ކޮލަމިސްޓް މުސްލިމުން އަޅުކަން ކުރަނީ ގެފުޅަށް ހެއްޔެވެ؟

މުސްލިމުން އަޅުކަން ކުރަނީ ގެފުޅަށް ހެއްޔެވެ؟

މުސްލިމުން އަޅުކަން ކުރަނީ ގެފުޅަށް ހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޝައްކެއްވެސް ނެތް ގޮތުގައި، މުސްލިމުން އަޅުކަން ކުރަނީ އެންމެހާ ތަކެއްޗެއް ޚަލްޤުކުރެއްވި ދާއިމަށް ވޮޑިގެންވާ އެއްކައުވަންތަ މާތް ﷲ އަށެވެ. މުސްލިމުންގެ ޢަދުއްވުން އުފައްދާ ކުށްހީތަކުގެ ތެރެއިން އެއްކުށްހީއަކީ ޣައިރު ދީންތަކުގެ މީހުން ބުދަށް އަޅުކަން ކުރާ ފަދައިން މުސްލިމުންވެސް އަޅުކަން ކުރަނީ ގެފުޅަށް ކަމަށް ބުނުމެވެ. މިއީ ބުހުތާނު ދޮގެކެވެ. ކަޢުބާ ނުވަތަ ގެފުޅަކީ މުސްލިމުންގެ ޤިބްލައެވެ. ނަމާދުކުރާއިރު ހުރިހާ މުސްލިމުންވެސް އެފަރާތަކަށް ކުރިމަތިލާ ފަރާތެވެ. އެއްވެސް ހާލެއްގައި އަޅުކަން ކުރަނީ ގެފުޅަކަށްނޫނެވެ.

ސޫރަތުލް ބަޤަރާގެ 144 ވަނަ އާޔަތުގައިވެއެވެ.

قَدْنَرَىٰتَقَلُّبَوَجْهِكَفِيالسَّمَاءِ ۖ فَلَنُوَلِّيَنَّكَقِبْلَةًتَرْضَاهَا ۚ فَوَلِّوَجْهَكَشَطْرَالْمَسْجِدِالْحَرَامِ ۚ وَحَيْثُمَاكُنتُمْفَوَلُّواوُجُوهَكُمْشَطْرَهُ ۗ وَإِنَّالَّذِينَأُوتُواالْكِتَابَلَيَعْلَمُونَأَنَّهُالْحَقُّمِنرَّبِّهِمْ ۗ وَمَااللَّـهُبِغَافِلٍعَمَّايَعْمَلُونَ " އުޑާ ދިމާލަށް މަތި ބައްލަވައިގެން ހުންނަވައި ، ކަލޭގެފާނުންގެ މޫނުފުޅު ، އެކިފުށްފުށަށް އެނބުރޭތަން، ބައެއްފަހަރަށް ތިމަން ﷲ ދެކެވޮޑިގެންވަމެވެ. ފަހެ އެޤިބުލައަކާމެދު ކަލޭގެފާނުންގެ ހިތަޕުޅު ހަމަޖެހި ރުހިވަޑައިގަންނަވާނޭފަރާތަކަށް ހަމަކަށަވަރުން ތިމަން ﷲ ކަލޭގެފާނު ކުރިމަތި ކުރައްވާހުށީމެވެ. ފަހެ ހުރުމަތްތެރިވެގެންވާ މިސްކިތް އެބަހީ ކަޢުބަތުﷲ ގެފުޅުގެ ފަރާތަށް ކަލޭގެފާނު މޫނުފުޅު ކުރިމަތިކުރައްވާށެވެ. އަދި، ތިޔަބައިމީހުން (އެބަހީ އެންމެހައި މުސްލިމުން) ވީކޮންމެތަނަކުމެ، އެތާނގެ ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރާށެވެ."

މިއާޔަތުންވެސް އެނގޭގޮތުގައި މުސްލިމުން ގެފުޅަށް އަޅުކަމެއްނުކުރެއެވެ. އެހެނަސް އެއީ މުސްލިމުން އަޅުކަން ކުރަން ކުރިމަތިލާ ޤިބުލައެވެ. އަޅުކަން ކުރަނީ ﷲއަށެވެ.

ދުނިޔަވީ ގޮތަކުން ބަލާނަމަ، ގެފުޅު ހުންނަނީ ދުނިޔޭގެ ޗާޓުގެ މެދަށް ވާގޮތަށެވެ. އެހެންކަމުން، ދުނިޔޭގެ ކޮންމެ ފަރާތެއްގައި ހުރި މުސްލިމަކުވެސް ނަމާދުކުރުމަށް ކުރިމަތިލާނީ ދުނިޔޭގެ މެދަށެވެ. މީގެ އިތުރުން އެކިމީހުން އެކިދިމާލަށް ކުރިމަތި ނުލައި ހުރިހާ މުސްލިމުންވެސް ވަކި ދިމާލަކަށް އާދެ، ގެފުޅަށް ކުރިމަތި ލުމުން ދޭހަކޮށްދެނީ މުސްލިމުންގެ އެއްބައިވަންތަކަމެވެ. ހަމައެހެންމެ މުސްލިމުން ކައުބަތުﷲ ގެފުޅު ވަށާ ޠަވާފުކުރުމުން ހާމަ ކޮށްދެނީ  މާތް ﷲގެ އެއްކައުވަންތަކަމެވެ.
ބުއްދީގެ ގޮތުން ވިސްނާލާއިރު ވެސް، މުސްލިމުންގެ ޤިބުލައަކީ، އަޅުކަންކުރުމަށް ކުރިމަތިލާ ފަރާތަކީ، ކަޢުބަތުﷲ ގެފުޅު ކަމަށްވާއިރު، ޙައްޖާޖީންނާއި، ޢުމުރާވާ މީހުން ގެފުޅު ވަށައިގެން ޠަވާފުކުރުމުން އެއީ ގެފުޅަށް އަޅުކަންކުރުން ކަމަށް ނުބެލެވޭނެއެވެ. އެހެނީ، ޠަވާފުކުރާ އިރުވެސް އެކުރިމަތި ލަނީ، ނަމާދުކުރާއިރު ކުރިމަތިލާ ކަޢުބަތުﷲ ގެފުޅަށެވެ.

މުސްލިމުން ގެފުޅަށް އަޅުކަން ނުކުރާކަމާއި އެއީ މޫނު ކުރިމަތި ކުރުވާ ދިމާކަމަށް ދޭހަވާ  އަނެއްކަމަކީ މައްކާ ފަތަޙަ ކުރެވުނު ދުވަހު ބިލާލް ރަޟިއަަﷲ ޢަންހު ގެފުޅުގެ މައްޗަށް އަރައި ބަންގި ގޮވާފައިވާކަމެވެ. އަޅުކަން ކުރަނީ ގެފުޅަށްނަމަ އޭގެ މަތީގައި ކޮޅަށްހުރެ ނަމާދަށް ގޮވައިލާނެތޯއެވެ؟ ނޫނެކެވެ. އަދި ކިއެއްތޯއެވެ! ބަންގީގެ ކަލިމަތަކުގައިވެސް ވަނީ ﷲ މެނުވީ އިލާހަކު ނުުވާކަމެވެ. މުޙައްމަދުގެފާނީ ރަސޫލާކަމެވެ. ނަމާދަށް އައުމަށާާއި ކާމިޔާބަށް އައުމުގެ ވާހަކައެވެ. އެންމެ ބޮޑީ ﷲ ކަމަށާއި އެއިލާހު ފިޔަވާ އިލާހަކު ނެތް ވާހަކައެވެ. ގެފުޅުގެ ވާހަކައެއް ނާދެއެވެ.  ނަމާދުގައި ކިޔާ ދުޢާތަކުގައިވެސް އަދި ތަސްބީޙަ ތަކުގައިވެސް ގެފުޅަށް އަޅުކަން ކުރާ ވާހަކައެއް ނާދެއެވެ. ވީހިނދު މުސްލިމުން އަޅުކަން ކުރަނީ ގެފުޅަށޭ ބުނާވާހަކައަކީ ތާކުންތާކު ނުޖެހޭ އެއްވެސް ބުރަދަނެއް ނެތް ވާހަކައެކެވެ.

ހަޖަރުލް އަސްވަދާ މުޚާތަބު ކުރައްވައި ޢުމަރުގެފާނު ވިދާޅުވި ބަސްފުޅު މިކަމަށް ފުދެއެވެ. އެކަލޭގެފާނު ވިދާޅުވިކަމަށް ވާރިދުވެފައިވެއެވެ. "އަހަރެންނަށް އެނގެއެވެ. ތީ ހަމައެކަނި ހިލައެކެވެ. ކަލެއަށް އެއްވެސް މީހަކަށް ފައިދާއެއްވެސް ގެއްލުމެއްވެސް ނުދެވޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަލޭގެ (ޙަޖަރުލް އަސްވަދު) ގައިގައި ބީހިވަޑައިގެންނެވިތަން (ބޮސްދެއްވިތަން) އަހަންނަށް ފެނިފައި ނުވާނަމަ ، އަހަރެން އެއްގޮތަކަށްވެސް ކަލޭގެ ގަޔަކު ނުބީހުނީމެވެ."

ހަޤީޤަތަކީ މުސްލިމުން އަޅުކަން ކުރަނީ ﷲއަށެވެ. ހަމަ އެހެންމެ ކަޢުބަތުﷲ ގެފުޅާ ވީދިމާލަށް ކުރިމަތިލަނީވެސް ﷲގެ އެންގެވުމަށް އެއިލާހުގެ ޢަމުރުފުޅަށެވެ. ގެފުޅުވަށައި ޠަވާފުކުރަނީވެސް އެއިލާހު އެންގެވީމައެވެ. ޖަމްރާ އަށް ހިލައުކައި ނަމާދުކުރަނީވެސް އެއިލާހު އަންގަވާފައިވާތީއެވެ. އެއްވެސް ހާލެއްގައި ގެފުޅަށް ނުވަތަ އިސްލާމުންގެ އަދާވާާތްތެރިން ބުނާ "ކަޅު ފޮއްޓަށް" އަޅުކަން ކުރަނީ އެއްނޫނެވެ. އަޅުކަންކުރަނީ މާތް ﷲއަށެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ ފަރާތެއް ނުވެއެވެ.

 

 

 

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.