހިންދަކު އަރައި ބޭނުން ބަޔަކު ހައްޔަރުކޮށް އަދި ބޭނުން ބަޔަކު ޝަހީދު ކުރުމަށް އޮތް ޖަލެކެވެ.

މިހާލަތައް މިކަންތައް ދިޔައިރުވެސް އަޅުގަނޑުމެން މިއަދުވެސް މިކުރަނީ ކީއްހެއްޔެވެ؟ މިއަމަލު ކުއްވެރިކޮށް ފަލަސްތީނަށް ފައިސާގެ އެހީ ފޯރުކޮށްދިނުން އެކަނިނަމަ ބުނަން ހެއްޔެވެ! ތިއީ އަދި ތިމައްސަލައަށް އޮތް ހައްލެއް ނޫނެވެ. މާދަމާވެސް އިސްރާއިލުން ބޭނުންވެއްޖެނަމަ ފަލަސްތީނަށް އަރައި އެތައް ބަޔަކު ޝަހީދު ކުރަންވީއެވެ. އަނެއްކާ އަޅުގަނޑުމެން އޭގެ ރައްދުގައި އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި އެހީފޮނުވަން ވީއެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ބޭނުންވާނީ މިގޮތްހެއްޔެވެ؟ ޝައްކެއްނެތެވެ! އެލޮބުވެތި މުސްލިމުން ބޭނުންވާނީ އެއަނިޔާވެރި އިސްރާއިލުގެ އަތްދަށުން މިނިވަންކަމެވެ. މިކަން ކުރެވޭނީ އިސްރާއިލާއި ދެކޮޅަށް ޖިހާދުކޮށް އެބައިމީހުން އެބިމުން ނެރެލެވިގެންނެވެ. މިކަން ކުރަން ނުކެރޭނަމަ ތިޔަވެވެނީ އަދި އެހީއެއް ނޫނެވެ.

މުސްލިމުން މިއަދު މިހާލަތުގައި އުޅެންޖެހިފައިމިވަނީ މުސްލިމުންގެ އަދަދު މަދުވުމުގެ ސަބަބުންހެއްޔެވެ؟ މިއަދު މުސްލިމުންނަކީ ގިނަބަޔެކެވެ. ނަމަވެސް މިއަދު އަހަރެމެންމިވަނީ ﷲ އާއި އެކަލާންގެ ރަސޫލާ ދެއްކެވި މަގު ދޫކޮށް ކާފަރުންގެ ގޮތްތަކަށް ތަބާވެފައެވެ. އަދި އިސްލާމްދީނުގެ ރިވެތިގޮތުގައި އުޅުމަށް މީހަކު މަސައްކަތްކުރާތަން ފެނިއްޖެނަމަ އަޅުގަނޑުމެން އެމީހަކާއި ދިމާކޮށް ދުނިޔެ އުޅުމަށް ދަތިކުރޭ! ވީއިރު މިއަދު އަހަރެމެން އެންމެނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވެން އޮތް މަގު ވިސްނާ އެގޮތަކަށް އަމަލުތައް ސީދާކުރުން މުހިއްމުވެ.

މިއަދު ކަތިލެވެމުންދާ މުސްލިމު އަޚުންނާ އުޚްތުންގެ ލެޔަކީ އެއްވެސް ހިނދެއްގައި ބޭކާރު އެއްޗަކަށް ވިޔަދީގެން ނުވާނެއެވެ. އެމުސްލިމުތަކުން އަހަރެމެންނާ ކިތަންމެ ދުރުގައި ވީކަމުގައި ވީނަމަވެސް އެއީ ހަމަ އަހަރެމެންގެ އަޚުންނެވެ. އަދި އުޚްތުންނެވެ. އެބައި މީހުންގެ ގައިގާ އަޅަމުންދާވޭނަކީ ހަމަ އަހަރެމެންގެ ގައިގާއަޅާވޭނެކެވެ. ދެގައުމު ދެމެދުގައި ބޮޑެތި ބޯޑަރުތަކެއް ވީކަމުގައި ވީނަމަވެސް އަހަރެމެންނަކީ އެއްބަޔެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.