ވެރިކަމުގައި ހުންނެވުމަށްފަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އޭނާގެ ވެރިކަމުގެ ދުވަސްވަރު އެނާ ކުރެއްވި ރައީސްކަމުގެ ހުވަޔާއި އަދި ޤާނޫނު އަސާސީއާއި އެތައް ފަހަރަކު ޚިލާފުވެފައިވާ ބޭފުޅެއްކަމަށާއި ނަޝީދުގެނަން ވޯޓުކަރުދާހުގައި އޮންނަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް އަދާލަތުން ބުނެފިއެވެ.
އަދާލަތު ޕާރޓީއިން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ ނަޝީދަކީ ޤާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި މަސައްކަތް ކުރެއްވުމަށް ވުރެ ބޮޑަށް " ޗާޓުން ބޭރުން " މަސައްކަތް ކުރައްވަން އުޅުއްވި ބޭފުޅެއްކަމަށާއި އޭނާ ބޭނުންވާ ގޮތަށް ފަނޑިޔާރުގެއިން ކަންކަން ނުވުމުގެ ސަބަބުން ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ފަނޑިޔާރުގެއާއި ކެނޑިނޭޅި ހަނގާ ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ފަނޑިޔާރުން "ކިޑްނެޕް" ކުރުމުމަށްވެސް ފަސްޖެހިވަޑައިގެންފައި ނުވާކަމަށެވެ.
އިތުރަށް މިނޫސްބަޔާނުގައިވަނީ ނަޝީދަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާ، އެކޯޓުގެ އަމުރަށް ތަބާނުވާނެކަމަށް ފާޅުގައި ވިދާޅުވެފައި އަދި ވިދާޅުވަމުންދާ ބޭފުޅެއްކަމަށާއި އަދި އޭނާގެ ބަހާއި އަމަލުތަކުން ޤާނޫނު އަސާސީގެ ރުޙާއި މަޤްޞަދާއި އަދި ނިޔަތާއި ޚިލާފުވެފައިވާ ބޭފުޅެއްކަމަށެވެ. އަދި ނަޝީދު އަލުން ވެރިކަމަށް އައުމަކީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވެ، އިސްލާމްދީން ނިކަމެތިވެ އެހެން ދީންތަކަށް ފުރުޞަތުލިބި ރާއްޖޭގެ އިސްލާމީ ވަހުދަތު ގެއްލިގެން ހިނގައިދާނެ ކަމުގެ ނުރައްކާ އޮތް ބޭފުޅެއްކަމަށެވެ. އަދި ނަޝީދަކީ ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގެ ރައީސްކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށްވެސް މިނޫސް ބަޔާނުގައި ވެއެވެ.
އިތުރަށް ނޫސްބަޔާނުގައި ފާހަގަ ކޮށްފައިވަނީ ޤާނޫނި ވަކީލު މުޙައްމަދު ވަހީދު ( ލޯޔަރު ވައްޑެ ) އިސްނަންގަވައިގެން ފައްޓާފައިވާ ޤާނޫނީ މަސައްކަތަކީ ކޮންމެހެންވެސް އަދާކުރަންޖެހިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށާއި އެހިތްވަރުގަދަ މަސައްކަތަށް ޢަދާލަތު ޕާރޓީއިން ތާއިދުކުރާހާލު އެމަސައްކަތަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާ ނަޝީދުގެ ކިބައިން ޤައުމު ސަލާމަތްކުރުމަށް މަސައްކަތްކުރެއްވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް މިނޫސްބަޔާނުގައި ގޮވާލައްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...