ހުސްބިމެއްގައި ޢީދު ނަމާދު ކުރަން އުޅޭތީ މަކުނުދޫގައި މުޒާހަރާކޮށްފިއެވެ.
ހދ މަކުނުދޫ ކައުންސިލް މެމްބަރު އަބްދުﷲ ހަމީދު ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "މިފަހަރުގެ ޢީދު ނަމާދު ކުރަން ކައުންސިލުން ނިންމީ ހުސްބިމެއްގައި ކަމަށާއި މިދިޔަ އަލްހާ ޢީދުގައިވެސް ޢީދު ނަމާދު ކޮށްފައިވަނީ ހުސްބިމެއްގައި"ކަމަށެވެ.
"ޢީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ ބަނދަރު ސަރަހައްދުގައި. އެސަރަހައްދުގައި ހުރީ އެމްޑީޕީގެ ދިދަތައް ދަމާފައި، އަޅުގަނޑުމެން އެދުނީ އެ ދިދަތައް ނަގައިދިނުމަށް ޢީދު ނަމާދު ކުރާތީ. ނަގާނެ ކަމަށް އިޝާރާތް ކުރި."ކަމަށް ކައުންސިލްގެ މެމްބަރު އަބްދުﷲ ހަމީދު ވިދާޅުވިއެވެ. އެހެނަސް މައްސަލަ ހޫނުވާން ދިމާވީ ޢީދު ނަމާދު ކުރަން ތައްޔާރު ކުރާ ސަރަހައްދުގައި އެމްޑީޕީގެ ކަންމަތީ ޖަލްސާއެއް ބާއްވާ އެޖަލްސާއަށްފަހު ހޫނުވުމުގެ ސަބަބުންނެވެ.
މަކުނުދޫއިން ވާހަކަ ދެއްކި ޒުވާނަކު ދިއިސްލާމްއަށް މައްސަލަ ހޫނުވެގެން ދިޔަ ސަބަބު ކިޔައިދިނެވެ. "ފަހުން ޢީދު ނަމާދު ކުރާ ތަނުގައި ކަންމަތީ ޖަލްސާ އޮންނާނެކަމަށް އެންގީ. ތައްޔާރު ކުރާ ސަރަހައްދުގައި ކަންމަތީ ޖަލްސާ ބޭއްވި. ޖަލްސާގައި ބުނަމުންދިޔައީ ހުސްބިމުގައި ކުރަން އުޅޭ މީހުންނަކީ އެހެން ދީނެއް ގެންނަން އުޅޭ ބައެކޭ. މިސްކިތުގައި ކުރުން މައްސަލައެއް ނެތެއް ނޫންހޭ. މަސްލަހަތު ނަގާލާފަދަ ވާހަކަ ދައްކާފައިވާ"ކަމަށް މަކުނުދޫއިން ވާހަކަ ދެއްކި ޒުވާނަކު ވިދާޅުވިއެވެ.
ސުންނަތް އާލާ ދިރުވުމުގެ މާތް މަޤްސަދުގައި ޢީދު ނަމާދު ހުސްބިމެއްގައި ކުރުމަށް ކައުންސިލުން ނިންމުމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ފަންސާހަކަށް މީހުން ނުކުމެ ވަނީ އެކަމާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ. މުޒާހަރާ ވަރަށް ބޮޑަށް ހޫނުވެފައިވެއެވެ. އަދި މިސްކިތުގައި ކުރެވޭނެ ގޮތް ހެދުމަށް ކައުންސިލަށް ޑިމާންޑް ކޮށްފައިވެއެވެ. އެހެންކަމުން ކައުންސިލާއި އެއްވި މީހުންނާއި ދެމެދު ބައްދަލުކުރުމަށްފަހު ނިންމާފައިވަނީ މިސްކިތުގައިވެސް ޢީދު ނަމާދު ކުރާ ގޮތަށެވެ.
މަކުނުދޫ ކައުންސިލްގެ މެމްބަރު އިތުރަށް ހާމަކުރި ގޮތުގައި ހުސްބިމުގައި ބާއްވާތީ ބަޔަކު ސިޔާސީ ބޭނުމަކަށް ހިތްހަމަނުޖެހުން ފާޅުކުރިނަމަވެސް ތައްޔާރީތައް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށާއި މިރޭ 2 ޖެހިއިރުވެސް ތަން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
މަކުނުދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ހަމީދު ވިދާޅުވީ އެންމެ ފަހުގެ ޢީދު ނަމާދުވެސް ހުސްބިމެއްގައި ބާއްވާފައިވާކަމަށާއި އެފަހަރު މިސްކިތުގައި ޢީދު ނަމާދު ނުބާއްވާކަމަށެވެ. އެފަހަރު އެއްވެސް މައްސަލައެއް ކުރިމަތިނުވާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...