ރާއްޖޭގެ ޚަބަރު

ޝަރީޢަތް ތަންފީޒު ކުރުމުގެ ސަބަބުން މުޖްތަމަޢުތަކަށް ލިބިފައިވާ ރައްކާތެރިކަން ތާރީޚުގައިވަނީ ލިޔެވިގެންގޮސްފައި: އައްޝައިޚް ސަމީރު

ޝެއިޚް ސަމީރު | ފޮޓޯ: ދިއިސްލާމް

އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމުގެ ސަބަބުން ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ ޞުލްޙަ މަސަލަސްކަމާއި އަމާން އޮމާންކަމާއި އަދި އިންސާނުންގެ މުޖްތަމަޢުތަކަށް ލިބިފައިވާ ރައްކާތެރިކަން ދުނިޔޭގެ ތާރީޚުގައިވަނީ ލިޔެވިގެން ގޮސްފައިކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ހަފްތާ ނަޞޭޙަތުގެ 50 ވަނަ އަދަދުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ ކުރީގެ އުއްމަތްތަކަށް އަޅުގަނޑުމެން ބަލާލައިފިކަމުގައިވާނަމަ އަޅުގަނޑުމެންނަށް ފެނިގެންދަނީ އެމީހުންގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޝަރީޢަތުގެ ޙުކުމްތައް ތަންފީޒު ނުކުރުމަށް އެބައިމީހުން ދައްކަމުންދިޔަ ބަހަނާތައްކަމަށާއި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅު ސާފުކޮށް ފެންނަން އޮތް ހިނދުގައިވެސް ތަފާތު ކޮޅުކޮޅަށް ދަމައި، އެމީހުންނަށް އެކަމުގައި ސާފު ނުވާކަމަށް ބުނެ ތަފާތު ބަހަނާތައް އެމީހުން ދައްކަމުން ދިޔަ މަންޒަރުކަމަށެވެ.

"ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ އުއްމަތް ލައްވާފައިވަނީ ވަރަށް މާތް މަތިވެރި އުއްމަތެއްގެ ގޮތުގަ. ކުރީގެ އިސްވެ ގޮސްފައިވާ ބައެއް އުއްމަތްތަކުގެ އަހުލުވެރިން އެ އުއްމަތްތަކުގެ ރަސޫލުންނާއި މެދުގައި ކަންތައް ކޮށްފައިވާ ގޮތާއި ޚިލާފަށް އަޅުގަނޑުމެންގެ އުއްމަތުގެ މާތް މަތިވެރި އަޞްޙާބު ބޭކަލުން މާތް ނަބިއްޔާ صلى الله عليه وسلم އާއިމެދުގައި ކަންތައް ކޮށްފައިވަނީ" ޝައިޚް ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުރާސްފަތި ދުވަހެއްގައި ސަލަފްގެ ވެބްސައިޓުގައި ޝާއިޢު ކުރަމުންގެންދާ ހަފްތާ ނަޞޭޙަތުގެ މިއަދުގެ ޚާއްޞަ ބަސްކޮޅު ނިންމާލައްވަމުން ޝައިޚް ވިދާޅުވީ އީމާނުގެ އަހުލުވެރިންނަކީ އެއްވެސް ކަހަލަ ބަހަނާއެއް އަދި ފޫކެހުމެއްނެތި ﷲ ގެ އަމުރުފުޅު އައިގޮތުގެ މައްޗަށް ޙުކުމްފުޅު ތަންފީޒު ކުރާ މީހުންކަމަށާއި އަދި އެބައިމީހުންނަކީ ކާމިޔާބު ވާނޭ މީހުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް ފަލާޙާއި ކާމިޔާބު ހޯދުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ގޮތުގެ މަތީގައި އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ވަފާތެރިކަމާއި އެކުގައި ޢަމަލު ކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެހައި ބޭފުޅުންނަށް ވަޞިއްޔަތް ކުރަން. ﷲ ސުބުޙާނަހޫ ވަތަޢާލާއީ އަޅުގަނޑުމެންގެ ހިތްތަކުގައި ފޮރުވާފައިވާ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހު" 6 މިނެޓުގެ މި ކުރު ވީޑިއޯކޮޅު ނިންމާލައްވަމުން ޝައިޚް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *