އައީއޯޔޫގެ އިމްތިހާނުތައް 13 އޯގަސްޓުގައި ފަށަން ހަމަޖެހިފައިވާކަމަށް އައީއޯޔޫގެ އިމްތިހާނު ހަދާ މަރުކަޒު، ޖަމްޢިއްޔަތުއްސަލަފު އިން ހަމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފު އިން މިއަދު ހާމަކުރި ގޮތުގައި އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ) ގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ އިމްތިޙާނުތައް 13 އޯގަސްޓްވާ އަންގާރަ ދުވަހު ފެށޭނެ ކަމަށާއި މިއަހަރު އައީއޯޔޫގެ އިމްތިޙާނު ހެދުމަށް ޖަމްޢިއްޔަތުއްސަލަފުގެ އިމްތިޙާނު މަރުކަޒުގައި 11 ދަރިވަރަކު ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.
"އިމްތިޙާނު މަރުކަޒުގައި ރަޖިސްޓްރީ ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ބެޗިލަރސް އޮފް އިސްލާމިކް ސްޓަޑީސްގެ ތިންވަނަ އަހަރުގައި ކިޔަވަމުންދާ ދަރިވަރުން"ނާއި "އައީއޯޔޫގެ ކޯސްތައް ފުރިހަމަކުރަމުންދާ ދިވެހި ދަރިވަރުންގެ ތެރޭގައި ދެޖިންސުގެ އެކި އުމުރުފުރާތަކުގެ ބޭފުޅުން ހިމެނޭ"ކަމަށް ޖަމްޢިއްޔަތުއްސަލަފު އިން ހާމަކުރެއެވެ.
ޖަމްޢިއްޔަތުއްސަލަފު އިން ހާމަކުރި ގޮތުގައި މި އިމްތިޙާނު ހިނގަމުންދާނީ ޖަމްޢިއްޔަތުއްސަލަފުގެ އިދާރާގައެވެ.
އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ) އަކީ ޑރ.ބިލާލް ފިލިޕްސްގެ މަސްއޫލުވެރިކަމުގެ ދަށުން ހިނގަމުން އަންނަ، ކިޔަވައިދިނުން މުޅިން ހިލޭ ހިންގާ އޮންލައިން ޔުނިވަރސިޓީއެކެވެ. މިޔުނިވަރސިޓީ ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުތަކާބެހޭ މުއައްސަސާއިން ފާސްވެފައި ނެތްކަމުގައިވިޔަސް، އައީއޯޔޫގެ ކޯސްތައް ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކުން އެކްރިޑިޓްކޮށް ޤަބޫލުކުރެއެވެ.
އައީއޯޔޫގެ އިމްތިހާނު ހަދާ މަރުކަޒެއްގެ ގޮތުގައި މިހާތަނަށް ދިވެހިރާއްޖޭގައި ރަސްމީކޮށް އެ ޔުނިވަރސިޓީއިން ހުއްދަލިބިފައިވަނީ ހަމައެކަނި ޖަމްޢިއްޔަތުއްސަލަފް އަށެވެ. ފާއިތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ޖަމްޢިއްޔަތުއްސަލަފުންވަނީ އައީއޯޔޫގެ އިމްތިޙާނުތައް ބާއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...