ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ބޭފުޅަކު ހަމަޖެއްސުމުގައި ސަރުކާރު ކޯލިޝަނަށް ވަނީ އެއްގަލަކަށް ނޭރިފައެވެ. މިކަމާއި ހުރެ ކޯލިޝަނުގައި ހިމެނޭ ޕާޓީ ތަކުން އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ޙަމަލާތައް ދީފައި ވާއިރު، މަޖިލީހުގެ ރައީސް ކަމުގެ މައްސަލާގައި އުފެދިފައިވާ ކޯޅުން ތައް ވަނީ ޕާޓީ ތަކުގެ އެންމެ މަތީފަޑިއަށް އަރާފައެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕީޕީއެމާއި އެ ޕާޓީ އާއި ގުޅިފައިވާ ޕާޓީ ތަކަށް ލިބުނު ނަމަވެސް ކޯޅުން ތަކަށް ނިމުމެއް ނައެވެ. މަޖިލިސް އިންތިޚާބުގައި ވެސް މި ޕާޓީ ތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކަށް ދެރަ ދިނުމަށާއި ގެއްލުން ދިނުމަށް ސިއްރާއި ފާޅުގައި އެކި ކަންކަން ކޮށްފަ އެވެ. އެހެން ނީޫން ނަމަ އިންޑިޔާގެ އިންތިޚާބުގައި ބީޖޭޕީން ހޯދިފަދަ ބޮޑު ކާމިޔާބެއް ނިމިދިޔަ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ހޯދާނެ ކަމަށް ޚުދު އެބޭފުޅުން އަމިއްލަފުޅަށް ވެސް ޤަބޫލުފުޅު ކުރައްވައެވެ. އަދި ތަފާތު ފޯރަމް ތަކުގައި އެކަން ވަނީ އަމިއްލަ ފުޅަށް ބައެއް ބޭބޭފުޅުން ހާމަވެސް ކުރައްވާފައެވެ.
ކުރިޔަށް އޮތް މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަން އެންމެ ފުރަތަމަ އިޢުލާނު ކުރައްވާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމެވެ. ޤާޞިމު މިކަން ޢިއުލާނު ކުރެއްވުމާއި އެކު ކޯލިޝަނުގެ ތެރޭގައި މި މައްސަލަ ބޮޑުވެ މިކަމަކީ ޤާޞިމު ކޯލިޝަނާއި މަޝްވަރާ ނުކުރައްވާ އިޢުލާނު ކުރެއްވި ކަމެއް ކަމަށް ބުނެފައި ވެއެވެ. އަދި މި ކަމުގައި ޤާޞިމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ޕީޕީއެމްގެ އިއްސަފުން ނުސީދާކޮށް ބުނި ނަމަވެސް އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ފާޅުގައި ޤާޞިމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ. މިއާއި އެކު ޤާޞިމުގެ މިސްރާބުވެސް ވަނީ ބަދަލު ކުރައްވާ އިދިކޮޅު އެމްޑީޕީގެ ވާގިވެރިކަން ހޯއްދެވުމަށް މަސައްކަތްޕުޅު ފައްޓަވާފައެވެ. އެހެން ކަމުން މި މައްސަލައިގެ ނާޒުކު ކަން މިއޮތީ ހާމަޔަށް ފެންނާށެވެ.
ކުރިޔަށް އޮތް މަޖިލީހުގެ ވަރަށް ފުރިހަމަ ސާފު އަޣުލަބިއްޔަތެއް ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ ޕީޕީއެމަށް ވަނީ ލިބިދީފައެވެ. އެޔާއި އެކު ޕީޕީއެމުން ވެސް ވަނީ އެޕާޓީގެ ޝައުޤުވެރިކަން މަޖިލީހުގެ ގޮނޑިއާއި މެދު ފާޅު ކޮށްފައެވެ. ޕީޕީއެމްގެ ރައީސް މައުމޫނާއި ޕީޕީއެމްގެ ފަރާތުން ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި ރައީސް ޔާމީން ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުޤުވެރިކަން ފާޅު ކުރައްވާފައެވެ. އެހެން ކަމުން މި ކަމުގައި ޕީޕީއެމުން އެއްވެސް ދުލެއް ނުދޭނެ ކަން ޔަޤީނާ ގާތަށް ވަނީ އެނގިފައެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން މަޖިލީހުގެ ރައީސް ކަމުގެ މައްސަލާގައި އިދިކޮޅު ވާދަވެރި އެމްޑީޕީގެ އެހީތެރިކަން ހޯދާފައި ވާއިރު، ޕީޕީއެމާއި އެ ޕާޓީއާއި ގުޅިފައިވާ އެމްޑީއޭ އިން ވެސް ގެންދަނީ މި ހަނގުރާމަ އަށް ތައްޔާރު ވަމުންނެވެ. ޕީޕީއެމާއި އެމްޑީއޭގެ 42 މެންބަރުންނާއި އެކު އެ ކޯލިޝަނަށް ސާފު އަޣުލަބިއްޔަތު ލިބުނު ނަމަވެސް އެމްޑީޕީގެ ވާގިވެރި ކަމާއި އެކު ޖުމްހޫރީ ޕާޓީއަށް ވެސް 40 ވޯޓު ލިބޭނެއެވެ. އެހެން ކަމުން ދެން އޮތީ އަމިއްލަ މެންބަރުންގެ ނިންމުމެވެ. އަމިއްލަ މެންބަރުންނާއި އެކު ބުރަވާނެ ކޮޅެއް ކަށަވަރު ނުކުރެވޭއިރު، މަޖިލީހުގެ ރައީސް ހޮވުމަށް ނަގާ ވޯޓަކީ ސިއްރު ވޯޓެއް ކަމުން މިކަމުގައި ނަތީޖާ ނުކުންނާނެ ގޮތެއް ދެނެގަންނާން އުނދަގުލެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް ހޮވުމަށް މި މަހުގެ 28 ވަނަދުވަހު ނަގާ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މި ނަތީޖާ އިޢުލާނު ކުރުމާއި އެކު ސަރުކާރު ކޯލިޝަނުގައި މިހާރު އަނދަމުންދާ އަލިފާންގަނޑުގެ ހުޅުފަޅައިގެން ގޮސް މީގެ ފުރިހަމަ އެޑްވާންޓޭޖް އިދިކޮޅު އެމްޑީޕީން ނަގާނެ ކަމީ ޝައްކެއްވެސް ނެތް މިންވަރަށް ޔަޤީންވާ ކަމެކެވެ. ބަލަން ތިބެމާހެއްޔެވެ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...