ޝެއިޚް އިލިޔާސް ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކާ ކަމަށް ބުނެ އެމްޑީޕީއިން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ރައީސް ނަޝީދަށް ނިސްބަތްކޮށް ޝެއިޚް އިލިޔާސް ޙަޤީޤަތާ ޚިލާފު ވާހަކަތައް ތަކުރާރުކުރައްވަމުން ގެންދަވާ ގެންދެވުން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށެވެ. އެމްޑީޕީގެ ބަޔާނުގައި ވަނީ "ޝެއިޚް އިލިޔާސް ޙުސެން އަކީ ދީނުގެ ތޮފި އަޅުއްވައިގެން ހުންނަވައި، އޮޑި ދޯނި ފަހަރަށް އެބޭފުޅާގެ އީމާންތެރިކަން ވިއްކާލައި، އަދި ސިޔާސީ މަންފާ ހޯއްދެވުމަށްޓަކައި ދީނުގެ ނަމުގައި އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެގެން ނުވާ ޙަޤީޤަތާ ޚިލާފު އަދި ފިތުނަވެރި ވާހަކަ ދެއްކެވުމުގައި މަޝްހޫރު ބޭފުޅެއްކަން ވެސް ފާހަގަކުރާ"ކަމަށެވެ.
"އެބޭފުޅާ ވެވަޑައިގެންފައިވަނީ ދީނުގެ ނަމުގައި ޙަރާމްވެގެންވާ ބަޣާވާތެއް ކުރެއްވުމުގެ އެއް ބައިވެރިއަކަށެވެ. އަދި ބަޣާވާތުގެ ބައި ދައުރެއްގެ ތެރޭގައި ވެސް އެއް ފަރާތަކަށް ތެދުވެރިވުންމަތީ ދެމިހުންނަވާފައި ނުވާކަން ފާހަގަކުރަމެވެ. މިގޮތުން އެބޭފުޅާ ބައިއަތު ހިއްޕަވާ ކޮންމެ ފަރާތަކަށް ގައްދާރުވެވަޑައިގެންފައިވެއެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީއިން ޝެއިޚް އިލްޔާސް ހުސެއިން އާ ދެކޮޅަށް ނެރެފައިވާ ބަޔާނުގައި ދީނީ ތޮފި އަޅުއްވައިގެން ސިޔާސީ އެޖެންޑާ ޙާޟިލުކުރެއްވުމަށް މަސައްކަތް ނުކުރެއްވުމަށް އަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޝެއިޚް އިލިޔާސް ޙުސެނަށް އިޚްލާސްތެރިކަމާއެކު އެމްޑީޕީއިން އިލްތިމާސްކުރާ ކަމަށެވެ.
ޝެއިޚް އިލްޔާސް ހުސެއިން އަށް އެމްޑީޕީއިން ނޫސްބަޔާނެއް ނެރެފައިވަނީ ކުރީގެ ރައީސް ނަޝީދު އުމްރާއަށް ވަޑައިގެންކަމަށް ޝެއިޚް އިލްޔާސްގެ ޒަމީރަށް ގަބޫލު ނުކުރެވޭކަމަށް ޖަލްސާއެއްގައި ވިދާޅުވެފައިވާތީއެވެ.
ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވެފައިވަނީ "ނަޝީދު އުމްރާ އަށް ވަޑައިގެންނެވި ކަމަށް ބުނި ނަމަވެސް، އަޅުގަނޑުގެ ޒަމީރު އެކަން ގަބޫލް ނުކުރާ"ކަމަށެވެ.
ބަޔާން: ރައީސް ނަޝީދަށް ނިސްބަތްކޮށް ޝެއިޚް އިލިޔާސް ޙަޤީޤަތާ ޚިލާފު ވާހަކަތައް ތަކުރާރުކުރައްވަމުން ގެންދަވާ ގެންދެވުން މި ޕާރޓީން ކުށްވެރިކުރުން
ކޮމެންޓް (0)
ލޯޑް ކުރަމުން...