ގުރައިދޫގެ އެއްވެސް ތަޢުލީމުދޭ މަރުކަޒެއްގައި އެއްވެސް އިންތިޚާބެއްގެ ވޯޓް ފޮށި ނުބެހެއްޓޭނެކަމަށް އެރަށު ކައުންސިލްގެ ފަސް މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ރަށުގެ ސްކޫލަށް ސިހުރު ހަދާފައި ހުރި ކަމަށް ކައުންސިލަށް ގަބޫލުކުރެވޭތީއާއި، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަބަޔަކު އެގޮތަށް އެދެމުން ދާތީ އެގޮތަށް މިއަދު ކައުންސިލުން ނިންމީ ކަމަށެވެ. އަދި ދެވަނަ ބުރުގައި ވޯޓް ފޮށި ބަހައްޓާނެ ތަނެއް އިލެކްޝަންސް ކޮމިޝަނުން ނިންމަވާނެކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
އަދި އިތުރަށް އެބޭފުޅާ ވިދާޅުވީ މިދޭތެރެޔަކުން ރަށުގެ ގޮނޑުދޮށުގައި ވަޅުލާފައި ހުރި އާ ޚަތިމްތަކެއް ފެނިފައި ވާ ކަމަށް މަޢުލޫމާތު ލިބޭ ކަމަށާއި އަދި ގަބުރުސްތާނުގައި ހުރި މަހާނައެއްގައި ޖަހާފައި ހުރި އެއްޗެއްވެސް ބަޔަކު ނެގިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެރަށުން ވާހަކަދެއްކި މީހަކު ދިއިސްލާމަށް ކިޔައިދިންގޮތުގައި އެރަށުގައި ޖިންނި މޮޔަވެފައި ތިބި މީހުން ކޮންމެވެސް ވަރަކަށް މިހާރު އުޅެއެވެ.
ގުރައިދޫ މަދަރުސާއަށް ސިހުރު ހަދާފައި ހުރި ކަމަށް ލަފާކުރެވޭތީވެ އެރަށު ކައުންސިލާއި ރަށުގެ އިސްވެރިނާއި ޕޮލިހުން ގުޅިގެން ސިހުރު ބާތިލް ކުރުމަށްޓަކައި، ގުރައިދޫގައި ވަޅުލާފައި ހުރި ޚަތިމްތަައް އެއީ ސިހުރެއް ހެދުމަށް ކުރި ކަމެއްތޯ ބެލުމަށް ދިޔަ ރާގީއެއްގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރުމުން އެކަމަށް ގުރައިދޫގެ އެމްޑީޕީގެ އިސްފަރާތްތަކުން ހުރަސްއަޅައި ބޮޑު މާރާމާރީއެއް ހިންގައި ޕޮލިހުންނާއިވެސް ކުރިމަތިލުމެއް ހިނގި ކަމަށް ދިއިސްލާމަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ.
"ސިހުރު ހަދާފަ ހުރީ ސްކޫލަށް ކަމަށް ވަނީ. ދެން އެއްބަޔަކު މި އަޅުވަނީ އަނެއް ބަޔެއްގެ ބޮލުގައި. އެމްޑީޕީ މީހުން ބުނަނީ ޕީޕީއެމް އިންނޭ ސިހުރު ހަދަނީ. ޕީޕީއެމް އިން ބުނަނީ އެމްޑީޕީ އިންނޭ ސިހުރު ހަދަނީ. ދެން ކިޔަވަދޭން ބުނި މީހާ ބުނީ ތިމަންނަ ދީފާނަމޭ ދެބައިމީހުން އަތަށްވެސް ސިހުރު ބާތިލްކުރުމަށް ކިޔަވާފަ ހުރި ފެން. ދެބައި މީހުންވެސް ގޮސް އަޅާށޭ. ތިމަންނަ ކިޔަވާނީވެސް ބާރަށް އެންމެނަށް އިވޭގޮތަށޭ. ތިމަންނަ ކިޔެވުމުގެ ކުރިން ކިޔަވާނެ އެއްޗެއް ދެބަައި މީހުން އަތަށްވެސް ދޭނަމޭ. އެޔާ ޚިލާފަށް ކިޔަވަންޏާވެސް އެނގޭނެ ނޫންހޭ. ބުނީމަ ޕޕމ މީހުން އެއްބަސްވި އަޅަން އެކަމަކު މޑޕ މީހުން އެއްބަހެއް ނުވި. އެމީހުން ބުނަނީ އިންތިޚާބުގެ ކުރިން އެއްވެސް ކަމެއް ނުކުރެވޭނެޔޭ ސްކޫލަކަށް. އިންތިޚާބުގެ ފަހުން ކުރަންޏާ ކުރާށޭ" އޭނާ ކިޔައިދިނެވެ.
އިންތިޚާބު ބޭއްވުމުގެ ކުރިންވެސް ރަށު ކައުންސިލުން ވަނީ ވޯޓްފޮށި ސްކޫލުގައި ބެހެއްޓުމަށް ދެކޮޅު ހަދާފައެވެ. އޭރު ކައުންސިލުން ބުނަމުން ދިޔައީ ވޯޓް ފޮށި ބަހައްޓައިގެން ސްކޫލަށް ވާ ގެއްލުމެއްގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން އުފުލަން ޖެހޭނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...