ނަޝީދުގެ ކެމްޕޭންގެ މުގޫ ގުޅިފައިވަނީ ބޭރުގެ މިޝަނަރީންނާއި ކަމަށާއި ރާއްޖޭގެ މައްޗަށް ވެރިވެގަންނަން އެކިގޮތް ގޮތުން މަސައްކަތް ކުރާ ބޭރުގެ ބާރު ތަކާއިކަމަށް ޢަދާލަތު ޕާޓީއިން ބުނެފިއެވެ.
ޢަދާލަތު ޕާޓީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އިންތިޚާބުގައި އެންމެ ގިނަ ފައިސާ ޚަރަދު ކުރާނީ ތިމަންނަ ކަމުގައި ވިދާޅުވެ ބޮޑާބަސް ވިދާޅުވަމުން ގެންދަވާ ނަޝީދަށް އެފަދަ ޢަދަދަކަށް ފައިސާ ދެނީ އޭނާ އަލުން ރާއްޖޭގެ މުސްލިމުންގެ މައްޗަށް ވެރިކުރުވުމަށް މަސައްކަތްކުރާ މިޝަނަރީން ނޫން ދެން އެހެން ކޮން ބައެއްތޯއެވެ؟ ބުނެ ޢަދާލަތު ވަނީ ސުވާލު އުފައްދާފައެވެ. "ނަޝީދާއި އަދި އެމް.ޑީ.ޕީގެ އިސްވެރިންނަކީ ލާދީނީ އެޖެންޑާ އެއްގެ ދަށުން މަސައްކަތް ކުރަމުންދާ ބައެއްކަމީ މިއަދު އެއްވެސް މީހަކަށް ދޮގު ނުކުރެވޭނެ ޙަގީގަތެކެއް."ކަމަށާއި "ނަޝީދު ވާހަކަ ތަކާއި ޢަމަލުތަކަކީ މިބަހުގެ އަލިގަދަ ދަލީލު ތަކެއް"ކަމަށްވެސް ޢަދާލަތުގެ ބަޔާނުގައިވެއެވެ. އަދި "ނަޝީދަކީ ޖީސުއިޓް މިޝަނަރީން ރާއްޖޭގެ އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރުމަށް އައުމަށް ފާޅުގައި ދަޢުވަތު ދެއްވާފައިވާ ބޭފުޅެއް"ކަމަށެވެ.
ރައީސް ނަޝީދުގެ ލާދީނީ ކަމަކީ މިއަދު އިސްލާމީ ދުނިޔޭގައި މަޝްހޫރު ވެފައިވާކަމެއްކަމަށްވެސް ޢަދާލަތުގެ ބަޔާނުގައިވެއެވެ. "އޭނާގެ ލާދީނީ ކަމަކީ މިއަދު އިސްލާމީ ދުނިޔޭގައި މަޝްހޫރު ވެފައިވާ ކަމަށާއި ޙުރުމަތްތެރި ވެގެންވާ ބިމަށް ދާން އެދުނު ހިނދު އޭނާއަކީ އެފަދަ މާތް ބިމަކަށް އެރުމަށް ލާއިގު މީހެއް ނޫންކަމުގައި ސަޢޫދީ ޑިޕްލޮމެޓުންނަށް ފެންނާތީ ވިސާ ދޭން ނުކެރުނު ބޭފުޅެއް"ކަމަށްވެސް ޢަދާލަތު ބުނެފައިވެއެވެ.
"އެމް.ޑީ.ޕީ ގެ އިސްވެރިން އެމީހުންނަށް ވެރިކަން ލިބުނު ދުވަހު ދިވެހި ރާއްޖޭގެ ޚަޒާނާޔަށް ހިތުހުރި ގޮތެއް ހެދިޔަސް، ޢަދާލަތުޕާޓީ ގެ އިސްމީހުންނަކީ ފައިސާގެ ދަޅައިގައި ވިކިގެން ދާނެ ބައެއްނޫންކަން އެންމެ ރަގަޅަށް އެގިވަޑައިގަންނަވާނީ ރައީސް ނަޝީދަށް"ކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.
ޢަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަޝީދުގެ ވެރިކަމުގެ ކުރު ދުވަސްކޮޅު ފާހަގަވެގެން ގޮސްފައިވަނީ ދިވެހި ރާއްޖޭގެ އިސްލާމީ ވަޙުދަތާއި ހަނގުރާމަކޮށް، އެކި ގޮތްގޮތުން އިސްލާމް ދީނަށް ގޮންޖެހުންތައް ކުރިމަތި ކޮށް، ކޮރަޕްޝަންގެ ވަބާ އިންތިހާޔަށް ފަތުރައި، ފިތުނަ ފަސާދަ ޢާންމު ވެގެން ދިޔަ މުޞީބާތުން ފުރިފައިވާ 3 އަހަރު ކަމުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...