އޭޕްރިލް އެއްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދިވެހިރާއްޖޭގޭ ޤާނޫނުލް ޢުޤޫބާތުގެ ބިލްގައި އިސްލާމީ ޝަރީޢަތުގެ ގިނަ ޙައްދުތަކާ ފުށުއަރާ ބިލެއްކަމުގައިވާތީ އެބިލް ތަޞްދީޤު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ރާއްޖޭގެ މަޝްހޫރު ޢިލުމްވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ވިދާޅުވަމުންގެންދަވާ ޝައިޚް އިލްޔަސްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނުނުލްޢުޤޫބާތުގެ ބިލަކީ ﷲ ސުބުޙާނަހޫވަތަޢާލާ އެއިލާހުގެ އަޅުންގެ މައްޗަށް ބާވައިލައްވާފައިވާ ޤާނޫނުގައިވާ ގިނަ ހައްދުތައް ބަދަލުކޮށްފައިވާ ބިލެއްކަމަށެވެ.
ޢަދާލަތު ޕާޓީގެ ޢިލުމްވެރިންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ޝައިޚް އިލްޔާސް ވިދާޅުވީ އިލާހީ ޤާނޫނުގައިވާ ހައްދުތައް ބަދަލުކޮށް ޤާނޫނުލްޢުޤޫބާތުގެ ބިލް ފަސްކުރަން ވޯޓު ދެއްވި ހުރިހާ މެންބަރުން އެވަނީ އެމެންބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާ ޚިލާފުވެފައި ކަމަށާއި އިސްލާމްދީނާ ޤައުމަށް ޣަދަރުވެރިވެފައިކަމަށެވެ.
"މިއީ އެއްވެސް މުސްލިމަކަށް ކުރެވޭނެކަމެއް ނޫނެވެ. އަދި ހުއްދަކަމެއްވެސް ނޫނެވެ.. މިގޮތަށް ހައްދުތައް ބަދަލުކުރުމަކީ އިލާހީ ޤާނޫނު ޤަބޫލުނުކުރާ ކަމުގެ އަލާމާތެކެވެ. އައި އިސްލާމްދީނަށް ޣަދަރުވެރިވުކެވެ." ޝައިޚް އިލްޔާސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިބަޔާނުގައި އިސްލާމް ދީނުގައި އައިސްފައިވާ ގޮތަށް މިބިލް އިސްލާހުކޮށްގެން މެނުވީ ތަޞްދީޤު ނުކުރުމަށް ޝައިޚް އިލްޔާސްވަނީ ރައީސް ޢަބްދުﷲ ޔަމީނަށް އިލްތިމާސް ކުރައްވާފައެވެ.
މިބިލް އެކުލަވާލެއްވި ވަގުތީ ކޮމިޓީއަށް މިދިޔަ އަހަރު ޝައިޚް އިލްޔާސް ޙާޟިރުކުރެއްވުމުން އެބިލްގައި އިސްލާމް ދީނާ ފުށުއަރާ ގިނަ ކަންތަތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އަދި ކޮމިޓީގެ މުޤައްރިރު ބިލެއްދޫދާއިރާގެ އަޙްމަދު ހަމްޒާވަނީ އެކަންކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...