ރާއްޖޭގެ ޚަބަރު ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ކާމިޔާބު ޕާޓީ ތަކަކީ އެމްޑީއޭ، ޢަދާލަތު އަދި ޕިޕީއެމް: އިލެކްޝަންސް

ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ކާމިޔާބު ޕާޓީ ތަކަކީ އެމްޑީއޭ، ޢަދާލަތު އަދި ޕިޕީއެމް: އިލެކްޝަންސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޔާސީ ޕާޓީ ތަކުން ވާދަކުރި ކެންޑިޑޭޓުންގެ ނިސްބަތުން އެންމެ ކާމިޔާބު ޕާޓީ އަކީ އެމްޑީއޭ އާއި ޢަދާލަތު ޕާޓީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ޢާއްމު ކުރި ލޯކަލް ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާއިން ދައްކާ ގޮތުން ސަރުކާރު ކޯލިޝަނުން ވާދަކުރި ތިން ޕާޓީއަށްވުރެ އިދިކޮޅު އެމްޑީޕީން ކުރި ހޯދާފައި ވީނަމަވެސް މުޅި އިންތިޚާބުގައި ސިޔާސީ ޕާރޓީ ތަކުން ވާދަކުރި ކެންޑިޑޭޓުންގެ ނިސްބަތުން އެންމެ ކާމިޔާބު ޕާރޓީ އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއެވެ.
އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީއޭގެ ޓިކެޓުގައި ޖުމްލަ ނުވަދިހަ ފަސް ކެންޑިޑޭޓުން ވާދަ ކޮށްފައި ވާއިރު މަދު ޢަދަދެއްގެ ކެންޑިޑޭޓުންނަށް ނާކާމިޔާބާއި ކުރިމަތި ވީނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓުން ވަނީ ޖުމްލަ ފަންސާސް ހަ ގޮނޑި ކާމިޔާބު ކޮށްފައެވެ.
މިއީ އެ ޕާޓީން ވާދަ ކުރި ގޮނޑީގެ ނިސްބަތަށް ބަލައިފި ނަމަ ފަންސާސް އަށެއް އިންސައްތަ ގޮނޑިއެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި ނިސްބަތުން އެންމެ ދެވަނަ އަށް އެންމެ ކާމިޔާބު ޕާޓީ ކަމަށްވާ ޢަދާލަތު ޕާޓީން ވެސް ވަނީ ކޯލިޝަނުގައި ހިމެނޭ ޕާޓީ ތަކާއި ވަކިން ވާދަކޮށް ބޮޑު ކާމިޔާބެއް ހޯދާފައެވެ.
އެގޮތުން އެ ޕާޓީން ވާދަކުރި ޖުމްލަ ގޮނޑީގެ ނިސްބަތުން ފަންސާސް ހަތަރު އިންސައްތަ ގޮނޑި ޢަދާލަތު ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފައި ވާއިިރު، އެ ޕާޓީން ވާދަ ކުރި އަށްޑީހަ ތިން ގޮނޑީގެ ތެރެއިން ސާޅީސް ފަސްގޮނޑި އެ ޕާޓީން ވަނީ ކާމިޔާބު ކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ތިންވަނަ އަށް އެންމެ ކާމިޔާބު ޕާޓީ އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް ކަމަށް ވާއިރު، އެ ޕާޓީން ވަނީ ކައުންސިލް އިންތިޚާބުގައި ވާދަ ކުރި ގޮނޑީގެ ނިސްބަތުން ފަންސާސް އެކެއް އިންސައްތަ ގޮނޑި ކާމިޔާބު ކޮށްފައެވެ.
ޕީޕީއެމުން ކައުންސިލް އިންތިޚާބުގައި ވާދަކުރި ޕާޓީ ތަކުގެ ތެރެއިން ތިންވަނަ ހޯދާފައި ވަނީ އެ ޕާޓީން ވާދަ ކުރި ފައްސަތޭކަ ތިރީސް ހަތް ގޮނޑީގެ ތެރެއިން ދުއިސައްތަ ހަތާވީސް ގޮނޑި ކާމިޔާބު ކޮށްގެންނެވެ.
ކައުންސިލް އިންތިޚާބުގައި އެއް ޕާޓީ އަކުން އެންމެ ގިނަ ކެންޑިޑޭޓުން ނެރެގެން އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވާ އެމްޑީޕީ އަށް އެ ޕާޓީން ވާދަ ކުރި ގޮނޑީގެ ފަންސާސް އިންސައްތަ ގޮނޑި ކާމިޔާބު ކުރެވުނު އިރު، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީން ވާދަކުރި ނުވަސަތޭކަ އެއް ގޮނޑީގެ ތެރެއިން ހަތަރު ސަތޭކަ ފަންސާސް އަށް ގޮނޑި ހޯދާފައެވެ.
މީގެ އިތުރުން ކައުންސިލް އިންތިޚާބުގެ ފުލުން މިފަހަރު ޖާގަ ހޯދާފައިވާ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރި ޕާޓީން ވާދަކުރި ގޮނޑީގެ ސާޅީސް އިންސައްތަ ކާމިޔާބު ކުރެވުނު އިރު މިއީ އެ ޕާޓީން ވާދަ ކުރި ތިންސަތޭކަ ދެ ގޮނޑީގެ ތެރެއިން ސަތޭކަ ތޭވީސް ގޮނޑިއެވެ.
ކައުންސިލް އިންތިޚާބުގައި މިފަހަރު އަމިއްލަ ގޮތުން ވާދަކުރި ފައްސަތޭކަ ސާޅީސް ތިން ކެންޑިޑޭޓުންގެ ތެރެއިން ސަތޭކަ ތެއްތިރީސް ފަރާތަކުން ވަނީ ގޮނޑި ކާމިޔާބު ކޮށްފައެވެ.
މީގެ ތެރެއިން ދެ މީހަކު މިހާރު ޖުމްހޫރީ ޕާޓީ އަށް ސޮއި ކޮށްފައި ވާއިރު ޢަދާލަތު ޕާޓީއަށް ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކު ސޮއިކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.