ރަމަޟާންމަހަކީ އިސްލާމީ ވިސްނުމަކުން ބަލާއިރު ކުޅިވަރާއި ސަކަރާތުގެ މަހެއް ނޫންކަމަށް އައްޝައިޚް އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޕްރޮގްރާމްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިޚް އަލީ ޒާޙިރު ވިދާޅުވީ "ރަމަޟާންމަހަކީ އިސްލާމީ ވިސްނުމަކުން ބަލާއިރު އެއްގޮތަކަށްވެސް ކުޅިވަރާއި ސަކަރާތުގެ މަހެއް ނޫން ކަމަށާއި އެއީ އަޅުކަމުގެ މަހެއް ކަމަށެވެ. އަދި ރަމަޟާން މަހަކީ ﷲ އަށް ކުއްތަން ވުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި އަޅުގަނޑުމެންނަށް ސުވަރުގެ ވަނުމަށްޓަކައި މަގުފަހި ކުރެވެން އޮންނަ އެންމެބޮޑު ފުރުޞަތަކީވެސް ބަރާކާތްތެރި ރަމަޟާން މަސް"ކަމަށެވެ. އަދި "ރަމަޟާންމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް ކަމަށާއި، އެ މައްސަރުގައި ފަރުޟް ނަމާދު ޖަމާޢާތުގައި ކުރުމަށް އިސްކަންދިނުމާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވެ އެމަހުގައި ކީރިތި ޤުރުއާން ކިޔެވުން އިތުރު ކުރުމަށް" ޝައިޚް އަލީ ޒާހިރު ގޮވާލެއްވިއެވެ.
ގިނަ އަަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުން ބައިވެރިވި މިދަރުސްގައި ވާހަކަ ދައްކަވަމުން ޝެއިޚް އަލީ ޒާހިރު އިތުރަށް ވިދާޅުވީ "ބައެއް މީހުންނަށް ހީވާނީ ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލާ ސަކަރާތް ޖެހުމުގެ މަހެއްކަމަށް. އެއީ ވަރަށްބޮޑު އޮޅުމެއް. އަޅުގަނޑުމެންނަށް އުފާކުރުމާއި ހިތްހަމަޖައްސައިދިނުމާއި މަޖާ ކުރުމުގެ ދުވަސްތަކެއް ﷲ ޝަރުޢީގޮތުން ކަނޑައަޅުއްވާފައި އެބަހުރި."ކަމަށެވެ. "ރަމަޟާން މަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެތަށް ގޮތަކުން މާތްކުރައްވާ މަތިވެރި ކުރައްވާފައިވާ މަހެއް ކަމަށާއި މިމަސް ވަގުތުކުޑަތަންވެގެން އަންނައިރުގައި މިމަހަށް އިސްތިޤްބާލް ކުރުމަށްޓަކައި އަޅުގަނޑުމެން ތައްޔާރުތަކެއް ވާން އެބަޖެހޭ ކަމަށާއި އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު އެމަހުގައި ކަންތައްތައް ކުރާނެ ގޮތް ރާވާން ޖެހޭ"ކަމުގައިވެސް ޝެއިޚް ވިދާޅުވިއެވެ.
“ރަމަޟާންމަހަށް ތައްޔާރުވުން” މިނަމުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މިދަރުސްގައި ޝެއިޚް ވަނީ ރަމަޟާން މަސް ބޯމަތިވަމުން އަންނާތީ އެކަމާއި ބެހޭގޮތުން ވަރަށް ފުރިހަމައަށް އަލިއަޅުވާލާފައެވެ.
މިދަރުސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...