ވާހަކަ އަހަރެންވެސް ހަމްދަރުދީ ވަމެވެ.

އަހަރެންވެސް ހަމްދަރުދީ ވަމެވެ.

އަހަރެންވެސް ހަމްދަރުދީ ވަމެވެ.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އަހަންނަކީވެސް ތިބާފަދަ އަންހެން ކުއްޖަކީމެވެ. ހަމަ ތިބާފަދަ މިނިވަނަކީމެވެ. ޢާއިލާގެ ފަރާތުންނާއި ގާތްތިމާގެ މީހުންގެ ފަރާތުން ލޯތްބާއި އަޅާލުންވެސް ލިބެމުންދާ ކުއްޖަކީމެވެ. ނަމަވެސް ތިބާފަދަ ގިނަ އަންހެން ކުދިން އަޅާފަދައިން އަހަރެން ހެދުން ނާޅާތީ ތިބާ އަހަންނާ ދޭތެރޭގައި ޙަމްދަރްދީ ވަނީ ހެއްޔެވެ؟ އަހަރެން މިވަނީ ކަޅު ފޮތިގަނޑެއްގެ ތެރޭގައި ހައްޔަރުވެ، ރީތިކަމާއި ޒުވާންކަމުގެ ބޭނުން ނުހިފިފައި ކަމަށް ހީވަނީ ހެއްޔެވެ؟ އަހަރެންގެ މަޙްރަމަކާއި އެކު މެނުވީ ގެއިން ބޭރަށް ނުނިކުންނާތީ ތިބާއަށް ލިބިފައިވާފަދަ މިނިވަންކަމުގެ ޙައްޤުތަކުން އަހަރެން މަޙްރޫމްވެފައި ވާކަމަށް ފެންނަނީހެއްޔެވެ؟ އަހަރެންގެ ހިތުގައިވާ ޝުޢޫރުތައް ދެނެގަތުމެއް ނެތި އަހަންނާއި ދޭތެރޭގައި ގޮތް ނިންމަނީހެއްޔެވެ؟

އޭ އުޚްތާއެވެ! އަހަރެންގެ ވާހަކަތައްވެސް އަޑުއަހާށެވެ. ތިބާއަށް ލިބިފައިވާ އެއްވެސް އެއްޗެއް އަހަންނަކަށް އުންޏެއް ނުވެއެވެ. ތިބާ ތިޔަ ހީކުރާފަދައިން އަހަންނަކީ އުފާތަކުން މަޙްރޫމްވެ ހިތާމައިގެ މޮޅިސާލު ލައިގެން އިން މީހެއްވެސް ނޫނެވެ. އަދި  އަހަންނަކީ އަހަރެންގެ ރީތިކަމާއި ޒުވާންކަން ނީލަންކިޔުމަށް ދަހިވެތިވެފައިވާ މީހެއްވެސް ނޫނެވެ. އެހެނީ ހިލޭ ފިރިހެނުންގެ ލޯތަކަށް ފިނިކަމާއި ޝަޙްވަތް ގެނެސްދޭ އެއްޗަކަށް އަހަރެންގެ ވަނާތައް ހެދުމަކީ އަހަރެން ރުހޭ ކަމެއްނޫނެވެ. އަދި އަހަރެން އަހަރެންގެ މަޙްރަމުންނާއި އެކު ދަތުރު ކުރަނީ ވިޔާނުދާ މީހުންގެ ކިބައިން އެމީހުން އަހަރެން ރައްކާތެރި ކޮއްދޭނެތީއެވެ. އެއީ އަހަރެންގެ މިނިވަން ކަމަށް ބުރު އެރުމެއްނޫނެވެ. ނަމަވެސް އެއީ އަހަންނަށް ޙިމާޔަތް ލިބުމެވެ.

ތިބާ އަހަންނާއި ދޭތެރޭގައި ވިސްނާ ވަރަށްވުރެ ބޮޑަށް އަހަރެން ތިބާ އާއި ދޭތެރޭގައި ވިސްނަމެވެ. އަދި ތިބާ އަހަންނާއިމެދު ޙަމްދަރްދީ ވާވަރަށް ވުރެ ބޮޑަށް އަހަރެން ތިބާއާއި މެދު ޙަމްދަރްދީ ވަމެވެ. އެހެނީ އަހަންނަށް ލިބިފައިވާ މިނިވަންކަމާއި ރައްކާތެރިކަން ތިބާއަށް ލިބިފައި ނުވާތީއެވެ. ނިވާކަން ކުޑަ ހެދުމެއްގައި ތިބާ މަގުތައް މައްޗަށް ނުކުތުމަކީ ތިބާއަށް ލިބޭ ފަހުރެއް ކަމަށް ހީވަނީހެއްޔެވެ. އަކުމުގެ ސަބަބުން އެހެން މީހުންގެ ލޯތްބާއި ޤަދަރު ތިބާއަށް ލިބުމަށް އެދެނީހެއްޔެވެ. އެހެންކަމަށް ވަނީނަމަ ތިބާ ތިޔަވަނީ ވަރަށް ބޮޑު ހެއްލުމެއްގެ ތެރޭގައެވެ. ތިބާއާއި އެކު ބަގުތު ހޭދަކުރަމުންދާ ގިނަ މީހުންނަކީ ތިބާގެ ފުށުން ވަގުތީ ފައިދާތައް ލިބިގަތުމަށް އުޅޭ ބައެކެވެ. މިފަދަ ބައެއްގެ ތެރެއަށް ތިބާ އެކަނި ނުކުތުމުން ތިބާއަށް އަމާންކަމެއް އެބައޮތްތޯއެވެ.

އޭ ލޮބުވެތި އުޚްތާއެވެ! ތިބާއަށް ފާރަވެރިވާނެ ލޯތަކެއް ވާކަން ހަނދާންކުރާށެވެ. ފާރަވެރިންގެ ތެރޭގައި ބިތާއަށް ހެޔޮ ނޭދޭ ކިތަންމެ ބަޔަކު ވާނޭކަން ކަށަވަރެވެ. ސިއްރާއި ފާޅުގައި އެބައިމީހުން ތިބާގެފުށުން އަރާމާއި ލައްޒަތު ހާސިލްކުރަމުން ދެއެވެ. އެހެނީ ތިބާގެ ވަނާތަކަށް ބެލުމަކަށް އެބައިމީހުން ތިބާގެ ކިބައިން އިޒްނައަށް އެދޭކަށް ނުޖެހެއެވެ. ރައްޓެހިންނަށާއި ބީރައްޓެހިންނަށް މިފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އޭގެތެރޭގައި ތިބާ ގަޔާނުވާ ކިތަންމެ ބަޔަކުވެސް ވާނޭކަން ހަމަޔަޤީނެވެ. މިއީ ތިބާއަށް ލިބޭ މިނިވަންކަން ހެއްޔެވެ. ނުވަތަ ނިކަމެތިކަމެއް ހެއްޔެވެ.
ތިބާވެސް އަޑުއަހާފައި ވާނޭފަދައިން ޤައުމުގެ މިނިވަންކަން ރަމްޒުކޮށްދޭ އެއްޗަކީ ޤައުމީ ދިދައެވެ. އެދިދަ ފަޚުރުވެރިކަމާއި އެކު ވިހުރޭތަން ފެނުމުން ހިތަށް ހަމަޖެހުން ލިބި މިނިވަންކަމުގެ އިޙްސާސް ކުރެވެއެވެ. މީހުންގެ އަތްފޯރާ ފަށަށްވުރެ އުހުގައި އެދިދަ ހަރުކޮށްފައިވާތީ އެއަށް ލިބެންވާ ޝަރަފާއި ގަދަރު ވެސް އުނިނުވެ ލިބެމުން ދެއެވެ. ނަމަވެސް މި ދިދައަށް އިތުރު މިނިވަން ކަމެއް ހޯދައިދިނުމުގެ ގޮތުން އައްސާފައިވާ ދެކަން މޮހާލައިފިނަމަ ވާނީ ކިހިނެތް ހެއްޔެވެ. އިސާހަތަކު އެ ބިންމައްޗަށް ވެއްޓި، އެއްވެސް އަގެއް ނެތް އެއްޗަކަށް ވެގެން ހިނގައިދާނެއެވެ. އަންހެން ކުއްޖެއްގެ މިސާލަކީ ހަމަ މިއެވެ.
ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ އެއްވެސް އަގެއްނެތި ވިޔަފާރި މުދަލުގެ ގޮތުގައި ނުވަތަ އަޅުންގެ ގޮތުގައި ބޭނުންކުރެވެމުން އައި ބައެކެވެ. ހައްޤަކާއި ނުލާ އަނިޔާކޮށް ދިރިތިއްބާ ވަޅުލެވެމުން ދިޔަ ބައެކެވެ. ނަމަވެސް އިސްލާމްދީން އައުމަށްފަހު އަންހެނުންގެ ޢަދަރާއި ޢިއްޒަތް އުފުލިގެން ދިޔައެވެ. އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއްފަދައިން މިނިވަންކަމާއި ޙައްޤުތައް ހޯދައިދިނެވެ. ޙިމާޔަތާއި ރައްކާތެރިކަން ލިއްބައިދިނެވެ. މިޙިމާޔަތާއި ރައްކާތެރިކަމަކީ އަޅުވެތި ކަމެއް ކަމަށް ތިބާ ދެކެނީހެއްޔެވެ. އިސްލާމްދީން ތިބާއަށް ހޯދައި ދީފައިވާ މިނިވަން ކަމަށްވުރެ ފުރިހަމަ މިނިވަން ކަމަކަށް އެދެނީހެއްޔެވެ. އެހެންނަމަ ތިބާ އިހުޒަމާނުގައި އަންހެނުން ތިބި ނިކަމެތި މަޤާމަށް އެނބުރި ދާން ޖެހިދާނެއެވެ. ތިބާގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިދާނެއެވެ.

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.