އެއީ 2010 ވަނަ އަހަރުގެ މެއި މަހެވެ. އެމަހުގެ 29 ވަނަ ދުވަހުގެ ރެއެވެ. ރާއްޖެ ވަޑައިގެންނެވި، ދުނިޔޭގެ މަޝްޙޫރު ދާއީ ޑރ. ޒާކިރު ނައިކުގެ އެންމެ ފަހުގެ ދަރުސް ބޭއްވުނު ރެއެވެ. އެއީ އަހަރެންގެ ޙަޔާތް ބަދަލުކޮށްލި ރެއެކެއެވެ.
"ފަހުގެ ތާރީޚްގައި ދިވެއްސަކު އިސްލާމު ދީނުން ބޭރުވެ، ފާޅުގައި ކުފުރު އިޢިލާން ކުރި ރެއެވެ." އެހަރެން އެރޭ ސިފަ ކުރަނީ އެގޮތަށެވެ. އެގޮތަށް އެކަން ވުމަކީ އަހަރެންނާއި، ގިނަ ދިވެހިން ހިތް ހަމަޖެހޭނެ ކަމެއް ނޫނެވެ. ނަމަވެސް، ހިތްހަމަނުޖެހުންތަކާއެކުވެސް، އެއީ އަހަރެންގެ ދިރިއުޅުމަށް ދިރުން ގެނެސްދިން ރެއެވެ.
ބަޔަކަށް ތެދުމަގާއި، ހެޔޮ ވިސްނުން މެދުވެރިކުރައްވަން ﷲ އިރާދަ ކުރައްވައިފިނަމަ، އެކަމަށް ސަބަބުތަކެއް މެދުވެރި ކުރައްވާނެއެވެ. ފަހަރެއްގައި އެސަބަބުތަކާއި މެދު މިދުނިޔޭގެ ވަޒަންވެރިޔާ ހިތް ހަމަ ނުޖެހުނު ކަމުގައިވިޔަސް، ﷲ ރޭއްވެވުން މާފުރިހަމަވެގެންވެއެވެ.
އަހަންނަކީ ރާއްޖޭގެ މަޝްހޫރު މީޑިއާ ސްޓޭޝަނެއްގައި މަސައްކަތް ކުރަމުން އައި ފަރާތެކެވެ. އެހިސާބަށް އަހަރެންގެ ތަޢާރަފު ބާއްވާށެވެ.
ޑރ. ޒާކިރު ނައިކު މާލެ ވަޑައިގެން ބޭއްވި ދެ ދަރުސައް އަހަރެން ދިޔައީ، ދީނާ މެދު އަހަރެންގެ ހިތުގައި އުފެދިފައިވާ ލޯއްބަކުންނޫނެވެ. ބައިނަލްޢަޤުވާމީ މަޝްޙޫރު ދާއީއެއްގެ ދަރުސަކަށްވާތީއެވެ. ފަހަރެއްގައިވެސް އަހަރެންގެ ދިރިއުޅުން އެހެން ހާލަތަކަށް ބަދަލު ކުރުމުގެ ވިސްނުމުގައެއް ނޫނެވެ. ކަންވީވެސް އެހެންނެވެ. ދެދަރުސުންވެސް އަހަރެންގެ ސިކުނޑިއަށް އާރޯކަމެއް ލިބޭވަރަށް އަސަރެއް ނުކުރިއެވެ. ފަހަރެއްގައި، ދީނީ ނަޞޭހަތާއި، ދީނީ ވައުޘުން އަސަރުކުރާ ވަރަށްވުރެ، އަހަރެންގެ ހިތުގައި ޣާފިލުކަމާއި ގަބުކަން ބޮޑީއެވެ.
ނަމަވެސް އެރޭގެ އެހާދިސާއަކީ އަހަރެންގެ ވިސްނުން ބަދަލުކޮށްލި ރެއެކެވެ. ދިވެއްސަކު އިސްލާމުން ދީން ޤަބޫލު ނުކުރާ ވާހަކަ ބުނި ވަގުތަކީ އަހަރެންގެ ހިތުގައި ބާރު އަޑަކުން މީހަކު ޓަކި ދިން ވަގުތެވެ. އިސްލާމު ދީން ޤަބޫލު ނުކުރާކަމަށް އޭނާ ދެއްކި ބަހަނާތަކަކީވެސް އަހަރެންގެ ހިތުގައިވެސް އުފެދިފައިވާ ބައެއް ޝައްކުތަކެވެ. ނަމަވެސް، އިސްލާމު ދީނުން ބޭރުވުމުގެ ވިސްނުމެއް އަހަރެން ނުގެންގުޅެމެވެ. އަހަރެންވެސް ނަން ކުރަން ބޭނުމީ މުސްލިމެއްގެ ގޮތުގައެވެ. އެއީ އަހަރެންގެ މައިންބަފައިންނާއި، ތިމާގެ އެންމެން ޤަބޫކުކޮށްގެން ތިބި ދީން ކަމުގައި ވާތީއެވެ.
އެހާދިސާ އެގޮތަށް ހިގުމުން، އަހަންނަށް އަހަރެންގެ ނަފުސާއިމެދު ވިސްނަން މަޖުބޫރުވިއެވެ. ހިތާ ހިތުން ސުވާލު ކޮށްލެވުނެވެ. އަނެއްކާ އަހަރެން މިހުރީ އިސްލާމު ދީނުގެ މަތީގައި ހެއްޔެވެ؟ އަހަރެންގެ ހިތުގައި އިސްލާމު ދިނާއި މެދު ޝައްކު އުފެދިފަ ހުރިކަން އެރޭ އަހަންނަށް ޔަޤީންވިއެވެ. އަހަރެން ހައިރާންވީ އެޝައްކުތަކަކީ އަހަރެން ގެންނަން ބޭނުންވެގެން އަހަރެންގެ ހިތުގައި އުފެދުނު ޝައްކުތަކެއް ނޫނެވެ.
ގަބު ވެފައިވާ އަހަރެންގެ ހިތައް އަސަރު ކުރިއެވެ. އަހަރެން ފަދައިން ދީނުގެ މާބޮޑު މަޢުލޫމާތެއް ނެތި، ބޮޑުވެފައިވާ ކިތައް ޒުވާނުންގެ ހިތުގައި މިދީނާއި މެދު ކިހާވަރަކަށް ޝައްކު އުފެދިފައި ހުންނާނެހެއްޔެވެ. އެކަމުގައި އަހަރެންގެ ނަފުސު އެކަނި ކުށްވެރި ކުރާކަށް އަހަރެން ނެތީމެވެ.
އެއީ މުޅި ރާއްޖޭގެ ތައުލީމީ މަންހަޖުގެ މައްސަލައެއްކަން އަހަންނަށް ވިސްނުނީ ފަހުންނެވެ. ސުކޫލުގެ ޙަޔާތުގައި ކުރިސްމަސް ދުވަހާއި ލޯބިވެރިންގެ ދުވަހުގެ މުނާސާބަތުގެ ތަހުނިޔާ ކިޔަމުން ދިޔައިރުވެސް ސުކޫލުގެ މާހައުލުން އެކަން ހުއްޓުވާނެ މީހަކު ނުވަތަ، އެކަން މަނާ ކުރާނެ ޤަވަޢިދެއްވެސް ނެތުން އެއީ އަހަރެންގެ މައްސަލައެއް ހެއްޔެވެ. ނުވަތަ މުޤައްރަރުގައި ކާފަރުންގެ ޢީދު ފަދަ ދުވަސްތައް ފާހަގަކޮށް، ތަހުނިޔާ ފޮނުވުމަކީ އަޤީދާއާއި ފުށުއަރާ ކަމެއްކަން، ބަޔާންކޮށްދީ ތަވްހީދާއި، ތައުވީލުގެ އެއީ ކޯއްޗެއްކަން ބުނެދިން ފިލާވަޅެއް ތައުލީމީ ޙަޔާތުގެ 12 އަހަރު ހޭދަ ކުރިއިރުވެސް، އަހަންނަކަށް ނުފެނުނެވެ. ކިޔަވައިދީފައެއްވެސް ނެތެވެ.
އަހަރެންގެ ހިތުގައި އުފެދިފައިވާ ޝައްކުތަކުގެ ސަބަބުން އަހަންނަށް އަސަރުކުރިއެވެ. އިންތިހާޔަށެވެ. އަހަންނަށް ނޭންގި އަހަރެން ކޯރެއްގެ މެދު ތެރެއަށް އައި ގޮތެވެ. އަހަންނަށް އެނގުމަކާއި ނުލާ ދީނާ ދުރަށް އަހަރެން ގެންދިޔަ ގޮތެވެ.
އަހަރެން އެރޭ ގެޔަށް ދިޔައީ ވަރަށް ދަންވިފަހުންނެވެ. އަހަރެންގެ އަންހެނުނާއި ދަރިފުޅު އޮތީ އަރާމު ނިދީގައެވެ. ދެ އަހަރުގެ ދަރިފުޅު ފެނުމުން އަަހަންނަށް އަސަރު ކުރިއެވެ. މިދަރިފުޅުމުގެ ވިސްނުމާ ފިކުރަށް މާދާމާ ވެދާނެ ގޮތަކާއި މެދު އަހަރެން ވިސްނާލީމެވެ. މިއަދު އަހަންނަށް ނޭންގި ހުއްޓާ އަހަރެންގެ ހިތުގައި އިސްލާމު ދީނާއި މެދު ޝައްކު އުފެދުނު ގޮތަށް، މާދަމާ މިދަރިފުޅުގެ ހިތުގައި އުފެދޭނީ ކިހާވަރެއްގެ ޝައްކުތަކެއް ކަމެއް އަހަންނަށް ނޭންގެއެވެ. އެދަރިފުޅުގެ ބޮލުގައި އަހަރެން ފިރުމާލީމެވެ. އަހަރެންގެ ހިތަށް ކޮށްފައިވާ އަސަރުތަކާއެކުގައެވެ.
އަހަންނަށް އެރެއަކު ހަމަޖެހުމެއް ނުލިބުނެވެ. ދީނާމެދު ޣީރަތްތެރިކަން އުފެދުނެވެ. އަހަރެންގެ ހިތުގައި އިސްލާމުދީނާ މެދު އުފެދިފައިވާ ޝައްކުތައް ނުފިލަނީސް އަހަންނަކަށް ތަސްލީއެއް ނުލިބޭނެއެވެ. އަހަރެން ފަދަ ކިތައް ޒުވާނުން އިސްލާމު ދީނާ ދުރަށް ގެންގޮސްފައި ވާނެ ހެއްޔެވެ. ނަމަވެސް އެކަމެއް އަހަންނަށް އިހުސާސް ކުރެވުނުގޮތަށް އެޒުވާނުންނަށް އިހުސާސް ކުރެވިފައި ވާނެހެއްޔެވެ.
އެރޭގެ އެހާދިސާއަކީ އަހަންނަށް ދިން އިންޒާރެކެވެ. އަހަރެންގެ ނަފުސު އިސްލާމުދީނުން ބޭރު ވެދާނެ ކަމަށް ދިން އިންޒާރެކެވެ. ނޭންގި ހުއްޓާ ކޯރުގެ މެދު ތެރެއަށް އަހަރެން އެއްލާލި ކާކު ހެއްޔެވެ؟ ކޮންގޮތަކަށް ހެއްޔެވެ؟
އަހެންގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލުވުމަށްޓަކައި އަހަރެންނަށް އެހީވެ ދިނީ އަހަރެންގެ ތައުލީމީ ޙަޔާތުގެ އެކުވެރިޔެކެވެ. އެއެކުވެރިޔާ މެދުވެރިކޮށް ރާއްޖޭގެ ދީނީ ޢިލުމުވެރިޔަކާއި ބައްދަލު ކުރުމުގެ ފުރުޞަތު އަހަންނަށް ލިބުނެވެ. އޭގެ ކުރިން ދީނީ ޢިލުމުވެރިންނާ މެދުވެސް އަހަންނަށް ވިސްނިފައި އޮތީ އެމީހުންނަކީ އިތުބާރު ހިފޭ ބައެއް ނޫންކަމެވެ. އެކި ފަހަރު އެކި ގޮތަށް ދީނުގެ ކަންކަން ބުނެދޭ ބައެއްގެ ގޮތުގައެވެ. ކުރިން ވިސްނިފައިވާ ވިސްނުމަށްވުރެ، އަހަންނަށް އެޝައިޚްގެ ކިބައި ލިބުނު، އެއްބާރުލުމާ އެހީ ތެރިކަމުން އެވިސްނުންވެސް އަހަންނަށް ބަދަލު ކުރެވުނެވެ. ވަރަށް ގާތްކޮށް އަހަންނާ ވާހަކަ ދެއްކިއެވެ.
އަހަރެން ބޭނުމީ އަހަރެން އަމިއްލައަށް ދިރާސާ ކުރުމަށެވެ. އެކަމަށް މަގެއް ކޮށައި ދިނީ އަހަރެންގެ އެކުވެރިޔާގެ އެދެމުގެ މަތިން އަހަންނާ ބައްދަލު ކުރި ޝައިޚްއެވެ. ދިރާސާ ކުރަންވީ މަސަދަރުތައް ބުނެދިނުމުން އަހަރެން އަމިއްލައަށް އޭގެ އެހީީގައި ހޯދަމުން ދިޔައީމެވެ. ވީޑިއޯ ދަތުސްތަކާއި އޮންލައިން ފޮތްތައް ކިޔަމުން ދިޔައީމެވެ.
އަހަރެންގެ ހިތުގައި އުފެދިފައިވާ ވަހުމުތައް ފިލާނެ ވަރަށް އަހަރެން މަޢުލޫމާތު އެއްކުރުމަށް މުއްދަތެއް ހޭދަކުރީމެވެ. އިސްލާމު ދީނާއި މެދު އެކި މިހުންގެ ހިތުގައި އުފެދިފައިވާ ކުށްހީތަށް ފިލުވައި ދިނުމަށްޓަކައި، ޑރ. ޒާކިރު ނައިކު ދެއްވާފައިވާ ދަރުސްތައް ބަލައި ދިރާސާ ކުރީމެވެ.
އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނައީމެވެ. ޒަމާނުގެ ފެށަން ހެދުމުގެ ސަބަބުން އައުރަ ނިވާ ނުކޮށްހުރި، އަހަރެންގެ އަންހެނުންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބައްދަލު ކުރީމެވެ. އަންހެނުންނަށް އެކަން ވިސްނައި ދެވުނީތީ ހިތް ހަމަޖެހުން ލިބެއެވެ. ދަރިފުޅުގެ ކުރިމަގު ކަނޑައަޅަން ވީގޮތް އަހަންނަށް ވިސްނުނެނެވެ.
އެކަމަށްޓަކައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހު އަހަރެންގެ ހިތަށް ތާޒާ ކަމެއް ލިބުނެވެ. ދީނާ މެދު އުފެދިފައިވާ ޝައްކުތައް ފިލައިގެން ގޮސް ހިތައް އޯރޯ ކަމެއް ލިބުނެވެ.
އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެއީމެވެ. 29 މެއި 2010 ގައި އަހަންނަށް އައި އިންޒާރުގެ ނަތީޖާއެއްގެ ގޮތުންނެވެ. އިސްލާމު ދީނުގެ ތެދުމަގު ލިބި، އެމަގުގައި ސާބިތުވުމަށްވުރެ ވަކިން ބޮޑު ހިތްހަމަޖެހުމެއް ނެތްކަން އަހަންނަށް ސާބިތުވެއްޖެއެވެ. އެއީ އަހަންނަށް އައި އިންޒާރުން ލިބުނު ފިލާވަޅުތަކުން، އަހަންނަށް ގެނެވުނު ބަދަލެވެ.
ކޯރުގެ ސަރަހައްދުން ކަނޑުގެ އައްސޭރިއަށް ބޭރުވުމުގެ ކުރިން އަހަރެން ސަލާމަތް ވިއެވެ. ފަތާފައި ކޯރުގެ އަސްސޭރިއަށް ވާސިލު ވެވުމުން ހިތް ހަމަޖެހުން ލިބެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...