ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަސް ހުޅުވައިފިއެވެ.
ޔުނިވަރސިޓީއިން މައުލޫމާތު ދެއްވާ ގޮތުގައި "ކެމްޕަސް ވަގުތީ ގޮތުން ހިނގަމުން ދާނީ ގަމު މަތިމަރަދޫ ސްކޫލް ހިންގަމުން ދިޔަ އިމާރާތުގައި"ކަމަށެވެ. ޔުނިވާރސިޓީއިން އިތުރަށް ހާމަކުރިގޮތުގައި "މި ޓާމުގައި ގަމު ކެމްޕަހުގައި 4 ކޯހެއްގެ ކިޔެވުން ކުރިއަށް ދާނެކަމަށާއި ނާރސިންގ އާއި އިސްލާމިކް ސްޓަޑީޒް އާއި މުދައްރިސްކަމާއި އަދި އިގިރޭސިބަހުގެ ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ"ކަމަށެވެ.
ލ.ގަމުގައި ޔުނިވަރސިޓީން ގާއިމްކުރި ކެމްޕަސް އިއްޔެ ހުޅުވައިދެއްވީ މި ސަރަޙައްދުގެ ހަތަރު މަދަރުސާގެ ހަތަރު ދަރިވަރުންނެވެ.
ކެމްޕަސް ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ "ދަނޑުވެރިކަމާއި މަސްވެރިކަމަށް އަމާޒުކޮށް ގަމުގައި ވަރަށް އަވަހަށް ކޯސްތަކެއް ފެށުމަށް އުންމީދު ކުރެވޭކަމަށާއި މީގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމުގަ"އެވެ.
ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޙަސަން ޙަމީދު ވިދާޅުވީ "ހައްދުންމައްޗަކީ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކުރުމަށް ވަރަށް އެކަށީގެންވާ އަތޮޅެއްކަމަށާއި، ވަކިން ޚާއްސަކޮށް ގަމުގައި ޔުނިވަރސިޓީން ޤާއިމްކުރާ ދާއިމީ ބޮޑު ކެމްޕަހަކީ މުސްތަޤްބަލުގައި ނަމޫނާ ކެމްޕަހަކަށް ވެގެންދާނެ"ކަމަށެވެ. އަދި "މި ކެމްޕަހުގެ ސަބަބުން ހައްދުންމަތީގެ ރައްޔިތުންނަށް ޢިލްމީ، ޢިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ގެނެސްދޭނެ ކެމްޕަހެއްކަމުގައި" ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައު ކެމްޕަހެއް ލ.ގަމުގައި ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ލ. އަތޮޅު ކައުންސިލާއި ގަމު ރަށުކައުންސިލްގެ މެންބަރުންނާއި ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އާއި ވައިސް ޗާންސެލަރ ޑރ. ޙަސަން ޙަމީދާއި ޔުނިވަރސިޓީގެ ބައެއް އިސްވެރިންނާއި ފެކަލްޓީތަކުގެ ބައެއް ޑީނުންނާއި ގަމުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...