ގެއްލުނު މެލޭޝިޔާގެ މަތިންދާބޯޓު ވަގަށް ނެގުމުގެ ތުހުމަތު ބޯޓުގެ ކެޕްޓަނަށް ކުރެވޭ ކަމަށް ބޭރުގެ ބައެއް މީޑިޔާ ތަކުން ހާމަ ކޮށްފިއެވެ. މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއި އެ ޤައުމުގެ ފުލުހުންގެ އިސް އޮފިޝަލުންނާ ޙަވާލާދީ ބައެއް މީޑިޔާ ތަކުން ބުނީ ގެއްލުނު މެލޭޝިޔާގެ ބޯޓުގެ ކެޕްޓަން ޒަހާރީ ބޯޓަށް އެރުމުގެ ދެ މިނެޓް ކުރިން ގޮތް ނޭނގޭ އަންހެނަކާ ވާހަކަ ދައްކާފައި ވާކަމަށެވެ.
ކެޕްޓަން ޒަހާރީގެ ފޯނަށް އައި މި ކޯލަށް ދެ މިނެޓް ވަންދެން ޒަހާރީ ވާހަކަ ދައްކާފައި ވާކަން ކަށަވަރު ކުރެވޭ ކަމަށާއި، މި ކޯލު ކޮށްފައި ވަނީ ވަގަށް ނަގާފައިވާ ސިމްކާޑަކުން ކަމަށް މެލޭޝިޔާގެ ފުލުހުންނާ ޙަވާލާދީ މީޑިޔާ ތަކުން ބުނެފައި ވެއެވެ.
މި ސިމްކާޑު ދޫކޮށްފައި ވަނީ މެލޭޝިޔާގެ ސިމްކާޑު ވިއްކާ ފިހާރަ އަކުން ކަމަށާއި، މިއީ ވަރަށް ފަހުން ވިއްކާފައިވާ ސިމްކާޑެއް ކަމަށް ވެސް ފުލުހުންނާ ޙަވާލާދީ މެލޭޝިޔާގެ މީޑިޔާ ތަކުން ބުނެފައިވެއެވެ.
އެހެން ނަމަވެސް މި ސިމްކާޑު ނަގާފައި ވަނީ ވަގަށް ދޮގު މަޢުލޫމާތު ދީގެން ކަމާ ނުގުޅޭ މީހެއްގެ ފުރިހަމަ މަޢުލޫމާތުދީ އޭނާގެ ނަމުގައި ކަމަށް ވެސް މެލޭޝިޔާގެ ފުލުހުންނާ ޙަވާލާދީ މީޑިޔާ ތަކުން ބުނެފައިވެއެވެ.
އެހެން ނަމަވެސް މި ފޯނު ކޯލުގެ އެއްވެސް ތަފްޞީލެއް ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
މި ކަމަކީ ޓެރަރިސްޓުންގެ ބަޔަކާއި ކެޕްޓަން ޒަހާރީ އާއި ގުޅުމެއް އޮވެދާނެ ކަމަކަށް ވެދާނެތީ މި ކަން ވަރަށް ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
މި ބޯޓުގެ ކެޕްޓަން ޒަހާރީގެ މައްޗަށް ބޯޓު ވަގަށް ނެގުމުގެ ތުހުމަތު ކުރެވެން ފަށާފައި ވާއިރު، މީގެ ކުރިން ވެސް ވަނީ ކެޕްޓަން ޒަހާރީގެ ގޭގައި ހަދާފައިވާ ފްލައިޓް ސިމިއުލޭޓަރުން ގިނަ މަޢުލޫމާތު ތަކެއް ބޯޓު ފުރުމުގެ ވަގުތު ކޮޅެއް ކުރިން ފޮހެލާފައި ވާތީ ވެސް އޭނާއާއި މިކަމާ ގުޅުމެއް ވާކަމަށް ތުހުމަތު ކުރެވިފައެވެ.
މި ބޯޓު ގެއްލުނުތާ މިއަދަށް ސަތާރަ ދުވަސް ވީއިރު ވެސް ބޯޓުގެ އެއްވެސް ހިލަމެއް ވެފައެއް ނުވެއެވެ.
މި ޚަބަރުގެ އަސްލު ލިންކާއި އިތުރު ތަފްޞީލް ދި އިސްލާމްގެ ފޭސްބުކް ޕޭޖުން ލިބިވަޑައި ގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...