ސިހުރު ހަދާމީހުން ހައްޔަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ގޮވާލައްވާފައިވާ މެމބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށާއި، ސިޙުރު ހަދާއުޅެނީ ހަމައެކަނި ސިޔާސީ ކަންކަމުގައި ނޫންކަމަށް ސިޙުރުވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާ "ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް" ގެ ރައީސް އައްރާޤީ އަޖްނާދު ޢަލީ ވިދާޅުވެއްޖެއެވެ.
"ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް" ގެ ރައީސް އައްރާޤީ އަޖްނާދު ޢަލީ ގެ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވާ ސްޓޭޓަސްގައި، މަޖިލީހުގެ ބައެއް މެމްބަރުން މީގެ ކުރިން ބައެއް ޖަލްސާތަކުގައި އެމް.ޑީޕީގެ ސިޙުރު ހަދާމީހުން ހައްޔަރުކުރުމަށް ގޮވާލާފައިވާތީ، އެޚަބަރުތަކަށް ޙަވާލާ ދެއްވާ ވިދާޅުވެފައިވަނީ، ސިޙުރުހަދާއުޅެނީ ހަމައެކަނި ސިޔާސީ ކަންކަމުގައި ނޫންކަމަށެވެ.
"ހިތާމައާއެކު ދަންނަވާލަން ޖެހެނީ، ސިހުރުގެ ކަންކަން ކުރަނީ ހަމަ އެކަނި ސިޔާސީ ކަންކަމުގައި ވަކި ބައެއް ނޫންކަން. މި ދިވެހި ރާއްޖޭގަ އެތައް ރަށެއްގަ އެތައް ރައްޔިތުންނެއް، ސިޙުރުގެ ވޭން ތަހައްމަލް ކުރަމުން އެބަ ދޭ. ސިޔާސީ ގޮތުން ހަދާ އުޅޭ ސިހުރު ތަކަކީ ސިޔާސީ ދަނޑިވަޅު ތަކުގައި ހަދަމުންދާ އެއްޗެއް" އަޖްނާދު ޢަލީގެ ސްޓޭޓަސްގައި ވެއެވެ. މިދަނޑިވަޅަކީ އިންތިޚާބް ކައިރިވެފައިވާ ދަނޑިވަޅަކަށްވީއިރު، ވޯޓުހޯދުމަށް، ސިޙުރު ހަދާކަމަށް ބައެއް ޕާރޓީ ތަކުގެ ލީޑަރުންވެސް ވަނީ ތުހުމަތުކުރައްވާފައެވެ.
އަޖްނާދުގެ ސްޓޭޓަސްގައި އިތުރަށް ވަނީ "ކޮންމެ އިންތިޚާބެއްގައިވެސް ސިޙުރު ހަދާ، ވަކި އެމް.ޑީ.ޕީ އެއް ނޫން. އެހެން ބައެއް ޕާރޓީތަކުންވެސް، އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެމްބަރުން ވެސް ވޯޓް ހޯދުމަށްޓަކައި ސިހުރު ހަދާކަން މީ ގިނަ ބަޔަކު ދަންނަ ޙަޤީޤަތެއް" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި، މަޚްލޫފާއި މުއްޠަލިބް މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އެމްޑީޕީން ކަނޑަށް ފާލަން އަޅައިގެން ސިޙުރު ހަދަމުން ދާކަމަށެވެ. އަދި އެއީ އެތައް ބަޔަކު މެރުމަށް ކުރަމުންދާ ކަމެއް ކަމަށް ތުހުމަތުކުރައްވާފައިވެއެވެ. ފާޅުކަން ބޮޑުގޮތެއްގައި އެމް.ޑީ.ޕީގެ ބައެއް އެއްވުންތަކުގައާއި، އުސްފަސްގަނޑުގައި، އަކަތައް އެލުވުމާއި ދުން އެޅުމާއި، ކަނޑަށް ފާލަން އަޅައިގެން ހާކަތިލައި، މާ ބަހައްޓައިގެން ކިޔެވުން ފަދަ ސިޙުރުގެ ޢަމަލުތައް ވަނީ ހިންގާފައެވެ. އަދި ވޯޓު ހޯދާ، ޕާރޓީއަށް މީހުން ވެއްދުމަށްޓަކައި، ސިޙުރު ހެދުމަށްފަހު ބޮނޑިބަތްފަދަ ތަކެތި ބަހާކަމުގެ ތުހުމަތުތައް އެތައް ބަޔަކު ދަނީ އެމް.ޑީ.ޕީގެ މައްޗަށް ކުރަމުންނެވެ.
"މިފަދަ ސިޔާސީ ކަންކަމުގައި ހަދާ ސިހުރުގެ އެރަށެއްގެ ވޯޓް ފޮށިތައް ޢާއްމުކޮށް ބަހައްޓާ ތަންތަން ކަމުގައިވާ ސްކޫލްތަކުގެ ކުދިންނަށް ކޮށްފައިވަނީ މަދެއްކޮށް ނޫން." ކަމަށްވެސް އަޖްނާދު ޢަލީގެ ސްޓޭޓަސްގައި ވެއެވެ. އިތުރަށް އޭނާ ވިދާޅުވެފައިވާ ގޮތުގައި "ހައްޔަރު ކުރަންވީ ހަމައެކަނި އެމް.ޑީ.ޕީ ގަ ސިޙުރު ހަދާ މީހުނެއް ނޫން. ޢާއްމު ރައްޔިތުން ތެރޭ އެކަކު އަނެކަކަށް ހަސަދަވެ، ގެއްލުންދިނުމަށް ސިޙުރު ހަދާމީހުން ހައްޔަރުކޮށް އަދަބު ދިނުން ވަރަށް މުހިއްމު. މިކަމަށް ޤާނޫނެއް ކަނޑައަޅަން އެބަ ޖެހޭ. އެކަން ކުރަން ތިއްބެވީވެސް މެމްބަރުން. ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއެކު ސިހުރު ހެދުން މަނާ ކުރާ ޤާނޫނެއް އެކުލަވާލާ، ޤާނޫނުލް ޢުޤޫބާތުގައި ސިޙުރުވެރިންނަށް އިސްލާމް ދީނުގައި ވާފަދައިން ކަނޑިން ޖަހާ މަރާލުމުގެ އަދަބު ކަނޑައެޅުމަށް ގޮވާލަން" ކަމުގައެވެ.
ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް އިން ދަނީ، ސިޙުރު ފަދަ ކަންކަމުން ސަލާމަތްވާނެގޮތް ޤުރުއާނާއި ސުންނަތުގެ އަލީގައި (ރުޤްޔާ ޝަރުޢިއްޔާ) ބަޔާންކޮށްދީ ހޭލުންތެރިކުރުމުގެ ގޮތުން އެތައް މަސައްކަތެއް ކުރަމުންނެވެ. މިގޮތުން، ރާއްޖެ ތެރޭގައި ބައެއްރަށްރަށުގައި ވޯރކްޝޮޕްތައް ހިންގުމާއި، މާލޭގައި ރުޤްޔާ ވޯރކްޝޮޕްހިންގުމާއި، ރޭޑިއޯ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އިންޓަނެޓްގެ ޒަރީޢާއިން ހޭލުންތެރިކުރުމުގެ ގޮތުން ވެބްސައިޓެއްވެސް އަޖްނާދު ޢަލީ ދަނީ ހިންގަވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...