ފުވައްމުލަކު ހޯދަޑު އަވަށުގެ މިސްކިތެއްގައި އިމާމްވެ ތަރާވީޙް ނަމާދު ކުރާ މީހަކު މުޞްޙަފް ބަލައިގެން ތަރާވީޙް ނަމާދު ކުރަމުންދާތީ ޢާއްމުންގެ މެދުގައި އެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އައްޑޫ އަށް ނިސްބަތްވާ މި މީހާއަކީ ޙާފިޒެއްގެ ގޮތުގައި މުޅި ރަށުގައި މަޝްހޫރު ވެފައިވާމީހެއްކަމަށް ފުވައްމުލަކުގެ ކުއްޖަކު މިއަދު ދިއިސްލާމަށް ވަނީ ޚަބަރު ދީފައެވެ. "މީނައަކީ މިހެން ކަންތައް ކުރާ މީހެއްކަން އަޅުގަނޑުމެންނަށް މީގެ 2 އަހަރު ކުރިން އޮތީ އެނގިފައި. އެހެންވެ މިފަހަރު ތަރާވީޙް ނަމާދު އެގޮތަށް ކުރާކަމަށްވަންޏާ މޫވީ ކުރާގޮތަށް އަޅުގަނޑުމެން ތައްޔާރު ވެގެން ތިބީވެސް. އެކަމަކު ރަށުގެ ކައުންސިލް އާއި ގުޅައިގެން މީނަ ހެދި އެއްޗަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މިސްކިތުގެ މިހުރާބު ގޭގައި ހުންނަ ދެ ދޮރުގެ ބިއްލޫރިގަނޑުގައި ބޭރުން އެތެރެ ނުފެންނަ ގޮތަށް ސްޓިކާ ތަތް ކުރުވީ. ދެން ވީޑިއޯ ކުރެވޭ ގޮތެއް ނުވި. ދީނުގެ އެންމެ މަތިވެރި އަޅުކަމުގެ ތެރެއިން މިފަދަ މަކަރު ހަދާކަށް ހެޔޮވެސް ނުވާނެއްނު އަޅެ. މައްސަލައަކީ ޙާފިޒުންނަށް ދޭ ޚާއްޞަ އެލަވަންސް ނަގައިގެން މިފަދަ މަކަރު ހަދާތީ" ފުވައްމުލަކުން ދިއިސްލާމަށް ޚަބަރު ދިން ކުއްޖަކު ކިޔައިދިނެވެ.
ފުވައްމުލަކުގެ އެހެން ކުއްޖަކު ދިއިސްލާމަށް ކިޔައި ދިންގޮތުގައި އޭނާގެ އެ މައްސަލައަކީ ބައެއް އަޚުންނަށް މީގެ ކުރިންވެސް ފަޅާ އަރާފައިވާ ކަމެއްކަމަށާއި އެހެންވެ އޭނާގެ ފަހަތުގައި ވަރަށް ގިނަ އަޚުން ނަމާދު ނުކުރާނެކަމަށެވެ.
"މީގެ ކުރީގެ ރަމަޟާން މަސްތަކުގައިވެސް އޭނަ ހަމަ އެގޮތަށް ކަންތައް ކޮށްފައިވަނީ. އަހަރެމެންނަށް އެއީ އައު ކަމެއް ނޫން. ޢާއްމުންގެތެރޭގައި ފިތުނައަކަށް ވެދާނެތީ އަހަރެމެން އެވާހަކަތައް ނުދައްކަނީ" ފުވައްމުލަކު އެހެން ކުއްޖަކު ކިޔައިދިނެވެ.
ނަމުގެ ކުރިއަށް "ޙާފިޒް"، މި ލަޤަބު ލައިގެން މީހުން މުޚާޠަބު ކުރަމުންގެންދާ މި "ޙާފިޒް" މީހާއަކީ ކުރިން މާލޭގައި ހުންނަ އިބްރާހީމީ މިސްކިތުގައި ދަންވަރު ތަޙައްޖުދު ނަމާދު އިމާމްވެ ކޮށްފައިވާ މީހެކެވެ. އެއީ ރައީސް މައުމޫނު ދައުރުގައެވެ. މުޞްޙަފް ބަލައިގެން އިމާމްވެ ތަރާވީޙް ނަމާދު ކުރާތީ އޭރުގައި މީނާގެ އެ ޙަރަކާތްތައް ބައެއް ކުދިންވަނީ ވީޑިއޯ ވެސް ކޮށްފައެވެ. ނަމަވެސް އެ ވީޑިއޯ ތައް ޢާއްމުންނަށް ފެންނަ ގޮތް ވެފައެއް ނުވެއެވެ.
"މީނާއަކީ އިބްރާހީމީ މިސްކިތުގައި ކުރިން ތަޙައްޖުދު ނަމާދު ކުރި މީހެއް. ވަރަށް ގިނަ އަޚުންނާއި އުޚްތުން ދާނެ މީނާގެ ފަހަތަށް. އެއީ ކިޔެވުން ރީތި ވީމައާއި ކިޔެވުމުގައި އަސަރު ހުންނާތީ. ފަހުން ކޮންމެވެސް ބަޔަކު މީނާގެ ޙަރަކާތްތައް ހުންނަ ގޮތުން ޝައްކުވެގެން ވީޑިއޯ ކުރީ. އަޅުގަނޑު ދުށިން އެ ވީޑިއޯ. އެވީޑިއޯއިން ފެންނަނީ އަލްފާތިޙާ ކިޔާ ނިމޭ ހިސާބުން މީނާގެ ގަމީހުގެ ކުރިމަތީގައި އިންނަ ޖީބުން މަޑުމަޑުން ކުޑަކުޑަ މުޞްޙަފެއް ނަގާތަން. ދެން އެ މުޞްޙަފް ބަލައިގެން މި ކިޔަވަނީ. އޭނާގެ ފަހަތަށް އަރާ ގިނަ ބަޔަކަށް އެކަން އެނގިގެން އޭނާގެ ފަހަތަށް ދިއުން ހުއްޓާލީ". ކުރިން މި "ޙާފިޒް" މީހާގެ ފަހަތުގައި ދަމު ނަމާދު ކުރި އަޚަކު ދިއިސްލާމަށް ކިޔައިދިނެވެ.
އެމްޑީޕީ ގެ ޖަލްސާތައް ފެށުމުގެ ކުރިން ޤުރުއާން ކިޔަވައި އަދި ނިމުމުން ދުޢާ ކުރުމަށް މަޝްހޫރު މި "ޙާފިޒް" މީހާއަކީ އެމްޑީޕީގެ އިސް ސަފުގައި ވަރަށް ބޮޑަށް ޙަރަކާތްތެރިވަމުންދާ އެކްޓިވިސްޓެކެވެ. އެމްޑީޕީ ގެ ޕޯޑިއަމް ތަކުގައި އިދިކޮޅު ފަރާތްތަކަށް، ޚާއްޞަކޮށް ދީނީ ޢިލްމުވެރިންނަށް ވަރަށް ބޭއަދަބީކޮށް ފާޑު ކިޔަމުންގެންދާ މި "ޙާފިޒް" މީހާ މިވަގުތު ދިރިއުޅެމުން ގެންދަނީ ފުވައްމުލަކުގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...