ރަމްޟާން މަހަށް ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ތަރާވިސް ނަމަދުކުރުމަށް ގެންނަ ޙާފިޒުންނާ އިންޓަވިއުކޮށް ފެންވަރު ދެނެގަނެ މަޢުލޫމާތު އެއްކުރުމަށް ޢަދާލަތު ޕާޓީގެ ވަފުދެއް އިންޑިއާއަށް ވަޑައިގެންފިއެވެ.
ޢަދަލަތު ޕާޓީއިން ބުނީ މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިވަގުތު މެލޭޝިއާގައި ކިޔަވާވިދާޅުވަމުން ގެންދަވާ އެޕާޓީގެ ޢިލުމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިން އާއި އެމަޖިލީހުގެ ނައިބުރައީސް ޑރ. މުޙައްމަދު ޢިޔާޟު ކަމަށެވެ.
ޑރ. ޢިޔާޟު ރޭ ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. ޝައިޚް އިލްޔާސް މެލޭޝިއާއިން އިންޑިއާއަށްވަޑައިގެން ވަފުދުގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ޢަދާލަތު ޕާޓީއިން ބުންނެވެ.
ޢަދަލަތު ޕާޓީއިން ބުނީ މިއަހަރު އިންޓަވިއުކޮށްގެން ޙާފިޡުން ގެނައުމަށް ހަމަޖެހިފައިވަނީ ގިނަ ޢަދަދެއްގެ ހާފިޡުން މިއަހަރު ގެންނާތީއާއި، އެހާ ގިނަ ޢަދަދެއްގެ ޙާފިޡުން ގެންނާތީ ވީހާވެސް ފެންވަރު ރަނގަޅު ޙާފިޡުން ގެނައުމުގެ ގޮތުންނެވެ.
މިއަހަރު އެޕާޓީން 50 ޙާފިޡުން ގެނައުމަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެޕާޓީން ކުރިންވަނީ ބުނެފައެވެ.
މާރިޗް 30 ގައި އެޕާޓީން ނެރެފައިވާ އިޢުލާނުގައި ޙާފިޡުން ގެނައުމަށް ބޭނުންވާ ރަށްރަށުން އޭޕްރީލް މަހުގެ 24 ގެ ކުރިން ޢަދާލަތު ޕާޓީ އޮފީހަށް ފައިސާ ދެއްކުމަށް ވަނީ ފުރުޞާތު ހުޅުވާލާފައެވެ.
އެއިޢުލާނުގައި ބުނެފައިވަނީ ޙާފިޡުން ރާއްޖެ ގެނައުމާއި އަނބުރާ ފޮނުވުމާއި މާލޭގައި މަޑުކުރައްވަން ޖެހޭ ވަގުތުގައި އަދި ރަށްރަށަށް ފޮނުވުމާއި ރަމްޟާންމަސް ނިންމައި އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަން ޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއެކު މިއަރު ފައިސާ ނެގުމަށް ހަމަޖެހިފައި 15000 ޑޮލަރު ކަމަށާއި ދިވެހި ރުފިޔާއިންނަމަ 25،500 ރުފިޔާ ކަމަށެވެ.
މިއީ އެޕާޓީން ޙާފިޡުން ގެންނަ ހަވަނަ އަހަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...