މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ މަޝްހޫރު ނޫހެއްގައި "އަންހެނުން އެކަނި ޑަކްޓަރަށް ދެއްކުން މަނާ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ތާކުން ތާކު ނުޖެހޭ ލިޔުމަކާއި ގުޅިގެން ލިބުނު ހައިރާން ކަމުގައި ގިނަ ދުވަސްތަކަކަށްފަހު ގަލަން ހިންގާލަން ޖެހުމުން ކަމުގެ ހަގީގަތް ސާފުކޮށްލަދެމެވެ.
އިސްވެ ދެންނެވުނު ސުރުޚީގެ ދަށުން ލިޔުންތެރިޔާގެ ލިޔުން ފަށާފައިވަނީ މިފަދައިންނެވެ.
"މަހްރަމެއްގެ ހާޒިރުގައި ނޫން ގޮތަކަށް އަންހެނުން ފިރިހެން ޑޮކްޓަރުންނަށް ދެއްކުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ސައޫދީގެ ދީނީ އިލްމުވެރިންގެ އެންމެ މަތީ ކައުންސިލްގެ އިސް މެމްބަރެއް ކަމަށްވާ، ޝެއިހް ގިއާސް އަލް މުބާރަކް އަންހެނުންނަށް ފާޑުވިދާޅުވެއްޖެ އެވެ. އަންހެނުން އެކަނި ގޮސް ފިރިހެން ޑޮކްޓަރުންގެ ކިބައިން ފަރުވާ ހޯދާ މައްސަލާގައި ޝައިހް މުބާރަކް ފާޑުވިދާޅުވެފައި މި ވަނީ، މަހްރަމެއް ނެތިގެން ސައޫދީގައި މިދިޔަ ހަފުތާގައި ފަރުވާ ނުދެވި ޔުނިވާސިޓީއެއްގެ އަންހެން ދަރިވަރަކު މަރުވި މައްސަލައެއް ހޫނުވެފައި ވަނިކޮށެވެ. " މިހެންނެވެ.
ކިޔުންތެރިންނޭވެ. ތިރީގައި މިބަޔާން ކުރަނީ ޝައިޚު ޤައިސް އާލުއްޝައިޚް ދެއްވި ފަތުވާއާއި އެއާއި ގުޅިގެން އަޅުގަނޑު އިތުރުކޮށްލި ބައެއް ވާހަކަތަކެވެ. ވިސްނުމާއެކު ކިޔުއްވަމުން ގެންދަވާށެވެ.
ފަތުވާ : "ފިރިހެން ޑަކްޓަރުންނަށް އަންހެނުން މަޙްރަމަކާ ނުލާ ދެއްކުމަކީ ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ. މިފަދައިން ދަންނަވަން ޖެހެނީ ފަހަކަށް އައިސް އަންހެންވެރީން މިކަމަކީ ވަރަށް އާދައިގެއް ކަމެއްކަމުގައި ދެކި ކަންފަސޭހަ ކޮށްލުމުގެ ސަބަބުންނެވެ. އެހެނީ ބައެއް ފަހަރު އަންހެންބޭފުޅުން އެބޭފުޅުންނާއި ގުޅޭ ސްޕެޝަލިސްޓުންގެ ކައިރިއަށްވެސް ގިނިކަންޏާ ދައްކަން އެބަދެއެވެ. ފަހަރެއްގައި އެފަދަ ޙާލަތްތަކުގައި ދެމީހުންގެ ދެމުދައި ގިނަ ވާހަކަތައް ދެކެވި ގުޅުން ބަދަހިވެއެވެ. މިފަދަ ކަންކަމަކީ ވަރަށް އެހެން ކަހަލަ ނަތީޖާތަކެއް ނިކުމެދާނެ ކަންކަމަށް ވުމުން ޝަރީޢަތުގައި މިކަމީ ހުއްދަ ކަމެއް ނޫނެވެ.
އިންސާނުގެ ފިޠުރަތުގައިވާ އެންމެ ރިވެތި އާދައަކީ އަދި އެމީހެއްގެ މުރޫޢަތްތެރިކަމުގެ ޒީނަތަކީ އެމީހެއްގެ އަޢުރައަށް އޭނާ ރައްކާތެރިވާ މިންވަރެވެ. ބައެއް ޙާލަތްތަކުގައި ޑަކްޓަރަށް ގޮސް ސިޒޭރިއަންއެއް ހަދާފައިވާ އަންހެނެއްގެ އޮޕަރޭޝަން ކުރެވިފައިވާ ތަން ބެލުމަށް އޭނާގެ ބަނޑުން ތިރި ޑަކްޓަރަށް ބަލަން ބޭނުންޖެހުން ފަދަ ކަންކަމުގައި ޢައުރައިގެ ބޮޑު ބައެއް އެކަހެރި ޙާލަތުގައި އެބަ ކަޝްފު ކުރެވެއެވެ. ފަދައިން މިކަންވާނަމަ މިކަމުގެ ޙަރާމްކަން އިތުރުވެގެން ދެއެވެ. މިވާހަކަ މިފަދައިން އަޅުގަނޑު ދެންނެވިއަސް އަންހެންގެ ޢައުރަ ފިރިހެން ޑަކްޓަރެއް ކުރިމަތީ ކަޝްފު ކުރެވޭނީ ކަމާއި ގުޅޭ އަންހެން ޑޮކްޓަރެއް ނެތިއްޖެ ޙާލަތުގައިކަން ފާހަގަ ކޮށްލަމެވެ. އަދި ޟަރޫރީ ޙާލަތެއްގައި ބަލިމީހާގެ ޢަޢުރައިން ބައެއް ކަޝްފު ކުރަން ޖެހިއްޖެނަމަ އެކަހެރި ނުވާ ޙާލު އެބައްޔަކާއި ގުޅިގެން ބަލަން ޖެހޭ މިންވަރަށް ވުރެން އިތުރަށް ނުބެލުން އެޑަކްޓަރުގެ މައްޗަށް ލާޒިމު ވެގެން ވެއެވެ.
މިއީ ޝައިޚް ޤައިސް އާލުއްޝައިޚް ދެއްވި ފަތުވާއެވެ. ޝައިޚްގެ މިވާހަކޮޅުގައި އަލިއަޅުއްވާލެއްވީ ޝައިޚް ދިރިއުޅެމުންދިޔަ މުޖްތަމަޢުގައި ޒަމާނުއްސުރެން އޮތް ހަރުލާފައިވާ ރިވެތި އިސްލާމީ އުޞޫލަތަކަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރެއްވުމާއެކު ޝައިޚުގެ ޕީއެޗްޑީ ރިސާޗް ގެ ޓޮޕިކް އަކީ "އިސްލާމީ ޝަރީޢަތުގައި ޑަކްޓަރުންގެ މަސްއޫލިއްޔަތު" މިމައުޟޫއަށް ކަމަށްވެފައި މިރޮނގުގައި ފުންނާބު އުސް ގިނަ ދިރާސާތަކާއި ތަޖްރިބާތައް ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ޙައިސިއްޔަތުން ޝައިޚަށް ހުށަހެޅުނު ވާހަކަތައް ޖަވާބު ދެއްވަމުންނެވެ.
އާދެ! އެމުޖުތަމަޢަކީ އަޅުގަނޑުމެން ފަދަ މަސްހުނި އަނބިމީހާ ހިލޭ ފިރިހެނުންނާއެކު ރިސޯޓްތަކަށް ފޮނުވާ ، ދެއިރު ދެދަޅައަށް ހެދުން ބަދަލު ކުރާހެން އަންހެން ކުދީންނާއި ރައްޓެހިވެ ތަނަކަށް ދާން ބޭނުންވުމުން އެވަޤުތު އަތުޖެހުނު ފިރިހެނެއްގެ ސައިކަލު ފަހަތަށް އަރާ ލަދުވެތިކަމާއި ޣީރަތްތެރިކަމުގެ ޞިފަ ނެތިފައިވާ މުޖުތަމައެއް ނޫނެވެ. އެއީ އަބުރާއި ލަދުވެތިކަމާއި މުރުޢަތްތެރިކަމާއި ކަރާމާތްތެރިކަން ހިފެހެއްޓިފައި އޮތް މުޖުތަމަޢެކެވެ. އެއީ ވައްކަން އެންމެ މަދު މީހުން މެރުން އެންމެ މަދު ފާޙިޝް ކަންތައް މަދު ޒިނޭއާއި ޒިނޭކޮށްގެން އަރާ ޖިންސީ ބަލިތައް އެންމެ މަދު މުޖުތަމަޢެވެ. އެމުޖުތަމަޢުގައި އެއޮތް އަމާންކަމާއި އުފާވެރިކަމާއި މެދު ބަޔަކު ޙަސަދަވެރިވެ އެމުޖުތަމަޢަކީ ނާމާން ބިރުވެރި ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތާއިގެން މިއަދު ބަޔަކު ވަނީ ފޫގަޅާފައެވެ. އެކަމުގެ އެއް ހެއްކަކީ މިދެންނެވި ރާއްޖޭގެ މަޝްހޫރު ނޫހުގައިވާ ޚަބަރެވެ.
އެހެނީ މިއީ މިއަދު އަދި އިއްޔެގެ ފަތުވާ އެއްނޫނެވެ. މިއީ ސަޢުދީ ޢިލްމުވެރީންނާއި އަދި މިއުއްމަތުގެ އިހުގެ އަދި ފަހުގެ މުޢްތަބަރު ޢިލްމުވެރިންގެ ރައުޔެވެ. މިއީ ޝައިޚް ޤައިސްގެ އަމިއްލަ ރައުޔެއް ނޫނެވެ. ޝައިޚްގެ ވާހަކަކޮޅުގައި ހަމަ އެކަނި މިވާހަކަތައް ނަޤުލު ކޮށްލުންފިޔަވައި އިތުރު އަމިއްލަ ވާހަކަތަކެއް ނުދައްކަވައެވެ.
ދެން މިޚަބަރު އިވުމާއެކު އިސްލާމްދީނާއި މިދީނުގެ އަހުލުވެރިންނާއި މެދު ޙަސަދަވެރިވެގެން އުޅޭ ޢަދާވާތްތެރިންނާއި މުސްލިމުންގެ ނަމުގައި ނަމަވެސް ސައްތައިން ސައްތަ އެ ފިކުރަށް ތާޢީދުކުރާ މުނާފިޤުންނަށް ހީވީ އެހެންފަދަ ކަމެއް ފެނިގެން އުޅުނުހެންނެވެ. އެކި ބަސްބަހަށް މިޚަބަރު ތަރުޖަމާކޮށް ނަޤުލު ކުރަންފެށިއެވެ. ޢިލްމުވެރިންނަށް ހަޖޫޖަހައި ޢިލްމުވެރީންނަށް ފުރާއްސާރަ ކުރަންފެއެވެ.
ނޫހުގެ ލިޔުންތެރިޔާއެވެ! ފުރައްސާރަ ތިޔަ ކުރެވެނީ ތިބާ އެދީނެއްގެ މަތީގައި ހުރިކަމަށް ދަޢުވާ ކޮށްގެން ހުރި އިސްލާމް ދީނަށާއި މިދީނުގެ މުޖްތަހިދު ޢިލްމުވެރީންނާއި އެބޭފުޅުންގެ ރައުޔު ތަކަށެވެ. އެބޭފުޅުންނަކީ އެބޭފުޅުންގެ މުޅި ޢުމުރު އިސްލާމްދީނުގެ ޙުކުމްތައް ދިރާސާ ކުރުމަށްޓަކައި ހޭދަ ކޮށްލެއްވި ބޭފުޅުންނެވެ. ތިބާ ކޮފީ މޭޒެއްގައި އިންދާ ބީބީސީއިން ޓްވީޓު ކުރި ޚަބަރެއް ދިރާސާ ކުރުމެއް ނެތި ހިތުހުރި ގޮތަކަށް ތަރުޖަމާކޮށް ކަންކަން އޮޅުވާލުމުން މިފަހަރު ޝައިޚް ޤައިސް އާލުއައްޝައިޚް ނަންވެސް ތިޔަ އޮތީ ޤިޔާސޭ އަލް މުބާރަކޭ ކިޔާ އޮޅުވާލާފައެވެ. މިފަދަ ކަންކަމުން ހާމަވަނީ ތިބާގެ ނާޤާބިލުކަން ނޫން ދެވަނަ ކޮންކަމެއް ހެއްޔެވެ.
އަދިވެސް ދަންނަވަމެވެ. މިޚަބަރުގައި 2002 ވަނައަހަރު 15 ކުދިން މަރުވި ޙާދިޘާއެއްކަމަށް ނަޤުލް ކޮށްފައި އެވަނީ ރޯބުހުތާނު އެއްވެސް އަޞްލެއް ނެތް ދޮގުވާހަކަތައްކަން މައްކާގެ ފުލުހުން މިޙާދިޘާއި ގުޅިގެން ނެރުނު ބަޔާނާއި ހައިއަތުލް އަމްރު ބިލް މަޢުރޫފް އިން ނެރުނު ބަޔާނުން ސާފުވާނެއެވެ. އަދިވެސް އިތުރަށް ދިރާސާއެއް ކޮށްފިނަމަ ކަލޭމެންގެ ތިޔަ ނޫހުގައި މިވާ ޚަބަރުން ދުވާ ވަސް އިތުރަށް ފެތުރިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...