މުސްލިމުންގެ ސިޔާސީ މުފައްކިރުން ވިދާޅުވާގޮތުގައި އިސްލާމީ ޝަރީޢަތުގެ ނަޒަރުން ބަލާއިރު ވޯޓުދިނުމުގެ ހަތަރުވަމަ ޙައިޘިއްޔަތަކީ ސަކާކުރުމެއް (ޝަފާޢަތްތެރިވުމެއް) ގެ ހައިޘިއްޔަތެވެ. ކެންޑިޑޭޓަކަށް ވޯޓުދިނުމުން އަޅުގަނޑުމެންނަށް އެކުރެވޭކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޙައިޘިއްޔަތެއްގެ ބާރުގައި އެކެންޑިޑޭޓަކު މަޤާމަކަށް ހޮވުމަށް އަތްބާރުއަޅައި ދިނުމެވެ. އާދެ މިވެނި މީހަކު އެވެނި މަޤާމަކަށް ހޮވަން ފެންނަކަމުގައި ބުމުމެވެ. އަޅުގަނޑުމެން އެބުނާބުނުމަކާއި އެއްގޮތަށް އެމީހަކު އެމަޤާމަކަށް އިންތިޚާބު ވެއްޖެނަމަ އެމީހަކު އެމަޤާމެއްގައި ހުރެގެންކުރާކޮންމެ ރަނގަޅުކަމަކަށް އަޅުގަނޑުމެންނަށްވެސް އެކަމުގެ ސަބަބުން ދަރުމައާއި ޘަވާބުލިބޭނެއެވެ. ހަމައެފަދައިން އެމީހަކު އެމަޤާމަކަށް އިންތިޚާބުވުމަށްފަހު ނުބައި ކަންތައްތަކެއް ކުރަމުންގެންދާނަމަ އެކަމުގެ ޒިންމާ އަޅުގަނޑުމެންވެސް އުފުލަން ޖެހޭނެއެވެ. އެމީހަކު އިސްލާމީ ޝަރީޢަތާ ދުރު ޤާނޫނުލް ޢުޤޫބާތެއް ހަދަން މަސައްކަތްކުރާނަމަ، ނުވަތަ ރާއްޖޭގެ ތަޢުލީމީ ނިޒާމުން އިސްލާމް އެއްކިބާކޮށްލަން އުޅޭނަމަ ނުވަތަ އެމީހަކު އިސްލާމްދީނުގެ ނަބިއްޔާއަށް ފުރައްސާރަކުރާނަމަ އެކަމުގެ މަސްޢޫލިއްޔަތު މާތްﷲގެ ޙަޟުރަތުގައި އުފުލަންޖެހޭނެއެވެ. ތިމަންއޭނާޔަށް ވޯޓުދިނީ އެމަޤާމެއްގައި ބުޅަލެއްބާއްވައިގެން ވެސް މިވެނި މީހަކު އެމަޤާމުންވަކިކުރުމަށޭ ނުވަތަ އެވެނި މީހަކަށް އެމަޤާމު ލިބުނަ ނުދޭންވެގެންނޭ ބުނެގެން ފަރުޖެއްސޭކަށެއް ނޯންނާނެއެވެ.
އިސްލާމީ މުފައްކިރުން ވިދާޅުވާގޮތުގައި އެބޭފުޅުންގެ މިވާހަކަފުޅަށް ކީރިތި ޤުރުއާނުން ވަރަށް ޞަރީޙު ދަލީލެއް ލިބޭންއެބައޮތެވެ. ކީރިތި ޤުރުއާނުގެ ސޫރަތުއް ނިސާއުގެ 85 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
"ހެޔޮ ޝަފާޢަތަކުން ޝަފާޢައްތެރިވާ މީހާޔަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި. ނުބައި ޝަފާޢަތަކުން ޝަފާޢައްތެރިވާ މީހާޔަށް އޭގެ (ފާފައިން) ބައެއްވެއެވެ. " އެހެންކަމުން އަޅުގަނޑުމެން މީހަކަށް ވޯޓެއް ދޭންވާނީ މިކުރެވޭ ކަމަކާމެދު ހާސްފަހަރު ވިސްނުމަށްފަހުގައެވެ. އަރަހުށި މާތްﷲ ގެ ޙަޟުރަތުގައި އެކަމާ ޖަވާބުދާރީ ވާންޖެހޭނެކަން ދެނެހުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...