އަލްއުސްތާޛާ އަނަރާ ނައީމޭ ބުނެފިނަމަ ކޮންމެ ދިވެއްސެއްގެ ހިތަށްވެރިވެގެންދާނީވެސް އެއް ޝުޢޫރެކެވެ. އެއީ ދިވެހި ޖައްވުގައި ފިޔަޖަހަމުންދާ އަންހެން ދީނީ ޢިލުމުވެރިންގެ ތެރެއިން ޢާއްމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ނަންފުޅެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި އުސްތާޛާ އަނާރާގެ ނަންވަނީ ވަނީ ތާރީޚްގައި ފާހަގަކޮށްލެވޭ ނަންފުޅަކަށް ވެފައެވެ.
އަނާރާގެނަން ތާރީޚްގައި ފާހަގަ ކުރެވިފައިވާ ސަބަބުތައް ތިރީގައި މިވަނީއެވެ. މިއީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައިވެސް ފާހަގަ ވެގެންދާނެ ކަންކަމެވެ.
ރާއްޖޭގެ 82 އަހަރުވީ ބަރުލަމާން ޙަޔާތުގައި މިހާތަނަށް ބުރުގާ ތުރުކުރައްވައިގެން އެއްވެސް އަންހެން ބޭކަނބަލަކު މަޖިލީހުގެ ތަޅުމުން ފެނިފައެއް ނުވެއެވެ. ނަމަވެސް މިއަދު އެކަންވަނި ތާރީޚްގެ ތެރެއަށް ވަދެ ނިމިފައެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވައި ކުރުމަށް ތައްޔާރުވަމުން ދައިރު، ﷲ ގެ އިރާދަފުޅުން ފުރަތަމަ ފަހަރަށް ބުރުގާ ތުރުކުރެއްވި ދެކަނބަލުން މަޖިލީހުގައި ތަމްސީލު ކުރާއިރު އެއްބޭކަނބަލަކަށް އަލްއުސްތާޛާ އާނަރާނައީމުވެގެންދާނެއެވެ.
2005 ވަނަ އަހަރުންފެށިގެން ދީނީ ޢިލުމްވެރިން މަޖިލީހުގައި ތަމްސީލު ކުރެއްވުމުގެ ވާހަކައަކީ ވަރަށް ގިނަ ފޯރަމްތަކުގައި ދެކެވިފައިވާ ވާހަކައެވެ. އެކަމުގެ ހެޔޮ ފައިދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުންނާއި ތަޅުމުން ފެނިފައިވެއެވެ. އެގޮތުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޝަހީދު ޑރ. ޢަފުރާޝީމު ޢަލީ ކުރެއްވި މަސައްކަތްޕުޅުތަކަކީ ދިވެހިންނަށް އޭގެ އަގު އަދާނުކުރެވޭނެ ފަދަ އަގުހުރި މަސައްކަތް ޕުޅުތަކެކެވެ. އޭގެ ކުރިންވެސް ރާއްޖޭގެ ބަރުލަމާން ޙަޔާތުން ދީނީ ޢިލުމްވެރިން މަދުން ނަމަވެސް ފެނިފައިވެއެވެ. އެގޮތުން އައްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒުހަރީއާއި، ފަލީލައްޝައިޚް ޙުސައިން ޞަލާހުއްދީނަކީވެސް މަޖިލީހުގެ 82 އަހަރުގެ ތާރީޚްގައި މަޖިލީހުގައި ޚިދުމަތް ކުރެއްވި ދީނީ ޢިލުމްވެރިންނެވެ.
އަލްއުސްތާޛާ އަނާރާ ނަޢީމު މިއިންތިޚާބު ކާމިޔާބު ކުރުމުން އެކަން ޚާއްޞަވެގެންދަނީ އެހެން ގޮތަކުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް އަންހެން ދީނީ ޢިލުމްވެރިޔަކު ތަމްސީލު ކުރެއްވުމުގެ ފުރުޞަތު ހޯއްދެވުމަކީ ހަމަޔަޤީނުންވެސް މާދަމާ ރާއްޖޭގެ ތާރީޚް ލިޔެ މުރާޖާކުރާ ފަރާތްތަކުން ފާހަގަކުރާނެ ކަމެކެވެ.
ރާއްޖޭގައި މަލްޓިޕާޓީ ނިޟާމެއް ތަޢާރުފުވިތާ މިއީ 9 އަހަރު ފުރޭ މުނާސަބާއެވެ. މިއީ 8 އަށްހަރުގެ މާޒީއެއް ކަޑަތުކޮށް 9 ވަނަ އަހަރާއި ކުރިމަތިލާ ޢަދާލަތު ޕާޓީ މަޖިލީހުގައި ތަމްސީލު ކުރާނެ ފުރަތަމަ ފަހަރެވެ. ޕާޓީއެއް މިޖީލީހުގައި ތަމްސީލު ކުރަންފެށުމަކީ ތާރީޚްގައި އެކަންފަހަގަވެގެންދާނެ ސަބަބެކެވެ. ޢަދާލަތު ޕާޓީގެ ބަރުލާމާންގެ އިރު ސިޔާސީ ފަތިހަށްފަހު ފެނުން ހިއްލާލީ އަލްއުސްތާޛާ އަނާރާ ނައީމު އިންތިޚާބު ކާމިޔާބު ކުރެއްވުމުނެވެ. އެހެންކަމުން މިއީވެސް އަލްއުސްތާޛާ އަނާރާގެ ނަން ތާރީޚްގައި ފާހަގަކޮށްލެވޭނެ ސަބަބެބެކެވެ.
ޢަދާލަތު ޕާޓީގެ ދެކޮޅުވެރިންނާ އަދި ރާއްޖެއިން ބޭރުގެ މީޑިއާތަކުގައިވެސް އެންމެ ބޮޑަށް އެޕާޓީއާއިމެދު ކުރާ ތުޚުމަތަކީ އެޕާޓީއަކީ އަންހެނުން ބާކީކޮށް އެކަހެރި ކުރާ، އަންހެނުންނަށް ކުރިއެރުވުން ހުއްޓުވާ އެކަން މަނާ ކުރަ ބައެއްގެ ގޮތުގައެވެ. ނަމަވެސް މިއިންތިޚާބުގައި ނިސްބަތުން އެންމެގިނަ އަންހެންބޭފުޅުން ވާދަކުރެއްވި އެއްޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. އެޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި ދެއަންހެންބޭފުޅުން ކުރެއްވި ބުރަ މަސައްކަތުން އެދެއަންހެންބޭފުޅުންވަނީ އެޕާޓީއާއިމެދު އެޕާޓީގެ ދެކޮޅުވެރިންނާ ރާއްޖެއިން ބޭރުގެ މީޑިއާތަކުން ކުރާ ތުޚުމަތުތަކަށް ޖަވާބުދީ އެފަރާތްތަކުގެ އަނގަ ބަންދުކޮށްފައެވެ. މިލިސްޓުގައި އަލްއުސްތާޛާ އަނާރާގެ ނަންފުޅު ހިމެނުމަކީވެސް ތާރީޚްގައި ފާހަގަ ކުރެވޭ ސަބަބުތަކުގެ ތެރެއިން އަޅުގަނޑު މިފާހަގަ ކުރާ ސަބަބުތަކަށް އިތުރުވި ބޮޅެކެވެ.
ރައްޖޭގެ ތާރީޚްގައި އަންހެންބޭފުޅަކު އިންތިޚާބު ކާމިޔާބު ކުރައްވައިގެން ފުރަތަމަ ފަހަރަށް މަޖިލީހުގައި ޕާޓީ ތަމްސީލު ކުރުމުގެ ފުރުޞަތު ލިބިފައެއް ނުވެއެވެ. ނަމަވެސް މިފުރުޞަތު އނަހެންބޭފުޅަކު މިވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ޕާޓީއެއް ތަމްސީލު ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައެވެ. މިމަސައްކަތުގެ ޝުކުރު އަލްއުސްތާޛާ އަނާރާ ނަޢީމަށް ޙައްޤުވެގެންވެއެވެ.
މީއީ ރާއްޖޭގެ ތާރީޚްގައި އަލްއުސްތާޛާ އަނާރާ ނަޢީމު ފާހަގަ ވެގެންދާނެ ސަބަބުތަކުގެ ގޮތުގައި ފާހަގަ ކުރެވޭނެ ސަބަބުތަކެވެ.
ދުޢާއަކީ އަލްއުސްތާޛާ އަނާރަނައީމަށް ސާބިތުކަން ދެއްވައި ރާއްޖޭގެ ޤާނޫނު ހަދާ މަޖީލީހުގައި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދިއުމެވެ. އާމީން
ކޮމެންޓް (0)
ލޯޑް ކުރަމުން...